c

ނަރުދޫގެ ފޯދުވަސް

ށ.އަތޮޅު ނަރުދޫގައި އިހުގައި ފޯދުވަހުގެ ގޮތުގައި ހާއްސަ ދުވަސްތަކެއް ފާހަގަ ކޮށްފައިވެއެވެ. މިއީ އެ ރަށުގެ އާދަކާދައިގެ ތެރޭގައި ހިމެނިގެން ކުރަމުން އައިސްފައިވާ ކަމެއްގެ އިތުރުން، މިކަން އޭރު ފާހަގަ ކުރަމުން އައިސްފައި ވަނީ ދީނީ ކަމެއްގެ ގޮތުގައި ވެސް ދެކިގެންނެވެ. ހާއްސަ ދުވަސްތަކެއްގައި ހާއްސަ މުނާސަބަތުތަކަކާއި ގުޅުވައިގެން ކުރިއަށް ގެންދާ މިކަމުގައި އާންމުގޮތެއްގައި ބައިވެރިވެ އުޅެނީ ކުޑަކުދިންނެވެ.

Share:

މުޅި ރާއްޖެ 1 ތަނަކުން ބަލައިލަން...

ށ.އަތޮޅު ނަރުދޫގައި އިހުގައި ފޯދުވަހުގެ ގޮތުގައި ހާއްސަ ދުވަސްތަކެއް ފާހަގަ ކޮށްފައިވެއެވެ. މިއީ އެ ރަށުގެ އާދަކާދައިގެ ތެރޭގައި ހިމެނިގެން ކުރަމުން އައިސްފައިވާ ކަމެއްގެ އިތުރުން، މިކަން އޭރު ފާހަގަ ކުރަމުން އައިސްފައި ވަނީ ދީނީ ކަމެއްގެ ގޮތުގައި ވެސް ދެކިގެންނެވެ. ހާއްސަ ދުވަސްތަކެއްގައި ހާއްސަ މުނާސަބަތުތަކަކާއި ގުޅުވައިގެން ކުރިއަށް ގެންދާ މިކަމުގައި އާންމުގޮތެއްގައި ބައިވެރިވެ އުޅެނީ ކުޑަކުދިންނެވެ.

 

ފޯގޮނު ދަނޑި

ފޯގޮނު ދަނޑިއަކީ ހިރުނދު ދަނޑީގައި ހަދާފައި ހުންނަ އެއްޗެކެވެ. ފޯގޮނު ދަނޑި ހަދާއުޅޭ ގޮތަކީ ހިމަ ހިރުނދު ދަނޑި  ތޮށިގަނޑު ނޮޅާލުމަށްފަހު އެ ނޮޅާލާ ތޮށިގަނޑުން ހަނިކޮށް ތޮށިފަށެއް ނެގުމަށްފަހު ދަނޑީގެ ހިމަކޮޅުންފެށިގެން ގާތްގަނޑަކަށް ތިންބައިކުޅަ އެއްބަޔަށް ތިރިއަށްވާގޮތަށް ތޮށިފަށް އޮޅާލަނީއެވެ. މި ތޮށިފަށް އޮޅާނީ ދެފަށް ދޭތެރޭގައި ތޮށިފަށެއްގެ ޖާގަ ދޫކުރަމުންނެވެ. މިހެން ތޮށިއޮޅައި ނިމުމުން އަލިފާނުން ދަނޑި މިލުވައި ދިލައަރުވާނީއެވެ. ދެން އެ ދަނޑި ހިކުމުން ދަނޑީގައި އޮޅާލި ތޮށިގަނޑު ނައްޓާލުމުން ފޯގޮނު ދަނޑި ހެދުނީއެވެ.

ފޯގޮނު

ފޯގޮނަކީ ކަށިކެޔޮފަތުން ހަދާއެއްޗެކެވެ. ފޯގޮނު ހަދާނީ ކަށިކެޔޮ ގަހު ( ބޮންތި) ނުފޮޅިހުންނަ ޅަފަތުންނެވެ. ފުޅާކޮށް ހުންނަ ޅަ ކަށިކެޔޮފަތް މިލުވައިލުމަށްފަހު ފަތުގެ ކައިރި ކައްޓާއި މައިކަށި ނަގާނީއެވެ. އެއަށްފަހު ފޫ ބެދޭގޮތަށް އަނގަމަތި ފުޅާކޮށް ގޮށްޓެއް ހަދާނީއެވެ. ގޮށީގެ ކައިރި ހައްޔަރުކުރާނީ ބޮންތިފަނުގެ އިލޮށިން ފަހާލައިގެންނެވެ. ގޮށި ހަދާ ނިމުނުން ދޮށީގެ އަނގަމަތީގައި ތިންބަޔަށް އެއްވަރަށް ދުރުމިން ހުންނަގޮތަށް ތިން ވާފަށް ޖަހާނީއެވެ. މި ވާފަށް ހިމަ ވަކަރޮއްޖެއް އަޅައިގެން ނޫނީ ބޮޑުބަރަނި ނުވަތަ ބަރަނިރޮދި އަޅައިގެންވެސް ޖެހިދާނެއެވެ. މި ތިން ވާފަށް ކައިވަތެއްހާ ހިސާބުން އެއްކޮށް ގޮށްޖަހާލުމުން ހުންނާނީ ރާބަދި ރާދަނޑިގަޑުގައި އެލުވަން ހަދާފައި ހުންނަގޮތަށެވެ. ދެން ވާފަށުގެ ދިގުމިނުގައި ފޫތެއްވަރު ހުންނަވަރަށް ފޯގޮނު ދަނޑީގެ ކޮޅުގައި ފޯގޮނުގައިޖެހި ވާފަށް އައްސާލައިގެން ފޯގޮނު ދަނޑީގައި ފޯގޮނު އެލުވާނީއެވެ.

