ދިވެހި ބަސްފޮތުގައި “ކޯޑި” ގެ ދެ މާނައެއް ލިޔެފައި އޮވެއެވެ. އެއް މާނާގައި ވަނީ ކޯޑިއަކީ ރަށްފުށުގައި ކުޅޭ ކުޅިވަރެއް ކަމަށާއި، މިއީ ހާއްސަކޮށް ބޮޑު އީދުގެ ތެރޭ ކުޅެއުޅޭ ކުޅިވަރެއް ކަމަށެވެ. ކޯޑިކުޅޭއިރު ރުކެއްގައި ނުވަތަ ދަނޑިއެއްގައި އެލުވާ އެއްޗަށް ވެސް ކޯޑީގެ ނަމުން ކިޔާއުޅެއެވެ. އާންމުކޮށް މި ހަދާފައި ހުންނަނީ ފަނުންނެވެ. ނަމަވެސް މިހާރަކަށް އައިސް ވައްތަރު ވައްތަރުގެ ރީތި ކަރުދާހުން ވެސް މި ހަދާފައި ހުރެއެވެ.
އީދުތައް ފާހަގަ ކުރުމުގެ ގޮތުން ކޯޑި ނެރުމާއި ކޯޑި ކުޅުމަކީ ވަރަށް ކުރީ ޒަމާނުއްސުރެ ރާއްޖޭގެ ގިނަ ހިސާބުތަކުގައި ކޮށްއުޅޭ ކަމެކެވެ. މިހާރުވެސް އީދުތަކާއި ގުޅިގެން ރާއްޖޭގެ އެކި ރަށްރަށުގައި ކޯޑީގެ ހަރަކާތްތައް ފޯރިއާއިއެކު ކުރިއަށް ދެއެވެ. ދިވެހިން އެންމެ ކުރީ ޒަމާނުގައި މުޅިން ހެން ކޯޑި ހަދައި އުޅުނީ ދިވެހި ރުކުގެ ފަން ބޭނުން ކޮށްގެންނެވެ. ހާއްސަކޮށް ބޮންތިފަނުގައެވެ. ނަމަވެސް ޒަމާނާއިއެކު ކޯޑި ކުޅޭގޮތަށާއި ކޯޑި ތައްޔާރުކުރާ ގޮތަށް ވެސް ވަނީ ކޮންމެވެސް ވަރެއްގެ ބަދަލުތައް އައިސްފައެވެ. ނުވަތަ އަންނަނަ ފަށާފައެވެ.
ށ.އަތޮޅު މާކަނޑޫދޫގައި (މާކަނޑޫދޫ މީހން މިހާރު ވަނީ އެ އަތޮޅު މިލަންދޫއަށް ބަދަލުކޮށްފައި) އިހުގައި ވަރަށް ފޯރިއާއިއެކު ކޯޑީގެ ކުޅިވަރުއޮތެވެ. ދެ އީދާއި ގުޅިގެން ކޯޑި ތައްޔާރު ކުރެއެވެ. ނަމަވެސް ދެ އީދަށް ތައްޔާރުކުރާ ކޯޑީގައި ތަފާތު ހުރެއެވެ.

ކުޑަ އީދު ކޯޑި
ކޯޑީގެ މައިގަނޑު ހަދާފައި ހުންނާނީ ދުނބުރި ގަހުންނެވެ. ދުނބުރިއަކީ ގަހުގެ އެއް ހިސާބެއްގައި ވަށައިގެން ގޮފި ފަޅާފައި އެ ގޮތަށް ބައިބަޔަށް ހެދިފައި ހުންނަ ގަހެކެވެ. ކޯޑީގެ މައިގަނޑު ހަދަން ކަނޑާ ދުނބުރި ގަހުގެ ތިންބަޔަށްވާ ގޮތަށް ގޮފިތަށް ބުޑުން ކޮށައިނުލާ ބަހައްޓާނެއެވެ. އެންމެ މަތީ ހުންނަ ގޮފިތަކަށްވުރެ މެދަށް ހުންނަ ގޮފިތައް ފުޅާކޮށެވެ. ތިރިއަށް އިންނަބައި މެދުބަޔަށް ވުރެ ފުޅާކޮށެވެ.
