cover

މާކަނޑޫދޫ މީހުން އެހެން ދިރިއުޅުމަކަށް ބަދަލުވުން

ށ.އަތޮޅު އިރުމަތީ ބިތުގައި އޮންނަ އެ އަތޮޅު މާކަނޑޫދޫއަކީ މީގެ އަށާރަވަރަކަށް އަހަރު ކުރިން މީހުން ދިރިއުޅެމުން އައި ރަށެކެވެ. ތިމާވެށީގެ މައްސަލަތަކުގެ ސަބަބުން ރަށަށް އެއްވެސް ކުރިއެރުމެއް ގެނެވެން ނެތުމާއި އަދި މިނޫންވެސް ތަފާތު ސަބަބުތަކާއި ހުރެ އެ ރަށު މީހުން ވަނީ އެ އަތޮޅު މިލަންދޫގައި އާބާދު ކޮށްފައެވެ.

Share:

މުޅި ރާއްޖެ 1 ތަނަކުން ބަލައިލަން...

ށ.އަތޮޅު އިރުމަތީ ބިތުގައި އޮންނަ އެ އަތޮޅު މާކަނޑޫދޫއަކީ މީގެ އަށާރަވަރަކަށް އަހަރު ކުރިން މީހުން ދިރިއުޅެމުން އައި ރަށެކެވެ. ތިމާވެށީގެ މައްސަލަތަކުގެ ސަބަބުން ރަށަށް އެއްވެސް ކުރިއެރުމެއް ގެނެވެން ނެތުމާއި އަދި މިނޫންވެސް ތަފާތު ސަބަބުތަކާއި ހުރެ އެ ރަށު މީހުން ވަނީ އެ އަތޮޅު މިލަންދޫގައި އާބާދު ކޮށްފައެވެ.

 

މާކަނޑޫދޫގައި ދިރިއުޅުން ކުރިއަށް ގެންދަން ދަތިވެ، އެ ރަށު މީހުން އެހެން ރަށަކަށް ބަދަލުކޮށް ދެއްވުމަށް، މުހަންމަދު އަމީނުގެ ވެރިކަމުގެ ދުވަސްވަރުން ފެށިގެން އެދެމުން އައިސްފައިވެއެވެ. މިކަމަށް ބާރުދޭ ލިޔެކިޔުންތައް އެ ރަށު އޮފީހުގައި ފެންނަން ހުރިއިރު، އެ ރަށު މީހުން އެހެން ރަށަކަށް ބަދަލުވުމުގެ މަސައްކަތާއި މަރުހަލާތަކަކީ އެތަކެއް ޒަމާންތަކަކަށް ދެމިގެން ގޮސްފައިވާ މަސައްކަތެއްކަން ތާރީހީ ގޮތުން ހެކިދެއެވެ.

ނުވަދިހައިގެ ފަހުގެ އަހަރުތަކުގައި އޭރު މާކަނޑޫދޫގެ ވެރިންނަށް ތިބި ފަރާތްތަކުން އިސްނަގައިގެން އެ ރަށު މީހުން އެހެން ރަށަކަށް ބަދަލު ކޮށްދެއްވުމަށް ސަރުކާރުގައި ދަންނަވަން ނިންމިއެވެ. އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވެގެން ސަރުކާރުގައި އިސްވެ އެދުނު ފުރަތަމަ ބަޔަކީ މާކަނޑޫދޫ މީހުންނެވެ.

kulhi center

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޒައާމަތުގައި އެ ރަށު މީހުން މިލަންދޫގައި އާބާދުކުރަން ނިންމައި އެ މަސައްކަތް ފިޔަވަހައިތަކަކަށް ބަހާލައިގެން ފަށައި ފުރަތަމަ ފިޔަވަހީގެ މީހުން މިލަންދޫއަށް ބަދަލުކޮށްފައި ވަނީ 2000 ވަނަ އަހަރު ތެރޭގައެވެ. މީހުން ބަދަލުކޮށް ނިމިފައި ވަނީ 2005 ވަނަ އަހަރުއެވެ. އަދި މާކަނޑޫދޫއަކީ ފަޅުރަށެއްގެ ގޮތުގައި ސަރުކާރުން ރަސްމީކޮށް ކަނޑައެޅީ 2006 ވަނަ އަހަރުގެ ތެރޭގައެވެ.

