HDh Nolhivaran Bileh Gas

ނޮޅިވަރަމުގެ ސަގާފަތް ރަމްޒުކޮށްދޭ ބިލެތްދަފި

ބިލެތާއި އެ ރަށުގެ ތާރީޚާއި އާދަކާދައާއި ގުޅިލާމެހިފައިވާއިރު، ރަށަށް އަރާ މެހެމާނުންނަށް މަރުހަބާ ދެންނެވުމަށާއި ރަށަށް ލިބޭ ކާމިޔާބީތައް ފާހަގަ ކުރުމަށް ކުރިއަށް ގެންދެވޭ ހަރަކާތްތަކުގައްޔާއި އެ ރަށުގައި ބާއްވާ ރަސްމީ ހަރަކާތްތަކުގައި ބޭނުން ކުރުމަށް ތައްޔާރުކުރާ ބިލެއް ގަސް ނުވަތަ ބިލެއް ދަތްޕަކީ އެ ރަށުގެ ސަގާފަތުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ.

Share:

މުޅި ރާއްޖެ 1 ތަނަކުން ބަލައިލަން...

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމަށް އެންމެ ހާއްސަ އެކައްޗަކީ ބިލެތެވެ. އާމްދަނީ ހޯދުމަށް އެންމެ އިހުޒަމާނުއްސުރެ އެ ރަށުގައި ބިލެއް ހައްދައެވެ. ޒަމާނަށް އައިސްފައިވާ ބަދަލުތަކާއިއެކު ބިލެއް ހައްދާ މިންވަރު ދަށަށް ގޮސްފައިވީ ނަމަވެސް އަދިވެސް އެ ރަށުގައި އަންނަނީ ބިލެއް ހައްދައި އޭގެން ނަފާ ހޯދަމުންނެވެ. ނޮޅިވަރަމް ބިލެތަކީ އެންމެ ކުރީ ޒަމާނުއްސުރެ މުޅި ރާއްޖެއަށް މަޝްހޫރު ބިލެތެކެވެ.

ބިލެތާއި އެ ރަށުގެ ތާރީޚާއި އާދަކާދައާއި ގުޅިލާމެހިފައިވާއިރު، ރަށަށް އަރާ މެހެމާނުންނަށް މަރުހަބާ ދެންނެވުމަށާއި ރަށަށް ލިބޭ ކާމިޔާބީތައް ފާހަގަ ކުރުމަށް ކުރިއަށް ގެންދެވޭ ހަރަކާތްތަކުގައްޔާއި އެ ރަށުގައި ބާއްވާ ރަސްމީ ހަރަކާތްތަކުގައި ބޭނުން ކުރުމަށް ތައްޔާރުކުރާ ބިލެއް ގަސް ނުވަތަ ބިލެއް ދަތްޕަކީ އެ ރަށުގެ ސަގާފަތުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ.

HDh Nolhivaran Bileh Gas

ނޮޅިވަރަމުގެ ޝަރަފެއްގެ ގޮތުގައި ދެކެމުން އަންނަ މި ބިލެތް ގަސް ތައްޔާރުކުރާ ގޮތް ކިޔުންތެރިންނާއި ހިއްސާ ކޮށްލުމަކީ ބޭނުންތެރި ކަމެއް ކަމުގައި ދެކެމެވެ.

ބޭނުންވާ ތަކެތި

ފަޅޯގަހުގެ ގަސްގަނޑުގެ ކުރީކޮޅު، އިލޮށި، ގުލްސަންޕާ މާ، ބިލެތް، ފޯއް، ކަރަންފޫ، ކާފޫރުތޮޅި،

ތައްޔާރުކުރާ ގޮތް

ޅަވަރުގެ ފަޅޯގަހެއް ހޯދައި، ބިލެތް ގަސް ތައްޔާރު ކުރަން ބޭނުންވާ ބޮޑުމިނަށް އެ ފަޅޯގަހުގެ ކުރީކޮޅުން ބައެއް ބުރިކޮށްލާށެވެ. ބުރިކޮށްލުމަށް ފަހު ފަތްތައް ވަކިކޮށްލައި ތައްޔާރު ކޮށްލާށެވެ.

