މަސްވެރިކަމަށް އޮންނަ ލޯތްބެއްގެ ބޮޑުކަމުން ގޮންޖެހުންތަކާއިއެކު ވެސް އެ މަސައްކަތާއިގެން ކުރިއަށްދާން ހިތްވަރާއިއެކު މަސައްކަތްކުރާ ކިތަންމެ ބަޔަކު ރާއްޖޭގައި ތިބިކަމީ ފެންނަން އޮތް ހަގީގަތެވެ. ހާލަތަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ސީދާގޮތުންނާއި ނުސީދާ ގޮތުން އައިސްފައި ވީނަމަވެސް ދިވެހިންގެ ހިތުގައި މަސްވެރިކަމަށް ދެވިފައިވާ މަގާމަކީ އަދިވެސް ހާއްސަ މަގާމެކެވެ.
މިކަންކަން އެންމެ ބޮޑަށް އިހުސާސް ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މަސްވެރިންގެ ވާހަކަތައް އަޑުއަހާލުމުންނެވެ. މިގޮތުން މަސްވެރިކަމުގައި މުޅި އުމުރު ހޭދަކޮށްފައިވާ ށ.ގޮއިދޫ އަބްދުއްޝުކޫރު އިބްރާހީމް (63) އަކީ ފާއިތުވި ސާޅީހަކަށް އަހަރު މަސްވެރިކަމާއިގެން ކުރިއަށް ދެވޭތޯ މެދުކެނޑުމެއް ނެތި ބުރަ މަސައްކަތް ކޮށްފައިވާ ފަރާތެކެވެ.
އަބަދުވެސް ކަނޑުމަތީ މަސައްކަތް ކުރުމަށް ލޯބިކުރާ ޝުކޫރު، 1977 ވަނަ އަހަރު އޭނާގެ އުމުރުން އެންމެ ސޯޅަ އަހަރުގައި ބޯޓުދަތުރު ކުރަން ދިޔައީ ކަނޑުމަތީ މަސައްކަތް ކުރުމަށް އޮންނަ ލޯތްބެއްގެ ބޮޑުކަމުންނެވެ. ތިންފަހަރެއްގެ މަތީން ޖުމްލަ 13 ވަރަކަށް އަހަރު އޭނާ ބޯޓު ދަތުރުކުރުމުގެ މަސައްކަތުގައި ރާއްޖޭން ބޭރުގައި ހޭދަކުރިއެވެ.
އެއަށްފަހު އެނބުރި ރަށަށް އައިސް ޒަވާޖީ ހަޔާތެއް ފަށައި ރަށަށް ދިރިއުޅުން ބަދަލުކުރުމުން ވެސް އޭނާއަށް އެއްގަމުގައި ހުރުން ވީ ދަތިކަމަކަށެވެ. ސަބަބަކީ ކަނޑުމައްޗަށް ޖެހިފައިވާ ލޯބި ބޮޑުވުމެވެ.

ބޭބެއާއި ގުޅިގެން މަސްދޯންޏެއް ބަނދެ އެ ދޯނީގައި މަހަށް ނުކުންނަން ފެށީ އޭނާގެ ކެޔޮޅު ކަމުގައެވެ. އެ ހިސާބުން މަސްވެރިކަމުގައި ދުވަހަކަށްވުރެ ދުވަހެއް ކުރިއެރުން ހޯދުމުން އައީ ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއި އެކުގައެވެ.
ޝުކޫރު މަސްވެރިކަމުގައި ހޭދަކުރި ސާޅީހަކަށް އަހަރުތެރޭ 50 ފޫޓު ލަކުޑި ދޯންޏަކާއި 75 ފޫޓޫ ލަކުޑި ދޯންޏެއްގެ އިތުރުން 89 ފޫޓުގެ ފައިބަރު ދޯންޏެއް ބަނީ، އެއްވެސް ލޯނެއް ނުނަގައެވެ.

އެ މަސައްކަތް ކުރިއަށް ގެންދާގޮތް ހިއްސާ ކުރަމުން ޝުކޫރު ބުނީ ކޮންމެ ދޯންޏެއް ބަނދެފައި ވެސް ދެން ވިސްނަނީ އެ ދޯނި ބާވުމުގެ ކުރިން އިތުރު ދޯންޏެއް ބަނުމަށް ބޭނުންވާ ފައިސާ އެއްކުރަން ކަމަށެވެ. މިގޮތުން މަސައްކަތް ކުރަމުން ގޮސް ދޯނީގެ މަސައްކަތް ފެށޭވަރުވުމުން ފަށައިގެން ކުރިއަށް ގޮސް، ބަންނަމުންދާ ދޯނީގެ 90 އިންސައްތަ މަސައްކަތް ނިމުމުން ދުއްވަމުން ގެންދާ ދޯނި ވިއްކާލާކަމަށެވެ.
ޝުކޫރު އިތުރަށް ބުނީ ކޮންމެ ދޯންޏެއްގައި ވެސް އިންޖީނު އަޅަނީ ލޯނު ނަގައިގެން ކަމަށާއި، ނަމަވެސް މިހާރު ބަނދެފައިވާ 89 ފޫޓުގެ ފައިބަރު ދޯނީގެ ހުރިހާ މަސައްކަތެއް ނިންމައި، ނުބޭލި ހަރުގޭގައި އެ ހުރީ އިންޖީނު އެޅޭނެ ގޮތެއް ނެތުމުން ކަމަށެވެ.