މަތިން ބަލައިލާއިރު ވައްކޮށް ފެންނަން އޮންނަ މާކަނޑޫދޫގެ މެދުގައި ބޮޑު ކުޅިއެއް އޮވެއެވެ. ކުޅިއާއި ގުޅިގެން ރަށުގެ ވަރަށް ބޮޑު ސަރަހައްދަކަށް ޗަސް ބިން ފެތުރިފައިވެއެވެ. އެ ރަށުން މީހުން އެހެން ރަށަކަށް ބަދަލުކުރަން ޖެހުނު ސަބަބު ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ގޮސް ގުޅެނީ ރަށުގެ ބިންގަނޑުގެ ހާލަތާއެވެ.

މާކަނޑޫދޫއަކީ ރީތި ފަޅެއް ދޮންވެލި އަތިރިމައްޗެއް ނެތް ގާމަތީ ރަށެކެވެ. ލަފާފުރުމުގެ ދަތިކަން އިންތިހާއަށް އޮތް އެ ރަށަށް އަރާ ފޭބުމަށް ބޭނުންކުރާ އޮޅެއް ރަށުގެ ހުޅަނގުފަރާތުގައި އޮވެއެވެ.

އެ ރަށުގެ ލަފާފުރުމުގެ ހާލަތު އޭރުއޮތްގޮތް ކިޔައިދެމުން މާކަނޑޫދޫ (މިހާރު މިލަންދޫ) އަބްދުލް ހަކީމް (70) ބުނީ އެ ރަށުގައި ބޭނުންކުރާ ހުރިހާ ދޯންޏެއް އަޅާފައި އޮންނަނީ ރަށުގެ ބޭރުމަތީގައި ކަމަށެވެ. އެ އުޅަނދުތަކަށް އަރަނީ ވެސް އަދި އެ އުޅަނދުތަކުން ރަށަށް ފައިބަނީ ވެސް ބޮއްކުރައިގައި ކަމަށެވެ. މިގޮތަށް ބޮއްކުރާގައި ރަށަށް މުދާބޭލުމުގެ ތެރޭގައި ބަނޑުން ޖަހާލައިގެން މުދާތައް ހަލާކުވި ކިތަންމެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. އަދި ބޮއްކުރާ ބަންޑުން ޖަހައިގެން އެތައްބަޔަކަށް ބޮޑެތި އަނިޔާތައް ލިބުނުކަމަށެވެ.

އޭނާ އިތުރަށް ބުނީ ދެ މޫސުން ބައްދަލުވާ ދުވަސްވަރު އެ ރަށުގެ އޮޑިވެރިން ނިދާއުޅެނީ ދޯނީގައި ކަމަށާއި، ބައެއް މީހުން އެފަދަ ދުވަސްވަރު، ފުނަދޫއާއި އެއްފަޅުގައި އޮންނަ ފަރުކޮޅު ފުނަދޫގެ ފަޅުތެރެއަށް ދޯނި ހިފައިގެން ގޮސް އެތާގައި ކައްކައި ކައިބޮއެ ހަދައިގެން ތިބޭ ކަމަށެވެ. މޫސުން ގޯސްވެ ރާޅު ބޮޑުވުމުން ދޯންޏަށް އަރަން ބޮއްކުރާ ބޭނުން ނުކުރެވޭ ހާލަތްތަކުގައި ބޭރުމަތީ އޮންނަ ދޯންޏަށް މީހުން އަރަނީ ފަތާފައެވެ. އެހެން ފަތާފައި އެރުމުގެ ތެރޭ އެކަކު ވީނުވީއެއް ނޭނގި ގެއްލުނު ކަމަށް އަބްދުލް ހަކީމް ބުނެއެވެ. މިއީ މާކަނޑޫދޫގެ ލަފާފުރުމުގެ ހާލަތެވެ.

beach side

މި ރަށުގައި މީހުން ދިރިއުޅެމުން އައިސްފައި ވަނީ އެ ރަށުގެ ވަށައިގެން އޮންނަ ޗަކަނޫން ބިން އޮތް ހިސާބުތަކުގައެވެ. ވުމާއިއެކު މައިގަނޑު ގޮތެއްގައި ގެތައް ހުންނަނީ އަތިރިމައްޗާއި ވަރަށް ކައިރި ހިސާބުތަކުގައެވެ. ރަށް ގިރުމުގެ މައްސަލަ ވެސް ކުރިމަތިވެފައިވާ އެ ރަށަށް އުދައަރާ ދުވަސްވަރު ރަށުގެ ސްކޫލަށާއި ގަބުރުސްތާނަށާއި ބައެއް ގެތަކަށް ރާޅުއަރައެވެ.