ކޮންމެ ބައެއްގައި ހުންނަ ގޮފިތައް އެއްގޮފި އަނެއް ގޮތްޕާއި ގުޅޭގޮތަށް ވަށާ ފަންތޮށި ފަތިއަޅައި ގުޅުވާލާނެއެވެ. މިގޮތަށް އެންމެ ބޭރުން ފެށިގެން ގޮސް ގަސްގަނޑާއި ހިސާބަށް ގުޅުވާލާނެއެވެ.
ކޯޑި ތައްޔާރު ކުރުމުގެ މަސައްކަތް އީދު ދުވަހުގެ ހެނދުނު ހެނދުނާއި ފަށާއިރު، ރަށުގެ ފިރިހެންވެރިން އެއްތާކަށް ޖަމާވެ ފަންވަތުން ކުދި ދޫނި ވިޔާނެއެވެ. މި ދޫނިތައް ވިޔަން ވެސް ބޭނުން ކުރާނީ ރުކުގެ ބޮންތި ފަންވަތެވެ. ކޯޑީގެ އެންމެ މަތީގައި އިންނާނީ ބޮޑުކޮށް ވިޔެފައި އިންނަ ފުނާގަނޑު ދޫންޏެކެވެ. އެ ދޫނީގެ ފުނާގަނޑު ހުޅުވާލީމައި އިންނަ ގޮތަށް ފުނާގަނޑު ބައިވެސް ވިޔެފައި ހުންނާނީ ފަންވަތުންނެވެ. ތިންބައިގެ ތެރެއިން ކޮންމެ ބައެއްގައި ދޫންޏެއް އިންނައިރު، މެދުބައިގައި އިންނަ ދޫނި ވިޔެފައި ހުންނަނީ އެންމެ މަތީ އިންނަ ދޫންޏަށްވުރެ ބޮޑުކޮށެވެ. އެންމެ ތިރީބައިގައި އިންނަ ދޫނި މަތީ އިންނަ ދެ ދޫންޏަށްވުރެ ބޮޑުކޮށް ވިޔެފައި ހުންނައިރު، މި ދޫނި ވިޔަން ބޭނުން ކުރަނީ މާކަށިކޭލުގެ ފަތެވެ.
ވިޔެފައިވާ ކުދި ދޫނި ހުންނާނީ އިލޮށީގައި ލައިފައެވެ. އިލޮށީގައި ލާފައިވާ ދޫނިތައް ބޮނޑި ބޮނޑިއަށް ބަނދެފައި ހުންނައިރު ކޮންމެ ބޮނޑިއެއްގައި ހަތްދިހަ ނުވަތަ ފަސްދޮޅަހަކަށް ދޫނި ހުންނާނެއެވެ. މިދޫނިތައް ހަރުކުރާނީ ކޯޑީގެ މަތީބައިގެ ވަށައިގެން އެލިފައި ހުންނަ ގޮތަށެވެ.
ކޯޑީގެ ވަށައިގެން ރާވެރި ފަންވަތް ކިޔާ ފަންވަތްތަކެއް ގިނަ އަދަދަކަށް ޖަހާފައި ހުންނާނެއެވެ. ރާވެރި ފަންވަތް ހަދާ އުޅެނީ ވެސް ބޮންތި ފަންވަތުންނެވެ. މި ފަންވަތްތަކުގައި ބައެއް ފަހަރު ލޯބީގެ ލަވަ ލިޔެފައި ހުންނައިރު ބައެއްފަހަރު މި ފަންވަތްތަކުގައި ރައިވަރު ލިޔެފައި ހުރެއެވެ. މި ފަންވަތްތަކުގައި ލިޔެއުޅެނީ ތުނޑު ތޫނު ވަޅިއެއްފަދަ އެއްޗެއް ބޭނުން ކޮށްގެނެވެ. މި ފަންވަތްތައް ބޮޑަށް ވައްތަރުވާނީ ފަނޑިތަވެރިން ލިޔެފައި ހުންނަ ފަންވަތާއެވެ.
