cover

މިއީ ބޯވަ ބާނާ މީހަކާއި ދިމާވި ފުރަތަމަ ފަހަރު!

އަޅުގަނޑަށް ކުރިން ވިސްނިފައި އޮތީ ބޯވައަކީ ބުޅި އަޅުވައިގެން ނުވަތަ މަޑަ ޖަހައިގެން ނޫން ގޮތަކަށް އޭގެ ހަރުން ނެގޭ އެއްޗެއް ނޫންކަމަށެވެ. ބައެއް މީހުން ހަރުތަކަށް ކެމިކަލް ޖަހައިގެން ބޯވަ ނަގާ ވާހަކަ ވެސް ކޮންމެވެސް ވަރަކަށް އަޑު އަހަމެވެ. ނަމަވެސް ބޯވައަކީ ވަދު ހަދައިގެން ވަރަށް ފަސޭހައިން ބޭނިދާނެ އެއްޗެއް ކަން، އެނގުނީ ށ.އަތޮޅު ނޫމަރާ، ރިޔާޒް އަލީ (50) އާއި ބައްދަލު ވުމުންނެވެ.

Share:

މުޅި ރާއްޖެ 1 ތަނަކުން ބަލައިލަން...

އަޅުގަނޑަށް ކުރިން ވިސްނިފައި އޮތީ ބޯވައަކީ ބުޅި އަޅުވައިގެން ނުވަތަ މަޑަ ޖަހައިގެން ނޫން ގޮތަކަށް އޭގެ ހަރުން ނެގޭ އެއްޗެއް ނޫންކަމަށެވެ. ބައެއް މީހުން ހަރުތަކަށް ކެމިކަލް ޖަހައިގެން ބޯވަ ނަގާ ވާހަކަ ވެސް ކޮންމެވެސް ވަރަކަށް އަޑު އަހަމެވެ. ނަމަވެސް ބޯވައަކީ ވަދު ހަދައިގެން ވަރަށް ފަސޭހައިން ބޭނިދާނެ އެއްޗެއް ކަން، އެނގުނީ ށ.އަތޮޅު ނޫމަރާ، ރިޔާޒް އަލީ (50) އާއި ބައްދަލު ވުމުންނެވެ.

 

ރިޔާޒް ފުރަތަމަ ވަޒީފާ އަދާކުރީ ނޫމަރާ ސްކޫލުގައެވެ. އިނގިރޭސި މުދައްރިސެއްގެ ވަޒީފާއެވެ. އެއީ ނުވަދިހައި އަހަރުތަކުގެ ތެރޭގައެވެ. ކަނޑުމަތީ މަސައްކަތް ކުރުމަށް އޮތް ޝައުގެއްގެ ބޮޑުކަމުން އަށް އަހަރު ވަންދެން އަދާކުރި ވަޒީފާ ދޫކޮށްލައި، އޭނާ ފުރަތަމަ ފެށީ ކަޅުބިލަ މަހުގެ މަސްވެރިކަމެވެ. 2020 ވަނަ އަހަރު ބޯވަ މަސްވެރިކަން ފެށުމުގެ ކުރިން އޭނާ ކަނޑުމަތީގައި ތަފާތު މަސްވެރިކަމުގެ ހަރަކާތްތެރިވިއެވެ. ބޮޑުކަންނެއްޔަށް ދިޔައެވެ. ވަދާދިއުމާއި ފަރުމަސްވެރިކަން ކޮށްގެން ނަފާ ހޯދިއެވެ.

photo

އުމުރުން ދޮށީވެ، އަނބިދަރިން ކައިރީގައި ރަށުގައި ދިރިއުޅެން ބޭނުން ވުމާއިއެކު، ރަށުގައި ހުރެގެން އާމްދަނީ ހޯދަން ބޯވަ މަސްވެރިކަން  ފެށީ 2020 ވަނަ އަހަރުގެ ތެރޭގައެވެ. ރާއްޖޭގައި މިވަގުތު އެނެމެ ބޮޑު ޑިމާންޑެއް އޮތް އަދި އެންމެ ރަނގަޅު ނަފާއެއް ލިބޭ ސީފުޑްގެ ބާވަތަކީ ބޯވައެވެ. މިއީ އޭނާ މި މަސައްކަތަށް ނުކުންނަން ނިންމި އެއް ސަބަބެވެ.

photo

ރިޔާޒް ވެސް ފުރަތަމަ ބޯވަ ނަގަމުން އައީ ދަގަނޑުން ބޮޑެތި ބުޅިއާއި މަޑަ ހަދައިގެން، ހަރުގައި އިންނަ ބޯވައިގައި އަޅުވައި ދަމައިގެންނެވެ.

“މިހެން މި މަސައްކަތުގެ ތެރޭ އުޅެނިކޮށް އެއް ދުވަހަކު ހިތައް އެރީ، ބޯވަނަގަން ވެސް މިއަށްވުރެ ފަސޭހަ ގޮތެއް އޮންނާނެއޭ، ހޯދާ ބަލާށޭ ޖެހޭނީ، ދެން ގޫގުލް ކޮށްލައިގެން ބެލީ ބޯވައިގެ އެންމެ މަގުބޫލް ކާނާއަކީ ކޮބައިތޯ؟ ބެލިއިރު މި އެނގުނީ ރަތް ކަކުނީގެ ބާވަތްތައް ކަން، ދެން ބޭރުން އޯޑަރު ކޮށްގެން ގެނައީ ސިލަކަން އިން ހަދާފައި ހުންނަ އޭގެ ކަކުނި” މި މަސައްކަތް ފެށިގޮތް ހިއްސާ ކުރަމުން އޭނާ ބުންޏެވެ.