ދެން އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވަނީ ގެދޮރު އެޅުމުގައެވެ. އެ ރަށުން މީހުން ބަދަލުކުރިއިރު އޮތީ ގެދޮރު އަޅައިގެން ދިރިއުޅުމަށް ބޭނުން ކުރެވެން އޮތް އެކަށޭނަ ބިންތަކުގައި ގެ އަޅައި، އެ ބިންތައް ހުސްވެފައެވެ. އިތުރަށް ގެދޮރު އަޅާނެ އެކަށީގެންވާ ބިން ނެތުމުން ޗަކަގަނޑު ހިއްކައިގެން އޭރުވަނީ ބައެއް ގެތައް އަޅާފައެވެ. ވެއްޔާއި ގަލާއި އަޅައި ގެއެއް ބިނާކުރެވޭ މިންވަރަށް ޗަކަގަނޑު ހިއްކަން ވެސް އެތައް ހަކަތައަކާއި ދިގު މުއްދަތެއް ހޭދަވެއެވެ. ޗަކަގަނޑު ހިއްކައިގެން އަޅާ ގެ ގަނބައިގަތުމާއި ކަނޑައިގެން ދިޔުމުގެ އިތުރުން ބިމު އަޑިން ނަގާ ފެން ކިސަޑު ކުލައިގައި ހުރުމާއި ނުބައި ވަސްދުވުންފަދަ އެތައް ތަކުލީފެއް އުފުލަން ޖެހެއެވެ.

ރަށުގެ ގަބުރުސްތާނު ފުރި އެތަން ބޮޑުކުރެވެން ނެތުމާއި، އިތުރު ގަބުރުސްތާނު އަޅާނެ އެކަށީގެންވާ ބިމެއް ނެތުމުން މީހުން ވަޅުލެވޭނެ އިންތިޒާމް ހަމަޖެއްސުމުގައި ކުރިމަތިވެދާނޭ ހާލަތަކީ ވެސް އެ ރަށު މީހުން ބިންހެޔޮ ރަށަކަށް ބަދަލުވާން ބޭނުންވި ސަބަބުތަކެވެ.

މީގެއިތުރުން ކަނޑުގެ ރާޅު ބޮޑުވެ ވިއްސާރަ ވާގޮތް ދިމާ ވެއްޖެ ނަމަ، އެ ދުވަސްވަރެއްގައި އެރަށުގެ ގެތަކާއި ބަދިގެ ތަކުގައި ކައްކައިގެން ކައިބޮއި އުޅުމަށް ދަތިވާގޮތްވެ ގޭތެރެއާއި ބަދިގެ ތެރޭގައި އާދަޔާހިލާފަށް ފެންބޮޑުވާ ގޮތް މެދުވެރި ވުމާއި، އެ ރަށަކީ ދިރިއުޅުމަށް އެކަށޭނަ ރަށަކަށް ހެދުމަށް ހިނގާ ހަރަދު އެހެން ރަށެއްގައި އެ ރަށު މީހުން އާބާދު ކުރުމަށް ހިނގާ ހަރަދަށް ވުރެ ބޮޑުވުމަކީ ވެސް މާކަނޑޫދޫން މީހުން ބޭލުމަށް ނިންމި ސަބަބުތަކެވެ.

މާކަނޑޫދޫ ގަލުވަޑާމުގެ މަސައްކަތް

މާކަނޑޫދޫ ގަބުރުސްތާނުގެ ތެރޭ މިހާރު ވެސް ފެންނަން ހުރި މަހާނަ ގާތަކުގެ ތެރޭގައި ގަލުވަޑާމުގެ މަސައްކަތް ވަރަށް ފުރިހަމައަށް ފެންނަން ހުރި ގާތައް އެބަހުއްޓެވެ. މިކަމުން އެނގެނީ އެ ރަށުގައި ގަލުވަޑާމުގެ މަސައްކަތަށް ކުޅަދާނަ ބަޔަކު މީގެ އެތައް ޒަމާނެއްގެ ކުރިން ދިރިއުޅެފައިވާކަމެވެ.

