ދިވެހިރާއްޖޭގައި އުޅޭ އެންމެ އާންމު އެއް ޖަނަވާރަކީ ބުޅަލެވެ. ވިސްނިފައި އޮތީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ބުޅާ އުޅޭނެ ކަމަށެވެ. ނަމަވެސް ކަން އޮތީ އެހެން ނޫންކަން އެނގުނީ އަޅުގަނޑު ހަސަން ސާޖިން (ޒުވާން މަސްވެރިޔާ)، ރާއްޖޭގެ އުތުރުން ދެކުނަށް ކުރަމުންމިދާ ދަތުރުގައި މިލަދުންމަޑުލު އުތުރުބުރީ މަރޮއްޓަށް އާދެވުމުންނެވެ.
ރަށުގެ މަތިން ބަލައިލާއިރު ރަށުގެ ޗާޓުން ބުޅަލެއްގެ މަންޒަރު ސިފަވާ މަރޮއްޓަކީ އެއްވެސް ވަރަކަށް ބުޅާ ނޫޅޭ ރަށެއްކަން އެނގުމުން ހައިރާންކަން ލިބުނެވެ. ބޮޑަށް ބޭނުންވީ އެ ރަށުގައި ބުޅާ ނޫޅެނީ ނުވަތަ ނެތީ ކީއްވެތޯ؟ ހިތުގައި އުފެދުނު ސުވާލުގެ ޖަވާބު ހޯދާށެވެ.

މަރޮށިން ބުޅާ ނައްތާލުން
މީގެ 50 ވަރަކަށް އަހަރުކުރިން އެ ރަށުގައި ވަރަށް ގިނައިން ބުޅާ އުޅުނު ކަމަށްވެއެވެ. އެ ޒަމާނުގައި މި ރަށަކީ ވަރަށް މަސްވެރި ރަށެކެވެ. ކޮންމެ ދުވަހަކު މަހަށްފުރާ އެތައް ދޯންޏެއް އޮތެވެ. ކޮންމެ ދުވަހަކު ބާނާ މަސް އެތައް ގެއެއްގެ އެތައް ބަދިގެއެއްގައި ދިޔައީ ކައްކަމުންނެވެ. އެ ޒަމާނުގެ ގިނަ ބަދިގެތަކަކީ ފަނުން ނުވަތަ ރުކުފަނުގެ އޮށި ބޭނުން ކޮށްގެން ބިއްތައް ހަދާފައިވާ ބަދިގެތަކަށް ވުމުން ބުޅަލަށް ނުވަދެވޭވަރަށް ބަންދުކުރުން އޮތީ ދަތިކަމަކަށް ވެފައެވެ.
ކައްކާ މަސް ވަޅޯކޮށް ދިލަޖެއްސުމަށް ބަދިގޭގެ ދުމަށިމަތީ އަތުރާފައި އަނެއް ދުވަހު ނިދާހޭލާއިރު މަސްތައް ބުޅާ ކައި ނަޖިސްކުރާ މައްސަލަ އިންތިހާއަށް ދިޔައީ ކުރިމަތިވަމުންނެވެ. ވުމާއިއެކު އެ ރަށު ރައްޔިތުން ނިންމީ ރަށުގައި އުޅޭ ހުރިހާ ބުޅަލެއް ހިފައި މަރާލައި، އެ ރަށުން ބުޅާ ނައްތާލުމަށެވެ.

މިގޮތުން ބުޅާ ހިފުމަށް އެ ރަށުގައި ތަފާތު އުކުޅު ބޭނުން ކުރިއެވެ. ބުޅާ ބޯ ކިރިޔާ ވަންނަ ވަރުގެ ދަޅު ހޯދައި އޭގެތެރެއަށް މަސް އަޅާފައި ބެހެއްޓުމުން ބުޅާ އެ ކާން ދަޅުތެރެއަށް ބޯލުމުން ބޯ ތާށިވެ ބޯދަމައި ނުގަނެވި ބުޅާ މަރުވާން ދޫކޮށްލުމާއި އަދި މިނޫން ވެސް ގޮތްގޮތުން ބުޅާ ހިފައި މަރާފައިވެއެވެ.