ފޯދުވަސް ( ފޮއިދުވަސް)

ފޯދުވަހާއި ގުޅިގެން ފޯގޮނުލުމުގެ ހަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ ރަށުގެ ވެރިކަމުގެ ފަރާތުން އާންމު ރައްޔިތުންނަށް އަންގައިގެން އެއީ ކުރެވޭ ޞަދަގާތެއްގެ ގޮތުގައި ބަލައިގެން އެ ވިސްނުމުގައެވެ.

ފޯދުވަހަކީ އެދުވަސްވަރު އުޅުއްވި ނަކަތްތެރިކަމާއި ދީނީއިލްމު އެންމެރަނގަޅަށް ދެނެލައްވާ ބޭކަލުން ނަކަތްތެރިކަމާއި ތާރީހްތަކަށް ބައްލަވައިގެން މިރަށުގައި ކަނޑައަޅުއްވަމުން އައި ދުވަސްތަކެކެވެ. މިގޮތުން އަހަރަކު ތިން ފޯދުވަސް އާދެއެވެ. އެއީ ކެތީފޯ ، މާފޯ، އަދި ފުސްފޯ އެވެ. މި ތިންފޯ މި އަންނަނީ ތިން ނަކަތެއްގައެވެ.  ރާއްޖޭގެ ބައެއް ރައްރަށުގައި މި ދުވަހަށް ފޮއިދުވަސް ވެސް ކިޔައިއުޅެއެވެ. ނަމަވެސް ޒަމާނުއްސުރެ އެ ރަށު މީހުން މި ދުވަހަށް ކިޔަނީ ފޯދުވަހެވެ.  ފޯދުވަސް ފާހަގަކުރުމުގެ ގޮތުން ކޮށްފައިވާކަންކަމަކީ ފޯ ޞަލަވާތް ކިޔެވުމާއި ފޯ ހިލުމާއި އެއް ޖަމާއަތެއްގައި އަދި ބައެއްފަހަރު ރަށުގެ އެކި ސަރަހައްދުތަކުގައި ރައްޔިތުން ފޯ ކެއުމެވެ. ފޯ މި ކިޔަޔަނީ ކަށިލޭކުން ހިލާފައިފުންނަ ފޯލަށެވެ. މިއީ ކަށިކޭލުން ހަދާ ފޮނި ކާއެއްޗެކެވެ. އަދި ޚާއްޞަކޮށް ފާހަގަ ކޮށްލެވޭ އެއްކަމަކީ އަދި ކުޑަކުދީންނަށް އެންމެ އުފާވެރިކަން ގެނެސްދޭ ކަމަކީ ފޯގޮނުލުމެވެ. މީގެއިތުރުން ފޯމާލިލުމާއި ފޯމާލިނެރުމަކީ މި މުނާސަބަތުގައިކުރަމުންއައި ކަމެކެވެ. ނަރުދޫގައި ފޯދުވަސް ފާހަގަކުރަންފެށީ ކޮން ދުވަސްވަރެއްގައިކަން އެނގޭކަށްނެތެވެ. ނަމަވެސް 1980 ގެ ފަހުކޮޅުގެ އަހަރުތަކާއި ހިސާބަށް ފޯދުވަސް ފާހަގަކޮށްފައިވެއެވެ.