ކޯޑީގެ މެދުގައި އުއްދަނޑި ފަތި ހަރުކޮށްފައި ހުންނާނެއެވެ. އުއްދަނޑި ފަތި ތައްޔާރު ކުރުމަށް ދެ ފޫޓެއްހާ ދިގު މިނުގައި އުއްދަނޑި ބުރިކުރުމަށް ފަހު އެއްކޮޅުގައި ލޯވަޅެއް އަޅައި ރޯނު ގަނޑަކަށް އަމުނާނީއެވެ. އެއަށްފަހު ކޯޑީގެ މެދުގައި ވަށައިގެން ހަރުކޮށްލާނީއެވެ. ކޯޑީގައި ހަރުކުރާ ހުރިހާ އެއްޗެއް ހަރުކޮށް ނިމޭއިރު ވަރުގަދަ މީހަކަށް ނޫނީ ނުހިފޭވަރު ބަރުދަނެއް ހުރެއެވެ.
ބޮޑު އީދު ކޯޑި
ބުނެވޭ ގޮތުގައި މާކަނޑޫދޫގައި ބޮޑު އީދުގައި ކަރުދާސް ބޭނުން ކޮށްގެން ތައްޔާރު ކުރަމުން އައި ކޯޑި ތައްޔާރު ކުރަން ފަށާފައި ވަނީ ކުޑަ އީދުގައި ފަން ބޭނުން ކޮށްގެން ތައްޔާރު ކުރާ ކޯޑިއަށްވުރެ ފަހުންނެވެ. ބޮޑު އީދުގައި ތައްޔާރުކުރާ ކޯޑިއަކީ ވަރަށް ކުރީ ޒަމާނެއްގައި އެ ރަށުން އިންޑިއާއަށް ދަތުރުކުރި ބަޔަކު ގެނައި މާދިރީ (ނަމޫނާ) އަކަށް ބަލައިގެން އެ ގޮތަށް ތައްޔާރު ކުރަން ފަށާފައިވާ ކޯޑިއެކެވެ.

މި ކޯޑި މާކަނޑޫދޫގައި ތައްޔާރުކުރަން ފެށި ޒަމާނުގައި، ކޯޑި ރީތި ކުރުމަށް މައިގަނޑު ގޮތެއްގައި ބޭނުން ކޮށްފައި ހުންނަނީ “ދޮން ބޮކްސާ” އެވެ. (ދޮން ބޮކްސާއަކީ ބުރުގާ ފޮތިގޮތަށް ތުނިކޮށް ހުންނަ ފޮއްޗަކަށް އެ ޒަމާނުގައި މާކަނޑޫދޫގައި އުޅުނު މީހުން ކިޔާ ނަމެއްކަމަށް ވެއެވެ. މިވައްތަރު ފޮތީގެ އެކިކުލަ ހުރެއެވެ.)
އެ ޒަމާނުގައި މި ފޮތި ގަންނަ ކަމަށްވަނީ ވޯރާ ވިޔަފާރިވެރިން އަތުންނެވެ. ވޯރާވިޔަފާރިވެރިން ރާއްޖޭގައި ގާއިމްވެތިބެ، ވިޔަފާރިކުރުމުގެ ހުއްދަ ދެވުނުކަމަށް ވަނީ 1920 ހާ ތާނގައެވެ. ރާއްޖެއިން ވޯރާވިޔަފާރިވެރިން ބޭރުކޮށްފައި ވަނީ 1962 ވަނަ އަހަރުގެ ތެރޭގައެވެ. ތަރީހީ ނަޒަރަކުން ވިސްނާއިރު މާކަނޑޫދޫގައި މި ކޯޑި ތައްޔާރު ކުރަން ފަށާފައި ވަނީ މި އަހަރުތަކުގެ ތެރޭގައި ކަމަށް ހެކިދެއެވެ.