ގާކޮށައި މަށައިގެންނާއި ކީހައި ބުރިކޮށް ކޮނެގެން އެކި ސިފަތައް ޖައްސާފައިވާ މިގާތަކުގެ އަރަބި އަކުރުތަކާއި ތަފާތު މާބޮނޑީގެ ޑިޒައިންތަކުން ފެށިގެން ގޮސް ތަފާތު ފައްތައް އަޅާފައި ހުރެއެވެ. ވަސީލަތްތައް މަދު ޒަމާނެއްގައި އަތުން ކޮށްފައިވާ މި މަސައްކަތަކީ، އެކަމަށް ގާބިލު ބަޔަކު ކޮށްފައިވާ ވަރަށް ފުރިހަމަ މަސައްކަތެކެވެ.

m gaa

ރާއްޖޭގެ އުތުރުން ދެކުނަށް އަޅުގަނޑު، ހަސަން ސާޖިން (ޒުވާން މަސްވެރިޔާ) ކުރަމުންމިދާ ދަތުރުގެ ތެރެއިން މާކަނޑޫދޫގައި ހުރި މި ގާތަކާއި ގުޅޭ މައުލޫމާތު ހޯދާލުމަށް އެ ރަށު ބައެއް ދުވަސްވީ މީހުންނާއި ސުވާލުކޮށްލީމެވެ. ކުރެހުން އަޅައި ޒީނަތްތެރި ކޮށްފައިވާ ވަރަށް ދުވަސްވީ މަހާނަ ގާތައް އެތަނުގައި ހުރިއިރު އެއީ ކޮންބައެއްގެ މަހާނަތަކެއް ކަން ބުނެދޭން އެނގޭ މީހަކު މިވަގުތު ނެތެވެ. ބައެއް މީހުން ލަފާކުރާ ގޮތުގައި އެ މަހާނަތަކަކީ މީގެ 200 އަހަރު ކުރިން ވެސް އެތަނުގައި ހުރި މަހާނަ ގާތަކެކެވެ.

މާކަނޑޫދޫ އަބްދުލް ހަކީމް (70) ބުނީ އެ ރަށުގައި އަބަދުވެސް މަހާނަގާ ހަދާބަޔަކު އުޅެމުން އަންނަ ކަމަށެވެ. ނަމަވެސް އެއީ މާގިނަ ބަޔަކު ނޫން ކަމަށާއި، އޭނާ ހަނދާންވާން ފެށީއްސުރެ އެ ރަށުގައި މަހާނަގާ ހަދައިދޭ ދެ މީހެއްވަރު އަބަދު ވެސް އުޅެމުން އަންނަ ކަމަށެވެ.

ހަކީމް ބުނީ އެ ޒަމާނުގައި ވެސް މަހާނަގާ ފަރުމާކުރުމުގައި އުސޫލްތަކެއް ހުންނަ ކަމަށެވެ. މިގޮތުން އަންހެނެއްގެ މަހާނަ ގަލެއްނަމަ މަތި އިންނާނީ ވައްކޮށެވެ. އަދި ފިރިހެނެއްގެ މަހާނަ ގަލެއް ނަމަ ގަލުގެ މަތީބައި އިންނާނީ ބޮލެއްލާފައި ކަމަށެވެ.

ގަލުގައި އަރަބިން ލިޔެ، ކަނޑާ ނަގާފައިވާ ބައިތަކާއި ކަނޑާ ނަގައިގެން އަޅާފައިވާ ފައްތަކުގެ އިތުރުން މާގަނޑުގަނޑުގޮތައް ކަނޑާ ނަގާފައިވާލެއް ފުރިހަމަކަމަކީ ގަލުވަޑާމުގައި އިހުގައި ވެސް ދިވެހިން އަރާތިބި މިންވަރު ދައްކުވައިދޭ ކަމެކެވެ.

gaa good one

ފަންސޫރުން ގަލުގައި ބަހައްޓަން ބޭނުން މަންޒަރެއް ކުރަހާލުމަށް ފަހު ވަޅީގެ ތުނޑުން ގައު ކޮނެގެން އެ މަންޒަރުތައް ގެންނައިރު، އެކަމަށް ބޭނުންކުރާ ތަފާތު ވައްތަރުގެ ވަޅި ހުރެއެވެ. މި ވަޅިތަކަކީ ވެސް ދިވެހިން އަމިއްލަ ކަނބުރުގެތަކުގައި ތައްޔާރުކުރާ ވަޅިތަކެވެ.