c

ފޯގޮނުލުން

ފޯގޮނުލުމަކީ އާންމުގޮތެއްގައި ކުޑަކުދީންގެ އުމުރުގެ ގޮތުގައި ބެލެވޭ އުމުރުފުރާގެ ކުދީން ކުރަމުންއައި ކަމެކެވެ. ނަމަވެސް ފޯގޮނުލުމުގެހަރަކާތަށް ބޮޑެތިމީހުންގެ އެހީތެރިކަން ފޯރުކޮށްދެމުންދެއެވެ. މިގޮތުން ފޯގޮނުދަނޑިއާއި ފޯގޮނުހެދުމުގައި ބޮޑެތިމީހުންގެ އެހީތެރިވެއެވެ. އާންމުގޮތެއްގައި ފޯގޮނުލާނީ ފޯވިލޭރޭ އިރުއޮއްސުމުންނެވެ. ފޯގޮނުލުމަށް ހާއްސަ ކުރެވިފައިވާ ވަގުތުގެ ގޮތުގައި ކަނޑައެޅިފައިވަނީ ފޯވިލޭރޭ އިރުއޮށްސުނީއްސުރެ އިޝާނަމާދާއި ދެމެދެވެ. އެވަގުތު ފޯގޮނުލާ ކުދީން ފޯގޮނުހިފައިގެން ރަށުތެރެއަށް ނިކުންނާނެއެވެ. އާންމުކޮށް ފޯގޮނުލާންދާނީ ދެކުދިން ނުވަތަ ތިންކުދީންގެ ގުރޫޕް ހަދައިގެންނެވެ. މި ގްރޫޕްތަކުން ފޯގޮނުހިފައިގެން އުޅޭނީ ވަރަށް ސިއްރުންނެވެ. ބޮޑަށް ބަލާނީ އެއީ ކާކުކަންނޭނގި އުޅެވޭތޯއެވެ. އެ ގަޑީގައި ގޭގޭ ބަދިގޭގައި އަންހެންވެރީން އުޅޭނެއެވެ. އަދި ފޯގޮނުލާކުދީން ފޯގޮނުލާން އަންނާނޭކަން އެނގޭނެއެވެ. އެހެންކަމުން އަންހެންވެރީން ތިބޭނީ ފޯގޮނުލާކުދީންނަށް، ފޯގޮނަށް އަޅާނޭ ކާއެއްޗެހި ބަހައްޓައިގެންނެވެ. ޢާއްމުގޮތެއްގައި ހުންނާނީ އެ ރެއަށް ހާއްސަ ކޮށްގެން ހިލާފައި ހުންނަ ކަށިކެޔޮ ފޯލެވެ. ފޯގޮނުލާކުދީން ސިރުންގޮސް ގޭގޭ ބަދިގެއަށް ފޯގޮނު ދިއްކުރާނެއެވެ. އެ ދުވަސްވަރަކީ ކަރަންޓްގެ އަލިކަމެއްވެސް ހުންނަ ދުވަސްވަރަކަށް ނުވާތީ ބަދިގޭގައި ދިއްލާފައި ހުންނަ ފުޅިބައްތިން ބޭރަށް ނިކުމެފައިހުންނަ އަލިރޮނގުގެ އެއްފަރާތަކަށް ނިވާވެލައި ތިބެގެން ބަދިގޭދޮރުން ފޯގޮނު ދިއްކުރެވޭނެއެވެ. ބަދިގެއަށް ފޯގޮނު ދިއްކުރުމުން ފޯގޮނަށް ކާއެއްޗެއް ލުމާއިއެކު ދެން ދާނީ އެހެން ބަދިގެއަކަށެވެ. މީ ވަރަށް އުފަލާއި މަޖަލުގައި އެދުވަސްވަރު ކޮށްއުޅުނު ކަމެކެވެ.

photo

ފޯމާލި

ފޯމާލި ލާނީ ފޯވިލޭރެއާއި ފޯދުވަހުއެވެ. ފޯމާލި ހަދާފައި ހުންނާނީ ހިކި ކެޔޮފަތުންނެވެ. ނަމަވެސް ފޮތިމާލިވެސް ހަދާއުޅުނެވެ. ފޯދުވަސް އައުމުން ފޯމާލިނެރެން ތައްޔާރުވާނެއެވެ. މިގޮތުން ވަރަށްގިނައިން ހިކިކެޔޮފަތް ކަނޑާނެއެވެ. ދެން ކެޔޮފަތްތަކުގެ ތަނޑުކޮޅު އެއްކޮށްލައި ބާރަށް އައްސާލައިގެން މާލި ހަދައެވެ. މިގޮތަށްހަދާ މާލީގެ ތެރެއަށް މީހަކު ވަދެގެން ރަށުތެރެއަށް ނިކުމެ ރަށުގެ ބޮޑެތި މަގުތަކުގައި ހިނގާނީއެވެ. މިކަހަލަ އެތައް މާލިތަކެއް ހަދާނެއެވެ. އެ މާލިތަކާއިއެކު ފޮތިމާލިވެސް ނިކުންނާނެއެވެ. މި ހަރަކާތަކީ އެ ދުވަސްވަރު ފޯދުވަހާގުޅިގެން ވަރަށް ފޯރިއާއި މަޖަލާއެކު ކުރިޔަށް ގެންގޮސްފައިވާ ހަރަކާތެކެވެ.

ލިޔުނީ: އަޙްމަދު މާހިރު / މާރސް، ށ. ނަރުދޫ
Scroll to Top