HDh Nolhivaran Bileh Gas

އެއަށްފަހު ގަހުގައި ހަރުކުރާ ބިލެތްގަނޑުތަކަށް ބޭނުންވާ ފޯއް ކޮށާށެވެ. ފޯށް ކޮށުމަށް ފަހު، ފޯކާއި ކަރަންފުލާއި ކާފޫރުތޮޅި ހިމެނޭހެން ބިލެތްގަނޑުގެތަކުގެ ތެރެއަށް އަޅާށެވެ. މި ކޮންމެ ބިލެތްގަނޑަކީ ދުފުމެއް ގޮތަށް ތައްޔާރުކުރާ އެއްޗަކަށްވުމާއިއެކު ދުފުމަށް ބޭނުންކުރާ ހުންޏާއި ފޮނިތޮށި ފަދަ ތަކެތި ވެސް މި ބިލެތްގަނޑުގެ ތެރެއަށް އެޅުމަށް ބައެއް ފަހަރު ބޭނުން ކުރެއެވެ. މި ތައްޔާރު ކުރުމުގައި ތާޒާ ބިލެތް ބޭނުން ކުރުމަށް އިސްކަން ދޭންވާނެއެވެ.

HDh Nolhivaran Bileh Gas

ބިލެއް ގަހުގައި މާ ޖެހުމަށާއި ބިލެތްގަނޑު ހަރުކުރުމަށް ބޭނުންކުރާ އިލޮށި ތައްޔާރު ކޮށްލާށެވެ. އިލޮށީގެ ބުޑުކޮޅުން އަށް އިންޗިއާއި ދިހަ އިންޗިއާ ދެމެދުގެ ހުންނަ ދިގުމިނަށް އިލޮށި ބުރިކޮށްލާށެވެ. އެ އިލޮށީގެ ބުޑުކޮޅު ތޫނު ކޮށްލާފައި ބެހެއްޓުމުން ފަޅޯ ގަސްގަނޑަށް ހަރާލައި ހަރުކޮށްލަން ފަސޭހަވާނެއެވެ. ރޯ އިލޮށި ބޭނުން ކުރުމުން ބިލެތް ގަހުގެ ފުރިހަމަކަން އިތުރުކޮށްދޭނެއެވެ.

HDh Nolhivaran Bileh Gas

ބިލެތްގަނޑުތެރެއް ހުރިހާ ސާމާނެއް އަޅައި ފަތްޖަހާލާށެވެ. މި ފަތްޖެހުމުގައި ވެސް ހާއްސަ ގޮތެއް އޮވެއެވެ. އެއަށްފަހު އިލޮށީގެ ކޮޅުން ގުލްސަންޕާ މަލެއް މަހާލުމަށް ފަހު އިލޮށީގެ މެދަކާ ހިސާބަށް ދަމާލާށެވެ. ދެން ފަތްޖަހައި ތައްޔާރުކުރި ބިލެތްގަނޑު ރޫޅިގެން ނުދާގޮތަށް ހިފެހެއްޓޭނޭހެން އިލޮށީގެ ތެރެއަށް މަހާލާށެވެ. ދެން އިލޮށީގެ ކޮޅުގައި ގުލްސަންޕާ މަލެއް ހަރުކޮށްލައި އެ މަލުގެ ތެރޭ ބޯގަންވިލާ މަލެއް ހަރުކޮށްލައި ރީތިކޮށްލާށެވެ. އިހުގައި މި ގަސް ހެދުމަށް ފަތަނގުމާ ވެސް ބޭނުން ކޮށްފައި ވެއެވެ.

ދެން ތައްޔާރުކުރި އިލޮށިތައް ގަހެއްގެ ސިފައިގައި ފެންނަ ގޮތަށް ތައްޔާރުކުރި ފަޅޯގަސްގަނޑަށް ޖަހާށެވެ. އޭރުން ގަހުގެ މައިގަނޑުބައި އެ ހުރީ ތައްޔާރުކޮށް ނިމިފައެވެ.

HDh Nolhivaran Bileh Gas

ގަސް އިންދުމަށް ބޭނުން ކުރަނީ ގަސް އެ ދަޅެއްގެ ތެރޭ ވެލިއަޅައި އިންދުމުން ގަސް ރީތިކޮށް ކޮޅަށް ހިފަހައްޓާ ވަރުގެ ދަޅެކެވެ. އެ ދަޅުގައި ގަސް ހާއްސަކުރާ ކަމެއްގެ ނަން ޖަހާފައި އޮންނާނެއެވެ.

މި ބިލެތް ގަހުގައި އޮޅާލުމަށް މާފަތި ވެސް ބައެއްފަހަރު ތައްޔާރުކޮށް އުޅެއެވެ. އެ މާފަތި ތައްޔާރުކުރުމަށް މިހާރު އާންމުކޮށް ރުވާމާ ބޭނުން ކުރަމުން އައިނަމަވެސް އިހުގައި ބޭނުން ކޮށްފައި ވަނީ ދުނބުރިމަލެވެ.

Scroll to Top