photo

ސައުދުގެ ހަޔާތުގެ ސަފްހާތަކުން “ފަރުމަސްވެރިކަން”، މިއީ ކުރިއެރުވިދާނެ މުހިންމު މަސައްކަތެއް

ދިވެހިރާއްޖޭގައި އިހުޒަމާނުއްސުރެ އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަނީ ކަޅުބިލަ މަހުގެ މަސްވެރިކަމެވެ. ވުމާއިއެކު ކަޅުބިލަ މަހުގެ މަސްވެރިކަމުގައި ހުރި ގޮންޖެހުންތަކުގެ ވާހަކައިގެ އަޑު ގަދައެވެ.

Share:

މުޅި ރާއްޖެ 1 ތަނަކުން ބަލައިލަން...

ދިވެހިރާއްޖޭގައި އިހުޒަމާނުއްސުރެ އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަނީ ކަޅުބިލަ މަހުގެ މަސްވެރިކަމެވެ. ވުމާއިއެކު ކަޅުބިލަ މަހުގެ މަސްވެރިކަމުގައި ހުރި ގޮންޖެހުންތަކުގެ ވާހަކައިގެ އަޑު ގަދައެވެ.

 

ކަނޑުގެ ސަރަހައްދު ބޮޑު މި ކުޑަކުޑަ ރާއްޖޭގައި ތަފާތު ވައްތަރުގެ މަސްވެރިކަން އަންނަނީ ކުރަމުންނެވެ. އޭގެ ތެރޭގައި ފަރުމަހުގެ މަސްވެރިކަން ހިމެނެއެވެ. ނަމަވެސް ފަރުމަހުގެ މަސްވެރިކަން ކުރިއަރުވައި އެ ދާއިރާގައި ހުރި ގޮންޖެހުންތަކުގެ ވާހަކަތަކުގެ އަޑު މަޑެވެ.

ފަރުމަހުގެ މަސްވެރިކަމުގައި މުޅި ހަޔާތް ހޭދަކުރަމުން އަންނަ ށ.ގޮއިދޫ ސައުދު ހުސެއިން (65) ގެ ވާހަކަތައް އަޑުއަހާލުމުން ފަރުމަހުގެ މަސްވެރިކަމަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ކުރެވިދާނެ މަސްވެރިކަމެއްކަން، އެނގިގެންދެއެވެ. ސައުދުގެ ހަޔާތުގެ ސަފްހާތަކުން އެކަމަށް ފުރިހަމައަށް ހެކިދެއެވެ.

photo

އުމުރުން އެންމެ ވިއްސަކަށް އަހަރުގައި ފަރުމަހުގެ މަސްވެރިކަން ފެށި ސައުދު މެދުކެނޑުމެއް ނެތި އެ މަސްވެރިކަން ކުރާތާ މިހާރު 45 ވަރަކަށް އަހަރު ފާއިތުވީއެވެ.

މުސްކުޅި އުމުރާއި ބައްދަލުވީ އިރުވެސް އޭނާ އެ ހުރީ އެ މަސައްކަތުގައި ސާބިތުވެއެވެ. ގެދޮރު އެޅީ ފަރުމަސްވެރިކަން ކޮށްގެން ލިބުނު އާމްދަނީންނެވެ. އޭނާގެ ހަ ދަރިން ކިޔަވައިދީ ބަލާބޮޑުކުރީ އެ މަސައްކަތުން ހޯދި މަންފާއިންނެވެ.

ފަރުމަހުގެ މަސްވެރިކަމަށް ނުކުންނަން ފެށި ދުވަސްވަރުގެ ވާހަކަ ހިއްސާ ކުރަމުން ސައުދު ބުނީ އެ ދުވަސްވަރު ބާނާ މަސް ވިއްކެން އޮންނަ ހަމައެކަނި ގޮތަކީ ލޮނު އަޅައިގެން މާލެ ފޮނުވުން ކަމަށެވެ. މާލެ ފޮނުވައިގެން ކިލޯއަކަށް ހަރުފިޔާ ހަތްރުފިޔާވަރު އޭރު ލިބޭ ކަމަށާއި އޭރަށް ބަލާނަމަ އެ އަގަކީ ގޯސް އަގެއް ނޫން ކަމަށެވެ.

photo

ފަރުމަސްވެރިކަން ކުރާ ދުވަސްވަރުތައް ބެހިފައި އޮންނަ ގޮތް ހިއްސާ ކުރަމުން ސައުދު ބުނީ ހުޅަނގު ބަލިވެ އިރުވާވާން ކައިރުވުމުން އެތެރެވަރީގެ ހުރިހާ ހިސާބެއްގައި އޮއިވަރު މަޑުވުމުން، މަސް ބާނަނީ އެންގަނޑު އަޅުވައިގެން ފައްތައިގެން ކަމަށާއި އާންމުކޮށް އެމަކަށް ބޭނުން ކުރަމުން އަންނަނީ ލައްޓި މަސްފަދަ އެން މަސް ކަމަށެވެ.