ޒަމާން ބަދަލުވެ މި ކޯޑި ތައްޔާރު ކުރުމަށް ފަހުން އެ ރަށުގައި ބޭނުން ކުރަން ފަށާފައި ވަނީ ކުލަ ކަރުދާހެވެ. ދޮން ބޮކްސާ ދޫކޮށް ކުލަ ކަރުދާހަށް ކޯޑި ބަދަލުވި ހިސާބެއް ތާރީހީ ގޮތުން އެނގޭކަށް ނެތެވެ.
މި ކޯޑީގެ މައިގަނޑުގައި ބޭނުން ކުރަނީ އޮނެވެ. ދުނބުރި ގަހުގެ ގޮފިތައް ހުންނަ ގޮތަށް ވަށައިގެން ގޮފި ހަދަން ބޭނުން ކުރަނީ އޮނު ފަޅައި ރީތިކޮށް މަށައިގެންނެވެ. މަށައި ރީތިކުރި އޮނުބުރިތައް މައި އޮނުގައި ހަރުކުރަނީ، އޮނުގެ ވަށައި ލޯވަޅު އަޅައި އެ ލޯވަޅުތަކުގައި ހަރުކޮށްގެންނެވެ. މިގޮތަށް މި ކޯޑީގައި ވެސް ތިންބައި ހަދައެވެ. މި ހުރިހާ ބައެއްގައި ވެސް ހުންނާނީ ކަރުދާސް އޮޅައި ޒީނަތްތެރި ކޮށްފައެވެ.
ކޯޑީގައި ކަރުދާސް ތަތްކުރުމަށް އަދި މިނޫންވެސް ހުރިހާ ތަތްކުރުމަކަށް އެ ޒަމާނުގައި ތެރަހެއް ގޮތުގައި ބޭނުން ކުރަމުން އައީ ގޮދަން ފުށު ތެރަހެވެ. ގޮދަން ފުށު ތެރަސް ތައްޔާރުކުރާ ގޮތަކީ ނާއްޓަކަށް ގޮދަން ފުށް އެޅުމަށް ފަހު ފެންއަޅައި ރަނގަޅަށް ގިރާލައި އަލިފާނަށް އުދައިގެން ހިލާނީއެވެ. މިގޮތަށް ތައްޔާރުކުރާ ގޮދަންފުށު ތެރަހަކީ ވަރަށް ގަދައަށް ތަތްލާ އެއްޗެކެވެ. ގޮދަން ފުށު ތެރަހުގެ އިތުރުން އެ ދުވަސްވަރު ހިއްތަލަ ފުށުގައި ވެސް ތެރަސް ހަދާ އުޅުނެވެ. އަދި ރޯ ހިއްތަލަ ތަޅައިގެން ތައްޔާރުކުރާ ތެރަސް ވެސް ބޭނުކޮށް އުޅުނެވެ. ރޯ ހިއްތަލަ އަވަނެއްފަދަ އެއްޗަކަށް އަޅައި ރަނގަޅަށް ތަޅާލުމުން އޭގައި ވަރަށް ވަރުގަދަ ތަތްލުމެއް ހުންނާނެއެވެ.

މި ކޯޑީގެ އެންމެ މަތީގައި އިންނާނީ ކުރި ބޯއްޓެއްގެ ބައްޓަމަށް އިންނަ ބައެކެވެ. މި ކުރިބޯށި ހަރުކޮށްފައި އިންނަނީ ކޯޑީގެ މައިގަނޑުގައި ބޭނުން ކުރާ މައި އޮނުގެ އެންމެ މަތީ ކޮޅުގައެވެ. ކުރިބޯއްޓަކީ ދިދަ ދަނޑީގެ ކޮޅުގައި ކޭލު ބޯއްޓަކާއި އެއްސިފައަކަށްދާ ގޮތަށް ހަދާފައި ހަރުކޮށްފައި އިންނަ ބޮލަށް ކިޔާ ނަމެކެވެ.