އޭގެ ފަހުން މިއަދާ ހަމައަށް ވެސް މަރޮށީގައި ބުޅަލެއް ނޫޅެއެވެ. އެ ރަށުގައި ބުޅާ އެއްވެސް ވަރަކަށް ދިރިނޫޅޭތީ، މީދަލުގެ އުނދަގޫ ދަނީ މިހާރު ވެސް އިންތިހާއަށް ކުރިމަތިވަމުންނެވެ. ވުމާއިއެކު އެ ރަށު ކައުންސިލުން އިސްނަގައިގެން މީދާ ކޮންޓްރޯލް ކުރުމަށް ކޮންމެ އަހަރަކު އަންނަނީ ޕްރޮގްރާމްތައް ހިންގަމުންނެވެ. ދާދި ފަހަކާއި ޖެހެންދެން އަހަރަކު ދެފަހަރު ނުވަތަ ތިންފަހަރު ކައުންސިލާއި ރައްޔިތުން ގުޅިގެން އެ ރަށުގެ އެކި ސަރަހައްދުތަކަށް މީދާބޭސްލައި މީދާ މަރައެވެ. ނަމަވެސް މިހާރު އެ ޕްރޮގްރާމް ކައުންސިލުން ކުރިއަށް ގެންދަނީ ޕޮލިސް ސާވިސްއާއި ގުޅިގެންނެވެ. ބުޅާ ނެތުމުން މީދަލުގެ އުނދަގޫ ކުރިމަތިވީ ނަމަވެސް އެ ރަށުގައި ބުޅާ އާލާކުރުމުގެ ވިސްނުމެއް މިއަދު ވެސް އެ ރަށުގެ ރައްޔިތުންގެ ނެތެވެ.

ބުޅަލާއި ގުޅޭ ލޯބީގެ ހާދިސާއެއް
ބުޅަލާއި ގުޅޭ ތާރީހީ ހަގީގީ ވާހަކައެއް އެރަށުގައި މިއަދު ވެސް ކިޔެމުން އާދެއެވެ. ލޯބީގެ ވާހަކައެކެވެ. މިހާރު އުމުރުން 57 އަހަރު ވެފައިވާ ފޯކައިދޫ އަހްމަދު ހަލީލް އޭނާގެ އުމުރުން 20 އަހަރުގައި (1986) މަރޮށި އަންހެން ކުއްޖަކާއި ލޯބީގެ ގޮތުން ގުޅިގެން އުޅުނެވެ.
އެ ދުވަސްވަރަކީ ރަށު އަންހެން ކުއްޖަކާއި އެހެން ރަށެއްގެ ފިރިހެން ކުއްޖެއް ލޯބީގެ ގޮތުން ގުޅިގެން އުޅޭނަމަ އެކަމާއި ދެކޮޅަށް އަންހެން ކުއްޖާގެ ރަށުން ބަޔަކު ތެދުވެ ތަފާތު ދުއްތުރާ ފިރިހެން ކުއްޖާއަށް ކުރުމުގެ ސަގާފަތެއް މުޅި ރާއްޖޭގައި ފެތުރިފައިވާ ދުވަސްވަރެކެވެ.
މިގޮތުން އޭނާއަށް ވެސް ޖެހުނީ ހަމަ މިހާލެވެ. އަންހެން ކުއްޖާއާއި ބައްދަލު ކުރުމަށް އެ ރަށަށް ދަތުރުކުރި ދޯނީގެ ހުންގާނު ވަގަށް ނަގައިގެން ފޮރުވުމާއި ދޯނީގެ ވަތަށް ވެލިއެޅުންފަދަ އެތައް ދުއްތުރާއެކެވެ.

އުނދަގުލުގައި ބޭއްވި ލޯބީގެ ގުޅުން ކެނޑިގެން ދިޔައީ އަންހެން ކުއްޖާގެ އާއިލާއިން ނުގަބޫލުވުމާއި އެކުއެވެ. މިކަމާއި އޭނާގެ ހިތުގައި އުފެދުނު ނުތަނަވަސް ކަމާއި ރުޅިވެރިކަމުގެ ސަބަބުން އޭނާ ވަނީ ފޯކައިދޫއިން ބުޅާ ޖޯޑެއް ގެނެސް މަރޮށި ތުނޑީކޮޅަށް ދޫކޮށްލާފައެވެ. ނަމަވެސް އެ ދެ ބުޅަލުގެ ސަބަބުން އެ ރަށުގައި ބުޅާ އާލާވެފައި ނުވަނީ، އެ ދެބުޅާ ވެސް އެ ރަށު ރައްޔިތުން ނުކުމެ އަތުލައި މަރާލުމުންނެވެ.