އެ ދޯނީގައި އެޅުމަށް ބޭނުންވާ އިންޖީނު ގަތުމަށް އެމްޓީސީސީއާއި ގުޅިގެން ވެސް މަސައްކަތް ކުރެވުނު ކަމަށާއި މިގޮތުން އިންޖީނުގެ އަގުގެ ދިހަ އިންސައްތަ ކަމަށްވާ 127000 (އެއްލައްކަ ހަތާވީސްހާސް) ރުފިޔާ އެމްޓީސީއަށް ދެއްކުމުން އިންޖީނު ގެނެސްދިން ކަމަށެވެ. ނަމަވެސް ބޭންކުން ލޯނު ހަމަނުޖެހުމުން ދެވަނަ ޕޭމެންޓް ނުދެއްކި އިންޖީނު ނެގޭނެ ގޮތެއް ނުވުމުން، މިހާރު ރީފަންޑަށް ވީ ފައިސާ އަނބުރާ ހޯދާފައިވާކަމަށް އޭނާ ބުންޏެވެ. ކުރީ ފަހަރުތަކާއި ހިލާފަށް މިފަހަރު ޝުކޫރަށް ބޭންކުން ލޯނު ހަމަނުޖެހުނީ އުމުރުން ދޮށީ ވުމުންނެވެ.
ޝުކޫރު ބުނީ ބަނދެފައިވާ ފައިބަރު ދޯނި އިންޖީނު އެޅޭނެގޮތެއް ނެތިގެން މިހާރު ވިއްކާލަން ނިންމާފައިވާ ކަމަށާއި، މިއަދު ވެސް އިންޖީނެއް އެޅޭނެ ގޮތެއް ފެނިއްޖެނަމަ އެ ދޯނީގައި މަހަށް ނުކުންނަން ތައްޔާރަށް ހުރި ކަމަށެވެ.
ދޯނި ބަނދެފައިވާ ގޮތާއި ގުޅޭގޮތުން އޭނާ ބުނީ، ދޯނި ބަނދެފައިވާނީ ސްކޮޓް ބާޑާ ރެސިންއާއި ސޮކޮޓް ބާޑާ ޖެލް ބޭނުން ކޮށްގެން ވަރަށް ރަނގަޅު ފެންވަރުގައި ކަމަށެވެ.

ޝުކޫރަކީ ކަނޑުމަތީގައި ލެޖެންޑެކެވެ. ފާއިތުވި ދިގު މާޒީގައި އޭނާ ނުކުރާކަށް މަސްވެރިކަމެއް ނެތެވެ. ކަޅުބިލަ މަސް ބޭނުމާއި އެ މަސް ކައްކައި ހިއްކައިގެން ވިއްކުމާއި، ކަންނެލީގެ މަސްވެރިކަމާއި، ލޭނު އަޅައިގެން މިޔަރު ބޭނުމާއި ފާނަވެރިކަމާއި، ފަޅުރަށްރަށުގައި ބަނޑަހަ ޖަހައިގެން ހުއިފިލަނޑާނަގައި ވިއްކުންފަދަ އެތައް ކަމެއް އޭނާ ކުރިއެވެ. އޭނާ ނުކޮށް އޮތީ އެންމެ ކަމެކެވެ. އެއީ އިހިވެރިކަމެވެ. ސަބަބަކީ އިހި ދެކެ ގަންނަ ބިރެވެ.
ރާއްޖޭގައި މަސްވެރިކަން ފެށިގެން އައިއިރު ރޯމަހުގެ ގޮތުގައި މަސް ކިރުން އެއީ އޮންނަ ކަމެއް ނޫނެވެ. އެ ދުވަސްވަރު ބާނާ މަސް ފަޅުވެރންނާއި އޮޑިވެރިއާއަށް ބަހާލުމަށް ފަހު އެ ކައްކާނީ ވެސް އަދި ހިއްކައި ވިއްކަން މާލެ ފޮނުވާނީ ވެސް އެބައެކެވެ.
ނަމަވެސް ރޯމަހުގެ ގޮތުގައި ރާއްޖޭގައި މަސްކިރަން ފެށިފަހުން މިއަދާ ހިސާބަށް ވެސް އުތުރުގައި އެކަށީގެންވާ ގޮތެއްގައި މަސްކިރޭނޭ އިންތިޒާމްތަކެއް ހަމަޖެހިފައި ނެތުން އެއީ އަބަދުވެސް އޮތް ގޮންޖެހުމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއެވެ.
“އޭރު އަންނާނެ އިހަވަންދޫ ކައިރިއަށް މަސްކިރާ ބޯޓް، ދެތިން ދޯންޏެއް މަސްކިރާއިރަށް އެ ބޯޓް އޮންނާނީ ފުލްވެފަ، އެއީ އުތުރުގެ ބަދަލުނުވި މަސްކިރުމުގެ ހާލަތު” ހާލަތު ސިފަކުރަމުން އޭނާ ބުންޏެވެ.

ޝުކޫރު ބުނީ އެ މީހުން މަސްވެރިކަން ފެށިއިރު ފަޅުވެރިންގެ ގޮތުގައި މަސައްކަތް ކުރާނެ މީހުން ނުލިބިގެން އުޅެން ނުޖެހޭ ކަމަށާއި، އޭރު އެތައް ޒުވާނުންނެއް މަހަށްދާ ކަމަށެވެ. ނަމަވެސް މަސްވެރިކަން އެކަށީގެންވާ ގޮތެއްގައި ކުރިނޭރުވި، ފަތުރުވެރިކަމުގެ ދާއިރާ މާ ބޮޑަށް ކުރިއަރައި ދިޔުމުގެ ނަތީޖާއެއްގެ ގޮތުން މިހާރު މަހަށް ނުކުންނާނެ ޒުވާނުން ނެތް ކަމަށެވެ. މިހާރު މީހުން ހޯދުމުގައި ބޮޑު ގޮންޖެހުން އޮތްކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.