ކުރިބޯށީގެ ތިރީގައި ހަރުކޮށްފައި ހުންނަ މާކޯނިތަކުގެ ގޮފިތައް އެންމެ ކުރީ ހަދައި އުޅުނީ އިލޮށި ބޭނުން ކޮށްގެން ކަފިކަފި ކޮށެވެ. އެ މަސައްކަތް ފަސޭހަ ކުރުމުގެ ގޮތުން ފަހުން ބޭނުން ކުރަމުން އައިސްފައި ވަނީ ބްރެވި ގަހުގެ ކުދި ގޮފިކޮޅުތަކެވެ. ބްރެވި ގޮފިތައް ބޭނުން ކުރަނީ އެއީ ކަފިކޮށް ހުންނަ އެއްޗަކަށް ވުމުން މަސައްކަތަށް ފަސޭހަ ކުރުމުގެ ގޮތުންނެވެ. މި ގޮފިކޮޅުތަކުގައި ވެސް ހުންނާނީ ކަރުދާސް ތަތްކޮށް ޒީނަތްތެރި ކޮށްފައެވެ. އެއަށްފަހު ކަރުދާހުން ހަދާފައި ހުންނަ ފަތްތައް އެ ގޮފިކޮޅު ތަކުގައި ހަރުކޮށް، މައި އޮނުގެ ކުރިބޯށިން ފެށިގެން ތިރިއަށް އިންނަ ބައިގެ ވަށައިގެން ހަރުކޮށްލައި ޒީނަތްތެރި ކޮށްލާނީއެވެ.
ދެން އޭގެ ތިރީގައި އިންނާނީ ހަތަރު ފައިކަށްޓަށް ވާގޮތަށް ހަދާފައި އިންނަ ބައެކެވެ. މި ކޮންމެ ފައިކައްޓެއްގައި ކުޑަ ދޯންޏެއް ހަރުކޮށްފައި ހުރެއެވެ. މި ދޯނިތައް ހަދާފައި ހުންނަނީ ދެކޮޅުގައި މޮށްގަނޑު ޖަހައި ހުންގާނު ވެސް ހަރުކޮށްގެނެވެ. މި ދޯނިތަކުގައި ހަރުކޮށްފައި ހުންނަނީ ކަރުދާހުން ހަދާފައި ހުންނަ ރިޔަލެވެ. ކޯޑީގެ މި ބައި ފަރުމާކޮށްފައި އިންނަނީ ކޯޑި ހިފައިގެންދާއިރު ވައި ޖެހޭނަމަ ވަށައިގެން ދޯނިތައް އެނބުރޭފަދަ ގޮތަކަށެވެ.
މި ބައިގެ ތިރީގައި ދެން އިންނާނީ ކަރުދާސް ބޭނުން ކޮށްގެން ކުރިބޯށީގެއި މަތީބަޔާއި ވައްތަރުވާގޮތަށް ހަ ބިތަށް ބޮޑުކޮށް ހަދާފައި އިންނަ ބައެކެވެ. އެބަޔަށްވުރެ ދެފޫޓް ނުވަތަ ދޮޅުފޫޓް ތިރީގައި އިންނާނީ ތަރިއެއްގެ ބައްޓަމަށް ހަދާފައިވާ ބައެކެވެ. ކޯޑި ޒީނަތްތެރި ކުރުމުގެ ގޮތުން މި ދެބައިގެ ދޭތެރޭގައި ތަފާތު ބައްޓަމަށް ކަރުދާހުން ހަދާފައި ހުންނަ ތަކެތި ހަރުކޮށް އުޅެއެވެ. މިގޮތަށް ތައްޔާރުކުރާ ތަކެތީގެ ތެރޭގައި ކާމަރަނގައިގެ ސިފައަށް ތައްޔާރުކުރާ ތަކެތީގެ އިތުރުން ރޫޖެއްސި ކަރުދާހު މަލާއި ފަތް ބޭނުން ކުރެއެވެ. ކޯޑި ޒީނަތްތެރި ކުރުމަށް ބޭނުން ކުރަމުން އަންނަ މަލާއި ފަތް ބޭނުންވާ ބައްޓަމަށް ކެފުމަށްފަހު އެ ތަކެތީގައި ރޫޖެއްސުމަށް ފޮތިގަނޑެއް ތެރެއަށްލައި އޮޅައި ހަދައެވެ. ބައެއްފަހަރު މި މަސައްކަތުގައި އުޅޭ މީހުންގެ މުންޑަށް ލައި އޮޅައިގެން ވެސް މިކަންކުރާ ކަމަށްވެއެވެ.