ކޮމަންޑޫއިން ބުޅާ ނައްތާލުން
ބައެއް ރަށްރަށުން ބުޅާނައްތާލެވުނު ވާހަކައަކީ އަޅުގަނޑަށް އައު ވާހަކައަކަށް ވީނަމަވެސް އެއީ ބައެއް ރަށްރަށުގައި މީގެ އަހަރުތަކެއް ކުރިން ކޮށްފައިވާ ކަމެއްކަން އަޅުގަނޑަށް އެއްކުރެވުނު މައުލޫމާތުން އެނގެން އެބައޮތެވެ. މިގޮތުން ދެހާހުގެ އަހަރުތަކަށް ވީފަހުން ށ.އަތޮޅު ކޮމަނޑޫއިން ވެސް ބުޅާ ނައްތާލިކަމަށް ވެއެވެ. މިހާރު ބިން ހިއްކާފައި އޮތްނަމަވެސް އެ ދުވަސްވަރު ކޮމަންޑޫއަކީ ބިން ފުރިފައި އޮތްރަށެކެވެ. ބުޅާވިޔަސް އަދި އެ ނޫން ޖަނަވާރެއް ވެސް އުޅެން ޖެހެނީ މީހުން ދިރިއުޅޭ މާހައުލުގައެވެ.
އެ ރަށުން ބުޅާ ނައްތާލުމަށް ދާޖަހައިގެން ބުޅާހިފައި މަރާ ހެދިއިރު ބައެއް ބުޅާ އެ ރަށާއި އެއްފަޅުގައި އޮތް މަތިކޮމަންޑޫއަށް ގެންގޮސް ދޫކޮށްލި ކަމަށް ބުނެވެއެވެ. ނަމަވެސް އޭގެ އަހަރުތަކެއް ފަހުން 2010 ވަނަ އަހަރު، އެ ރަށު މީހަކު ވަނީ ބުޅާގެނެސް ގެންގުޅެން ފަށާފައެވެ. އޭގެން ބުޅާ އާލާވެ މިހާރު ކޮމަނޑޫގައި ބުޅާ އުޅެއެވެ.
ބުޅާ މެރުމަކީ ކުށެއް
ރާއްޖޭގެ ވެރިރަށް މާލޭގައި ބުޅާ ގިނަވެގެން ތަފާތު އުނދަގޫތަކާއި ކުރިމަތިވާތީ އެ ޝަކުވާ ކުރާތާ މިހާރު ވަނީ އަހަރުތަކެއް ފާއިތުވެފައެވެ. މިގޮތުން މާލެތެރޭގައި ބުޅާ މަރާ މައްސަލަވެސް ދޭތެރެދޭތެރެއިން ފެންމަތިވެއެވެ. ނަމަވެސް ބުޅަލަށް އަނިޔާވެރިވެ ބުޅާ މެރުމަކަށް ދިވެހިރާއްޖޭގެ ގާނޫނަކުން ހުއްދައެއް ނުކުރެއެވެ. އެއީ ގާނޫނީގޮތުން މަނާކަމެކެވެ. ކުށެކެވެ.
ޖަނަވާރުންނަށް އަނިޔާވެރިވުން ކުށެއް ކަމަށް ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 625 ވަނަ މާއްދާގައެވެ. އެ މާއްދާ ބުނާގޮތުން އަނިޔާވެރިކަމާއި އެކު ޖަނަވާރަކަށް އަނިޔާކޮށްފި ނަމަ، އެއީ ޖުނަހްގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ. އެކުށައް އަދަބެއްގެ ގޮތުގައި ކަނޑައަޅާފައި އަސާސީ މިންގަނޑުން އެއްމަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. ކުށަށް އިއުތިރާފް ވެއްޖެނަމަ 27 ދުވަހުގެ ޖަލު ހުކުމަކަށް ކުޑަވެއެވެ.
ބުޅާފަދަ ޖަނަވާރެއް މެރުމުގައި އަމަލީ ގޮތުން ބައިވެރި ނުވިނަމަވެސް، އެކަމަށް ހިތްވަރު ދީފި ނަމަ ނުވަތަ ފަސޭހަކޮށް ދީފި ނަމަ، ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން ކުށްވެރިވާނެއެވެ.
