ދިވެހިރާއްޖޭގައި މަސްވެރިކަން ކުރަމުން އަންނަ ނުވަ ދޯންޏަކުން ފަލަސްތީން ފަންޑަށް ތިންލައްކައަށްވުރެ ގިނަ ރުފިޔާ ހަދިޔާ ކޮށްފިއެވެ.
އިޒްރޭލް ސިފައިން ފަލަސްތީނުގައި ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކާއިއެކު ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން މިދިޔަ ހަފްތާގެ ތެރޭ ގއ.އަތޮޅުގެ ހަތަރު ދޯންޏަކުން ވަނީ ފަލަސްތީން ފަންޑަށް އެހީ ފޯރުކޮށް ދީފައެވެ.
ގއ.ވިލިނގިލީ ކަރަވައްތާ ދޯނިން 25000 (ފަންސަވީސް ހާސް) ރުފިޔާ، އެ ރަށު ހުސްނީ ދޯނިން 25000 (ފަންސަވީސް ހާސް) ރުފިޔާ އަދި އެ ރަށު އުޖާލާ ދޯނިން 25000 (ފަންސަވީސްހާސް) ރުފިޔާ، އަދި އެ އަތޮޅު ކަނޑުހުޅުދޫ ސީހޯސް 3، ދޯނިން ވަނީ ފަލަސްތީން ފަންޑަށް 50000 (ފަންސާސް ހާސް) ރުފިޔާ ހަދިޔާ ކޮށްފައެވެ. މި ހަތަރު ދޯނިން ޖުމްލަ 125000(އެއްލައްކަ ފަންސަވީސް ހާސް) ރުފިޔާ ވަނީ ފަލަސްތީން ފަންޑަށް ހަދިޔާ ކޮށްފައެވެ.

ފާއިތުވި ދެ ދުވަސްތެރޭ ފަލަސްތީން ފަންޑަށް އިތުރު ފަސް ދޯންޏަކުން މިވަނީ ފައިސާގެ އެހީ ފޯރުކޮށްދީފައެވެ. ގއ. މާމެންދޫ ދުވެލި (6) ދޯނިން 25000 (ފަންސަވީސް ހާސް) ރުފިޔާ، އެ ރަށު ހުޝިޔާރު ދޯނިން 25000 (ފަންސަވީސް ހާސް) ރުފިޔާ، ފަރެސްމާތޮޑާ ޑޭޒީ ވިއު ދޯނިން 25000 (ފަންސަވީސް ހާސް) ރުފިޔާ، ލ.މާވަށު ރަންދޯދި ދޯނިން 25000 (ފަންސަވީސް ހާސް) ރުފިޔާ، އަދި ގއ.ކޮލަމާފުށި ރާސްތާ ދޯނިން 127433 (އެއްލައްކަ ހަތާވީސް ހާސް ހަތަރުސަތޭކަ ތިރީސް ތިން) ރުފިޔާ ވަނީ ފަލަސްތީން ފަންޑަށް ހަދިޔާކޮށްފައެވެ.
މި މަސްވެރި ނުވަ އުޅަނދުން ފަލަސްތީން ފަންޑަށް ހަދިޔާކުރި ފައިސާގެ ޖުމްލައަކީ 352433 (ތިންލައްކަ ފަންސާސްދެހާސް ހަތަރުސަތޭކަ ތިރީސްތިން) ރުފިޔާއެވެ.
ދިވެހިރާއްޖޭގެ މަސްވެރިން ވަނީ ފާއިތުވެދިޔަ ތަނުގައި ވެސް މިފަދަ ކޮންމެ ކަމެއްގައި ނަމޫނާ ދައްކާފައެވެ. ކޮވިޑްގެ ހާލަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މަސްވެރި އުޅަނދުތަކުން ވަނީ ކޮވިޑްގައި ކަރަންޓީނަށް ލީ ރަށްރަށަށް ކެއުމަށް ބޭނުންވާ މަސް ހިލޭ ފޯރުކޮށްދީފައެވެ.
ފަލަސްތީނަށް އެހީވުމުގެ ގޮތުން ރާއްޖޭގެ އެކިކަންކޮޅު ތަކުގައި ތަފާތު ފަންޑްރައިޒް އިވެންޓްތައް އަންނަނީ މިހާރު ވެސް ހިންގަމުންނެވެ. ފަލަސްތީނުގައި އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓާލައި، އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ގޮވާލައި އެއްވުންތައް ވެސް ރާއްޖޭގައި އަންނަނީ ބާއްވަމުންނެވެ.