ކޯޑީގެ އެންމެ ތިރީބައި ވެސް ފަރުމާކޮށް ފައި އިންނަނީ ހަ ބިތުގެ ކުރި ބޯއްޓެއްގެ ސިފައަށެވެ. މިވެސް ހަދާފައި ހުންނަނީ ކަރުދާސް ބޭނުން ކޮށްގެންނެވެ. ކޯޑީގެ އެކިބައިގައި އެކިކުލައިގެ ކަރުދާސް ބޭނުން ކޮށްފައި ހުރެއެވެ. މީގެއިތުރުން ކަރުދާހުން ކަފާފައި ތަރިއާއި ހަނދުފަދަ ތަކެތި ތަތްކޮށްފައި ހުރެއެވެ. އަދި ކަރުދާހުން ކަފާފައި ފަށް އަޅާފައި ހުރެއެވެ. މިފަދަ ޒީނަތްތެރި ކުރުންތަކަކީ ޒަމާނާއި އެއްގޮތަށް ބަދަލުވަމުން އަންނަ ކަންކަމެވެ.
އީދަށް ތައްޔާރުވުން
ބޮޑު އީދު ފާހަގަ ކުރުމުގެ ގޮތުން އިހުޒަމާނުއްސުރެ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ތަފާތ ކުޅިވަރުތައް ކުޅެމުން އާދެއެވެ. ވުމާއިއެކު ބޮޑު އީދުގެ ދުވަސްތައް ވެފައި އޮންނަނީ ރަށުން ބޭރުގައި ދިރިއުޅޭ ރަށު މީހުން ކޮންމެ ގޮތެއް ހަދާފައި ވެސް ރަށަށް އަންނަ ދުވަސްތަކަކަށެވެ.
މާކަނޑޫދޫގައި ވެސް މިކަން އޮތީ މިގޮތަށެވެ. އީދު އަންނަން ކައިރިވުމުން، ރަށުން ބޭރުގައި އުޅޭ އެންމެން ރަށަށް ޖަމާވާން ފަށާނެއެވެ. މީހުންތައް އައުމާއިއެކު މަޑުމަޑުން އީދަށް ތައްޔާރު ވުމުގެ މަސައްކަތް ފެށިގެންދާނެއެވެ.
އީދު ކުޅިވަރު ކުޅުމަށް ބޭނުންވާ ބެރު އެޅުމަށް މަޑިހަން ހޯދުމަށް މަޑި ހިފަން ފުނަދޫއާއި އެއްފަޅުގައި އޮންނަ ފަރުކޮޅު ފުނަދޫގެ ފަޅުތެރެއަށް ރޭގަނޑު ހަތަރު ވަރަކަށް ދޯނީގައި ބައި ހަދާފައި ދާނެއެވެ. މި ދޯންޏަށް އެ ރަށުގައި ކިޔާ އުޅެނީ “ސޮކި” އެވެ. ދިވެހި ބަސްފޮތުގައި ސޮކީގެ މާނައެއްގެ ގޮތުގައި ލިޔެފައި ވަނީ ހިމަދިގުކޮށް ބޮއްކުރައެއް ހެން ހަދައިފައި ހުންނަ ކުޑަ އުޅަނދެވެ. މި އުޅަނދު ދުއްވާ އުޅެނީ ފަލީގެ އެހީގައެވެ.
