ލޯކަލް ކައުންސިލްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ރޭ ބޭއްވި “ކަންގަތި އެވޯޑް” ހަފްލާގައި ކައުންސިލް ޕާފޯމެންސް އިންޑެކްސް އިން ފާއިތުވި އަހަރާއި އަޅާބަލާއިރު އެންމެ ބޮޑު ކުރިއެރުމެއް ހޯދި ކައުންސިލަކަށް މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލް ހޮވިއްޖެއެވެ.
އެ ކައުންސިލުން “ކާންނާ އެވޯޑް” ހޯދިއިރު އެ ރަށު ކައުންސިލް މިވަގުތު ހިންގަމުން އަންނަނީ އިމާރާތުގެ ދަތިކަން އިންތިހާއަށް އޮތް 43 އަހަރު ވެފައި ހުރި ކުޑަކުޑަ ބައު އިމާރާތެއްގައެވެ.
ނޫމަރާއަކީ ކުޑަކުޑަ އާބާދީއެއް އޮތް ބިމުގެ ގޮތުން ވެސް ވަރަށް ކުޑަ ރަށެކެވެ. މިވަގުތު އެ ރަށުގެ ރަޖިސްޓަރީގައި ތިބީ 522 މީހުންނެވެ.
ނޫމަރާ ކައުންސިލްގެ ޕާފޯމެސްއާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ނޫމަރާ ކައުންސިލްގެ ރައީސް ރަބީއު ބުނީ އެ ކައުންސިލު ހިންގަމުން އަންނަ އިމާރާތުގެ ފުރާޅުން ވާރެވެހުމާއި މުށިތައް ނެއްޓުންފަދަ އެތައް ކަމެއް މިހާރު ވެސް ކުރިމަތިވަމުން އަންނަ ކަމަށާއި އެ ކައުންސިލް ހިންގަމުން އަންނަ އިމާރާތުގެ ދަތިކަން މިވަގުތު ވަރަށް ބޮޑަށް އެބައޮތް ކަމަށެވެ. ނަމަވެސް އައު އިމާރާތުގެ މަސައްކަތް މިހާރު ކުރަމުން އަންނާތީ އަވަސް މުސްތަގުބަލެއްގައި އެކަން ހައްލުވެގެން ދާނެ ކަމަށެވެ.

ރަބީއު އިތުރަށް ބުނީ އެ ރަށު ކައުންސިލުގެ ޕާފޯމެންސް އަބަދުވެސް ރަނގަޅު ކަމަށާއި ނަމަވެސް އިދާރީގޮތުން ކަންކަން އެންމެ ފުރިހަމައަށް އޭރު ކުރެވެމުން ނުދާތީ އިންޑެކްސްގައި މާ ފަހަތުގައި އޮތީ ކަމަށެވެ.
2020 ވަނަ އަހަރު އިންޑެކްސްގައި ނޫމަރާ އޮތީ މުޅި ރާއްޖެއިން 153 ވަނާގައެވެ. ނަމަވެސް ކަންކަން ހަރުދަނާކޮށް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި އިދާރީ މުވައްޒަފުން ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ނަތީޖާއެއްގެ ގޮތުން މިހާރު އެ ރަށް އޮތީ އެންމެ ޕާފޯމެންސް ރަނގަޅު ކައުންސިލްގެ ލިސްޓްގެ 12 ވަނާގައެވެ.
ރަބީއު އިތުރަށް ބުނީ މަދު އާބާދީއެއް އޮތް ނަމަވެސް ރައްޔިތުންނަށް ގޮވާލާ ކޮންމެ ކަމެއްގައި ރައްޔިތުންގެ އެހީތެރިކަން ލިބެމުން އަންނަ ކަމަށެވެ.
ކުޑަކުޑަ މީސްކޮޅު މަދު އަދި ކުޑަ އިމާރާތެއްގައި އެތައް ދައްޗަކާއިއެކު ހިންގަމުން އަންނަ ނޫމަރާ ކައުންސިލުން މި ދައްކާ ނަމޫނާއިން އެނގިގެންދަނީ ބޭނުންވަނީ ހަމައެކަނި ޒަމާނީ ފެސިލިޓީސް ނޫންކަމެވެ. ހިތްވަރާއިއެކު ގުޅިގެން މަސައްކަތް ކުރެވިއްޖެނަމަ ނަތީޖާ ނެރެވިދާނެ ކަމެވެ.