ބުޅަލަށް އަނިޔާވެރިވުމަކީ ފާފަވެރިވާނެ ކަމެއްތޯއެވެ؟
މި މައުޟޫގައި ވަރަށް ވެސް ތަފްޞީލު އަދި އެހައިމެ ނުހަނު ގިނަގުނަ މަޢުލޫމާތުތަކެއް ޖަމަޢަކުރައްވާ ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ އަދި ފަހުގެ މި ޒަމާނުގައި ދުނިޔެދުށް ޝެއިޚުލް އިސްލާމްގެ ނަން ހައްޤުވެގެންވާ އެއް ޢިލްމުވެރިޔާ العلامة عبد العَزِيز بن باز -رحمه الله- ފަތުވާ ދެއްވާފައިވެއެވެ.
ސުވާލު: (ގެންގުޅޭ) ދޫނިތަކަށް ގެއްލުންދީ އެ ދޫނިތައް ކައިހަދާ، ބުޅަލާއި އަދި ކުއްތާތައް މެރުމަކީ ޙަރާމް ކަމެއްތޯ އެވެ؟ އަހަރެންގެ މަންމަ ވަނީ ގިނަ ބުޅާތަކެއް އެކި ގޮތްތަކުން މަރާލާފައެވެ. އެއް ގޮތަކީ، ނޭވާ ހާސްކޮށްލުވައިގެން، އަނެއް ގޮތަކީ، ހޫނު ކޮށްފައިވާ ފެން ބޭނުންކޮށްގެންނެވެ. އެއީ އެފަދަ (ބުޅަލާއި ކުއްތާ) އަތުލައިގެން މަލާރުމަށް ނުކުޅަދާނަވެ ޢުޛުރުވެރި ޙާލުގައިވުމުންނެވެ. ފަހެ، މި ޙާލަތުގައި، އެތަކެތި މެރުމަކީ ޙަރާމް ކަމެއް ކަމުގައިވެއްޖެހިނދު ޢަމަލު ކުރާނީ ކިހިނަކުން ހެއްޔެވެ؟
ޖަވާބު : “ބުޅަލާއި އަދި ކުއްތާ ގެއްލުންދޭ ކަމުގައިވާނަމަ، މިޘާލަކަށް (މީސްތަކުންނަށް ގޯނާކޮށް، ހަމަލާދޭ، ދަތްއަޅާ ކުއްތާ)، ފަހެ އެހިނދު އެތަކެތި މެރުން ހުއްޓެވެ”. އެއީ ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވާ ފަދައިންނެވެ.
خَمْسٌ مِنْ الدَّوَابِّ كُلُّهَا فَوَاسِقُ تُقْتَلُ فِي الحل و الْحَرَمِ الْغُرَابُ وَالْحِدَأَةُ وَالْكَلْبُ الْعَقُورُ وَالْعَقْرَبُ وَالْفَأْرَةُ
“ހިނގާބިގާ އުޅޭ ފަސް ވަތްތަރެއްގެ ދިރޭތަކެތި ވެއެވެ. މި ތަކެއްޗަކީ ފާސިޤު ތަކެއްޗެވެ. ޙަރަމުގައި (ޙުރުމަތްތެރި ކުރައްވާފައިވާ ބިންތަކުގައި -މައްކާ، މަދީނާ-) އަދި ޙަރަމުން ބޭރުގައި ޤަތުލުކުރުން ހުއްދަ ވެގެންވެއެވެ. ކާޅު، الْحِدَأَةُ (KITE، ޝިކާރަކުރާ ދޫންޏެއް)، ޢަޤޫރު ކުއްތާ (މީސްތަކުންނަށް ގޯނާކޮށް، ހަމަލާދޭ، ދަތްއަޅާ ކުއްތާ)، ނަގުލަންދާށި އަދި މީދަލެވެ”. ފަހެ، (މީސްތަކުންނަށް ގޯނާކޮށް، ހަމަލާދޭ، ދަތްއަޅާ ކުއްތާ) ޙަރަމުގައި ވެސް އަދި ޙަރަމުން ބޭރުގައިވެސް މެރުން ހުއްޓެވެ. އަދި ހަމަ އެފަދައިން މީސްތަކުންނަށް އުނދަގޫ ކުރާ ބުޅާ، އެގޮތުން ކުކުޅު ކެއުމުގައިވާ ބުޅާ، ކޮތަރު ކެއުމުގައިވާ ބުޅާ، މިފަދަ ބުޅާތައް ފައްސައި ދުރުކޮށްގެން މަންފާއެއް ނުކުރާނަމަ، އަދި ކިޔެއްތަ! ފައްސާލި ކަމުގައިވީނަމަވެސް އަނބުރައި އައިސް އުނދަގޫ ކުރާހިނދު، އެހިނދު މެރުން ހުއްޓެވެ.