photo ()

ކަކުނި ގެނެސް ބޯވަ ބޭނުމަށް އޭގެން ވަދެއް ތައްޔާރު ކުރަން އޭނާ ވިސްނިއެވެ. މިގޮތުން ކަކުނީގެ މެދުން ދެ ލޯވަޅުއަޅައި، ބަރުދަން ހެޔޮވަރުވާވަރުގެ ތިމަރަ ފޮއްޗެއް އޭގެ ދަށުގައި ހަރުކޮށް، ކަކުނީގެ މައްޗަށްވާގޮތަށް ކަންވާރުން މަޅިހަދައި އޭގައި ތިން ބުޅީގެ، ބުޅި ސެޓް ހަރުކޮށް ފަލަ ކަންވާރު ޖަހައި، މަތީއޮވެ ބޯވަ ހަރު ކައިރިއަށް ވަދު ފެއްތޭނެ ގޮތަށް ފަރުމާ ކޮށްލިއެވެ.

photo

ބޯވަ ހަރު ހޯދައި ހަރުގެ ދެފޫޓޫ ބައި ނުވަތަ ތިން ފޫޓެއްހާ ދުރުމިނަށް ވަދު ފެއްތުމަށް ފަހު ކަކުނި ހަރަކާތް ކުރާގޮތަށް މަޑުމަޑުން ވަދު ހަރަކާތް ކުރުވަމުން ހަރުކައިރިއަށް ގެންދިޔުމުން ބޯވަ ނުކުމެ ވަދުގައި ހިފައެވެ. ބޯވައަކީ ފައިތަކުގެ ދަށުގައި އަނގަ އިންނަ އެއްޗަކަށް ވުމުން ވަދުގައި ހިފާގޮތަށް ފައިތަކުގެ ދަށަށް ވަދު ލުމާއިއެކު ބުޅިތައް އޭގައި ފަސޭހަކަމާއި އެކު އަޅައިގަނެއެވެ. ބުޅިތައް އެޅުމުން ދަމައި ނަގަނީއެވެ.

އޭނާ ބުނާގޮތުގައި މިގޮތަށް ބޯވަނަގަން ކޮންމެވެސް ވަރެއްގެ ތަޖުރިބާއެއް ބޭނުން ވިޔަސް، މިއީ އެހެން ގޮތްތަކަށް ވުރެ މާ ކާމިޔާބު އަދި މާ ފަސޭހަ ގޮތެކެވެ. އެކަން މިހާރު ވަރަށް ބޮޑަށް އިހުސާސް ކުރެވޭކަން އޭނާ ފާހަގަ ކުރެއެވެ.

ބޯވަ ނެގުމަށް މި ގޮތް ބޭނުން ކުރުމުގެ އަނެއް ފައިދާއަކީ ފުނުގައި އިންނަ ބޯވަ ކައިރިއަށް ނުފީނައި މަތީ އޮވެގެން ފަސޭހަކަމާއި އެކު އެ ބޯވަ އަތުލައި ގަނެވުމެވެ.

އޭނާ ބޯވަ މަސްވެރިކަމަށް ނުކުންނަ ކޮންމެ ދުވަހަކު ވިހި ނުވަތަ ފަންސަވީސް ކިލޯ ބޯވަ އާންމު ގޮތެއްގައި ނަގައެވެ. އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރެވޭނަމަ ވިހިހާހާއި ފަންސަވީސް ހާހާއި ދެމެދުގެ އަމްދަނީއެއް މަހެއްގެ މައްޗަށް ލިބޭއިރު، ސީޒަންތެރޭނަމަ އެއަށްވުރެ ވެސް ބޮޑު ފައިދާއެއް ލިބޭކަމުގައި އޭނާ ބުންޏެވެ.

photo ()

ވަދުގައި ބޯވަ ބާނާގޮތާއި ވަދު ތައްޔާރު ކުރާގޮތް އޮޅުން ފިލުވަން އޭނާއަށް މީހުން ގުޅައެވެ. ގުޅާ ކޮންމެ ފަރާތަކަށް ވަދުގެ ފޮޓޯއާއި އެކަން ކުރާ ގޮތުގެ ފުރިހަމަ މައުލޫމާތު އޭނާ އަންނަނީ ފޯރުކޮށްދެމުންނެވެ. އޭނާ ވެސް ބޭނުންވަނީ ވީހާވެސް ގިނަބަޔަކަށް މި ގޮތް ދަސްކޮށް ދިނުމެވެ. ސަބަބަކީ ބުޅި އަޅުވައި މަޑަޖަހައި ހަރު ތަޅައި ކެމިކަލް ޖަހައިގެން މާހައުލަށް ގެއްލުން ލިބޭގޮތަށް އެކަން ކުރުން ހުއްޓުވަން ބާރުއެޅުމެވެ.

photo

ކެމިކަލް ޖަހައިގެން ބޯވަ ނެގުމުން އެ ހަރުތަކަށް ދޮޅުމަސް ނުވަތަ ދެމަސް ދުވަހުގެ ކުރިން ބޯވަ ނާރާކަން ފާހަގަ ކުރަމުން އޭނާ ބުނީ ކެމިކަލް ބޭނުން ކުރުމުން ފަރުތަކަށް ގެއްލުން ލިބޭ ކަމަށާއި އެއްވެސް ފަރާތަކުން އެގޮތަށް އަމަލު ނުކުރުމަކީ އޭނާގެ އެދުމެއް ކަމަށެވެ.

Scroll to Top