ދިވެހިރާއްޖޭގައި މަސްވެރިކަން އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ އަތޮޅަކީ ހުވަދޫ އަތޮޅެވެ. ތަފާތު ގިނަ ގޮތްގޮތުން އެއީ މަސްވެރިކަމުގައި މިސާލު ދައްކަމުން އަންނަ އަތޮޅެކެވެ.
އިޒްރޭލް ސިފައިން ފަލަސްތީނުގައި ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކާއިއެކު ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގައި ވެސް ހުވަދޫގެ މަސްވެރިން މިވަނީ ނަމޫނާ ދައްކާފައެވެ.
ގއ.ވިލިނގިލީ ކަރަވައްތާ ދޯނިން 25000 (ފަންސަވީސް ހާސް) ރުފިޔާ، އެ ރަށު ހުސްނީ ދޯނިން 25000 (ފަންސަވީސް ހާސް) ރުފިޔާ އަދި އެ ރަށު އުޖާލާ ދޯނިން 25000 (ފަންސަވީސްހާސް) ރުފިޔާ، ފަލަސްތީން ފަންޑަށް ވަނީ ހަދިޔާ ކޮށްފައެވެ. އެއީ ކޮންމެ ދޯންޏަކުން އެއްޓަނު މަހަށްވާ ފައިސާއެވެ.
މީގެ އިތުރުން ގއ.ކަނޑުހުޅުދޫ ސީހޯސް 3، ދޯނިން ވަނީ ފަލަސްތީން ފަންޑަށް ދެޓަނު މަހަށްވާ ފައިސާ ހަދިޔާ ކޮށްފައެވެ. އެއީ ޖުމްލަ 50000 (ފަންސާސް ހާސް) ރުފިޔާއެވެ. މި ހަތަރު ދޯނިން ޖުމްލަ 125000(އެއްލައްކަ ފަންސަވީސް ހާސް) ރުފިޔާ މިވަނީ ފަލަސްތީން ފަންޑަށް ހަދިޔާ ކޮށްފައެވެ.

ދިވެހިރާއްޖޭގެ މަސްވެރިން ވަނީ ފާއިތުވެދިޔަ ތަނުގައި ވެސް މިފަދަ ކޮންމެ ކަމެއްގައި ނަމޫނާ ދައްކާފައެވެ. ކޮވިޑްގެ ހާލަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މަސްވެރި އުޅަނދުތަކުން ވަނީ ކޮވިޑްގައި ކަރަންޓީނަށް ލީ ރަށްރަށަށް ކެއުމަށް ބޭނުންވާ މަސް ހިލޭ ފޯރުކޮށްދީފައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދުއްވާ މަސްވެރި އުޅަނދުތަކުން ކޮންމެވެސް މިންވަރެއް މި ފަންޑަށް ފޯރުކޮށްދީ، ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް ހާލަތު ބަދަލު ކުރުމަށް އެހީތެރިވުމަކީ އުފަލެއް ކަމުގައި ދެކެމާ ހިނގާށެވެ.
ފަލަސްތީނަށް އެހީވުމުގެ ގޮތުން ރާއްޖޭގެ އެކިކަންކޮޅު ތަކުގައި ތަފާތު ފަންޑްރައިޒް އިވެންޓްތައް އަންނަނީ މިހާރު ވެސް ހިންގަމުންނެވެ. އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންއާއި ދިވެހި މީޑިއާތަށް ގުޅިގެން ފައިސާ ހޯދުމަށް އަނަނަނީ ޓެލެތޯން ކުރިއަށް ގެންދަމުންނެވެ.

ފަލަސްތީނުގައި އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓާލައި، އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ގޮވާލައި މިދިޔަ ހުކުރު ދުވަހު މުޅި ރާއްޖޭގައި ވަނީ އެއްވުންތައް ބާއްވައި އަޑު އުފުލާފައެވެ.