އެހެނަސް ނުމަރައި ފައްސާލުމުން، ފުދޭ ކަމުގައިވާ ނަމަ އެހިނދު އެގޮތުން ފުއްދާނީއެވެ. މެރުމެއް ނުވެއެވެ. އަދި ހަމައެފަދައިން އަލިފާން ބޭނުންކޮށްގެން މަރައިގެން ނުވާނެއެވެ. ސަބަބަކީ އަލިފާނުން (ޢަޛާބު، ޢުޤޫބާތް) ﷲ ނޫންފަރާތެއް ނުދެއްވާނެތެވެ. އެފަދަތަކެތި މަރާނީ އަލިފާނުން ނޫންގޮތުގައެވެ. އެފަދަ ތަކެތިން ސަލާމަތްވުމަށް މަގެއް ނުފެނިއްޖެހިނދު ވިހަ ދީގެން، އެއްޗަކުން ޖަހައިގެން މަރާނީއެވެ.
އެހެނަސް ފައްސައިގެން، ދުރުކޮށްގެން، އެއަށް ބިރުދައްކައިގެން ސަލާމަތްވާ ނަމަ މެރުމެއް ނުވެއެވެ. އިންސާނަކު ބުޅަލުގެ އުނދަގުލުން އަދި އޭގެ ގޯނާއިން ސަލާމަތްވުމަށް މަގެއްނުފެނި، ކޮންމެހެން ވެސް ބޭނުންވެއްޖެހިނދު އެ މެރުމުގައި އެއްވެސް މައްސަލައެއް ނެތެވެ. އެހެނަސް އަލިފާނުން ނޫނެވެ. އަދި ކުއްތާގެ ތެރެއިން (މީސްތަކުންނަށް ގޯނާކޮށް، ހަމަލާދޭ، ދަތްއަޅާ ކުއްތާ) ނޫން އެހެން ކުއްތާތައް މެރުމެއް ނުވެއެވެ. އެހެނަސް އުނދަގޫކޮށް ގޯނާކުރާ ނަމަ ފައްސައި ދުރުކުރާނީއެވެ. ދަނޑުގޮވާން ކުރާތަނުން ފައްސާނީއެވެ. އަދި އުޅޭ ހިސާބުން އޭތި ދުރުކުރާނީއެވެ. އެހެން މީސްތަކުންނަށް އުނދަގޫކޮށް ގޯނާ ކުރާހިނދު މެނުވީ މަރައިގެން ނުވާނެއެވެ. މީސްތަކުންގެ ހަށިގަނޑުގައި ދަތްއަޅާ ކަމުގައިވާނަމަ މަރާނީއެވެ.
ފަހެ، މަތީގައި އިސްވެދިޔަ ބަސްތަކުން ބަޔާންވެގެންދަނީ، ބުޅަލަށް ގޯނާ ކުރުމާއި އަދި އަނިޔާކުރުން ހުއްދަވެގެންނުވާ ކަމެވެ. އޭގެ ފަރާތުން ގެއްލުމާއި އުނދަގޫ ފޯރާ ކަމުގައިވާ ނަމަ، އެއިން ސަލާމަތްވާނެ މަގެއް ހޯދުން ހުއްޓެވެ. އޭގެ ގޯނާއާއި އުނދަގުލުން އެއަށްފަހުގައި ވެސް ސަލާމަތްވާނެ ގޮތެއް ނެތުމުން މެނުވީ އެ މަރައި ނުވަތަ ގޯނާ ކުރުމެއް ނުވެއެވެ.
(ނޯޓް: ބުޅަލަށް އަނިޔާވެރިވުމަކީ ފާފަވެރިވާނެ ކަމެއްތޯ؟ މި ލިޔުމަކީ ޝެއިޚް أَبُو أَنَس مُحَمَّدُ حَسَن حَفِظَهُ الله ލިޔުއްވާފައިވާ ލިޔުމެއްގެ ކޮޕީއެކެވެ.)