ރޯލު ފެއްތުމުގެ މަސްވެރިކަމަށް ނުކުންނަނީ ހަވީރުއެވެ. އެނބުރި އަންނަނީ ރޭގަނޑުގެ އިރާކޮޅެވެ. މިގޮތަށް ރޯލު ފައްތައިގެން އާންމުކޮށް ބާނާ ބާވަތްތަކުގެ ތެރޭގައި ކަށިތުންބާއި ގިޔުޅާއި ރަތްމަސް ފަދަ މަސްތައް ހިމެނެއެވެ. މަސްވެރިކަން ރަނގަޅު އެ ސަރަހައްދުން ރެޔެއްގެ މައްޗަށް ސައުދު ބުނާގޮތުންނަމަ ދުއިސައްތައަށްވުރެ ގިނަ ކިލޯގެ މަސް އެ މީހުން ބާނައެވެ.

photo

ސައުދުގެ ޓީމުގައި އާންމުކޮށް ތިން ހަތަރު މީހުން އެޅެއެވެ. އިރުވާވެ ހަޅަތައްޖަހައި މަޑުވުމުން އެންމެ އާންމުކޮށް ކުރާ މަސްވެރިކަމަކީ ބޮއެ އެޅުމެވެ. އެމަކަށް ބޭނުން ކުރަނީ ދިރޭ ރޮނޑެވެ. ހެނދުނު ހެނދުނާ ނުކުމެ ކަނޑުއޮޅިތެރޭ ފަންސާސް ނުވަތަ ފަސްދޮޅަހަކަށް ބޮއި އެޅުމުން މެންދުރުވާންވާއިރަށް ހުންނާނީ ތިންސަތޭކައެއްހާ ކިލޯ މަސް ބޭނިފައެވެ. ބޮއެ އެޅުމުގެ ތެރޭ ބޭނޭ ފާނަ، ފާނަ ގަންނަ ފަރާތްތަކަށް ވިއްކާލައިގެން ވެސް ރަނގަޅު އާމްދަނީއެއް ލިބޭ ކަމުގައި ސައުދު ބުނެއެވެ.

ހިބަރު މޫސުން ލައިގަތުމުން ހިބަރު މަސްވެރިކަމަށް ނުކުތްނަމަވެސް، މަދުން ހިބަރު އަންނަ ފަހަރެއްނަމަ އެ ދުވަސްވަރު ވެސް ސައުދު ހުސްވެ ހުންނަނީ ފަރުމަސްވެރިކަމަށެވެ.

މިޔަރުގެ އުނދަގޫ ހިއްސާ ކުރަމުން ސައުދު ބުނީ އޭނާ ފަރުމަހަށް ނުކުންނަން ފެށިއިރު މިޔަރުގެ އުނދަގޫ އެއްވެސް ވަރަކަށް ނުޖެހޭ ކަމަށާއި ނަމަވެސް މިޔަރު ބޭނުމާއި ހިފުން މަނާކުރުމުން މިހާރު މިޔަރާއިހެދި ފަރުމަހުގެ މަސްވެރިކަމަށް ވަރަށް ބޮޑަށް ދަތިވާ ކަމަށެވެ.

photo

“ކޮންމެ ދުވަހަކު ވެސް ރޯލުގައި ގަންނަ ފަނަރަ ވަރަކަށް މަސް މިޔަރު ބުރިކޮށްލާނެ، އޭގެތެރޭ ބޮޑެތި ކަށިތުނބި ބޮޑެތި ގިޔުޅު ފަދަ މަސް ހިމެނޭ، ހަތަރު ނަމްބަރު ބުޅިފިއްޓެއް އެންމެ ގިނަވެގެން ވެސް ގެންގުޅެވޭނީ ހަތަރު ދުވަހު” މިޔަރުގެ އުނދަގޫ ހިއްސާ ކުރަމުން ސައުދު ބުންޏެވެ.

ބާނާ ފަރުމަސްކޮޅު ރަނގަޅު އަގެއްގައި ރެގިލާކޮށް ވިއްކޭނޭ މަގެއް ފަހިވެފައި ނެތްނަމަވެސް ބައެއް ރެސޯޓްތަކަށް މިހާރު ވެސް ސައުދު އަންނަނީ ފަރުމަސް ވިއްކަމުންނެވެ. ބާނާ މަސް އެކަށީގެންވާ އަގެއްގައި ދާއިމީ ގޮތެއްގައި ވިއްކޭނޭ ފަހި ގޮތެއް ވެގެން ދިޔުމަކީ ސައުދުގެ ދެކެން ބޭނުންވާ ދުވަހެކެވެ.

Scroll to Top