އިހުގައި މަހާނަ ގާޖަހައި އުޅެނީ މަރުވާ މީހާ ވަޅުލާތާ ސާޅީސް ދުވަހުގެ ތެރޭއެވެ. މީހަކު މަރުވުމުން އެ އާއިލާގެ ކޮންމެވެސް އެއް މެމްބަރަކު ގޮސް މަހާނަ ގާހަދާ މީހާ ކައިރީ ބުނުމުން އެ މަސައްކަތް ކުރިއަށް ގެންދެއެވެ. އެ ޒަމާނުގައި ވެސް މަހާނަ ގާހެދުމުގެ މަސައްކަތް ކޮށް އުޅުނީ އުޖޫރައަށެވެ.

މާކަނޑޫދޫއަކީ ވަރަށް ހީވާގި މަސައްކަތްތެރި ބަޔަކު ދިރިއުޅެމުން އައި ރަށެކެވެ. އެ ރަށު މީހުން މިހާރު މިލަންދޫގައި އާބާދު ކޮށްފައިވާއިރު، މިއަދު ވެސް އެ ރަށުގެ ހަރު އުމުރުފުރާގެ މީހުންނަކީ މަސައްކަތް ދަންނަ މަސައްކަތް ކުރަން ކެރޭ ވަރަށް ހީވާގި ބައެކެވެ.

މާކަނޑޫދޫ ޒިޔާރަތްތައް

މާކަނޑޫދޫއަކީ ނިސްބަތުން ޒިޔާރަތް ގިނަ ރަށެކެވެ. އެ ރަށުގައި ފެންނަން ހުރި އެންމެ ބޮޑު ޒިޔާރަތަކީ ހޯޖާބޭ ޒިޔާރަތެވެ. އެތަނަށް ހޯޖާބޭ ޒިޔާރަތުގެ ނަމުން ނަން ދެވުނު ސަބަބެއް އެނގެން ނެތްއިރު، އިހުގައި މަސްވެރިކަމާއި ގުޅުންހުރި ކަންކަމުގައި އެތަނަށް ނަދުރު ބުނެއުޅޭކަމަށް ވެއެވެ. އަދި ކަނދިމަހު ކުދިން ކިރަން އެތަނަށް ގެންދާކަމަށް ބުނެވެއެވެ.

cemetry

ފީވަކުކޮއެގެ ޒިޔާރަތުގެ ނަމުން ނަންދެވިފައިވާ ޒިޔާރަތެއް ވެސް އެ ރަށުގައި ފެންނަ އެބަހުއްޓެވެ. އެ ޒިޔާރަތް ނިސްބަތް ކޮށްފައިވާ ފީވަކުކޮއެ އަކީ ކާކުކަމެއް ސީދާ އެނގެން ނެތްނަމަވެސް މިއީ ވެސް އިހުގައި އެ ރަށު މީހުން ކާށިފަދަ ތަކެތި އެތަނައްލައި ނަދުރުބުނެ ހެދިތަނެއްކަމަށް ވެއެވެ.

ސޭކުބޭ ޒިޔާރަތުގެ ނަމުން މުހާތަބުކުރެވޭ ޒިޔާރަތެއް މިއަދު ވެސް އެރަށުގައި ފެންނަން އެބަހުއްޓެވެ. ބުނެވޭގޮތުގައި ސޭކުބެޔަކީ ދޫނި ހިފުމަށް ވަރަށް ލޯބިކުރި މީހެކަމަށްވެއެވެ. އެކަމާއި ގުޅުންހުރި ކަންކަމުގައި އެ ޒިޔާރަތައް ނަދުރުބުނެ އުޅުނު ކަމަށްވެއެވެ. ދެން އެރަށުގައި ފެންނަން ހުރި ދެ ޒިޔާރަތައް ކިޔާ ނަމެއް އެނގޭކަށް ނެތެވެ.

Scroll to Top