ފަރުކޮޅު ފުނަދޫގެ ފަޅުތެރެއަކީ ވަރަށް ތިލަކޮށް އޮންނަ ތަނެކެވެ. އެތަނުގައި ގިނަ އަދަދަކަށް މަޑި އުޅެއެވެ. ތިން ހަތަރުރޭ މަޑިހިފަން ގޮސް ހިފޭ މަޑިތަކުގެ ހަންނަގައި އަވީލައި ހިއްކައެވެ. ރަނގަޅަށް ހިކުމުން ބެރު އަޅަން އެ ހަން ބޭނުން ކުރެއެވެ. މަޑިހަމަކީ އިހުގައި ރާއްޖޭގައި ބެރާއި ތާރަ ފަދަ ތަކެތީގެ ކޮޅުގައި އެޅުމަށް ބޭނުން ކުރަމުން އައި އެއްޗެކެވެ.
ކޯޑި ކުޅުން
ކޮންމެ އީދަކަށް ވެސް ކޯޑި ތައްޔާރު ކުރުމުގެ އަމަލީ މަސައްކަތް ފަށާނީ އެ ދުވަހުގެ ހެނދުނުއެވެ. ކޯޑި ހެދުމަށް ހަމަޖެހިފައިވާ ތަނަށް ރަށުގެ ހުރިހާ ފިރިހެންވެރިން ވެރިން އެއްވެ މަސައްކަތުގައި އުޅޭނީ ވަރަށް ފޯރީގައެވެ. ކޯޑީގެ ހުރިހާ މަސައްކަތެއް މެންދުރު ނަމާދުގެ ކުރިން ނިންމާލާނެއެވެ.

މެންދުރު ނަމާދު ވަގުތު ކައިރިވުމާއިއެކު އެންމެން ތައްޔާރުވެގެން ދާނީ މެންދުރު ނަމާދަށެވެ. ކޯޑި ކުޅެން ފަށަން ހަމަޖެހިފައިވާތަން އަންގާ އިއުލާންކޮށް އެންމެން މެންދުރު އެކެއްޖަހާއިރު އެތަނަށް ނުކުންނަން އަންގާނެއެވެ. މެންދުރު ނަމާދުކޮށް އަވަދިވެގެން، މެންދުރު ކެއުމަށް އިންސާފުކޮށް ނިންމާލުމަށް ފަހު ރަށުގެ އެންމެން އެތަނަށް ޖަމާވާން ފަށާނެއެވެ. ބެރުވެރިން ނުކުމެ ތިބޭނީ ބެރުތައް ހިފައިގެނެވެ.
އެންމެން ޖަމާވެ ކޯޑި ހިފައިގެން ކޯޑި ކުޅުމަށް ކަނޑައަޅާފައިވާ މަންޒިލަށް ދިޔުމަށް ބެރާއި ލަވަޔާއި ނެށުމާއިއެކު ހިނގައިގަނެވޭވަރު ހުންނާނީ ގަނޑިން 13:30 ހާއިރުވެފައެވެ.
ބެރުޖެހުމަށް ޖުމްލް އަށް ބެރުވެރިން ތިބޭނެއެވެ. ބެރާއިއެކު ކިޔާލަވަ ނަގާކިޔުމަށް ތިބޭ ދެ ބެރުވެރިންނަކީ ތަންކޮޅެއް އުމުރުން ދުވަސްވީ ކަމުގެ ތަޖުރިބާ ލިބިފައިވާ ދެ ބެރުވެރިންނެވެ. ދެން ތިބޭ ހަ ބެރުވެރިންނަކީ އެއަށްވުރެ އުމުރުގެ ގޮތުން ހަގު ބެރުވެރިންނެވެ. ބެރާއިއެކު ކިޔާ، އެކަމަށް ހާއްސަ ލަވަތަކެއް ވެސް ހުރެއެވެ. އަދި ބެރުޖަހައި ލަވަކިޔަމުންދާއިރު އެ މިއުޒިކާއިއެކު ނެށުމަށް ވެސް ހައެއްކަ ކުދިން ތިބޭނެއެވެ.
ފޯރިގަދަވާވަރަކަށް ލަވަ ބަދަލުކުރާނެއެވެ. މިގޮތަށް ކޯޑި ހިފައިގެންދާއިރު ކޯޑި ހިފައިގެން ހުންނަ މީހާ ބައެއްފަހަރު އެންމެންގެ މެދުގައި އަނެއްބައި ފަހަރު އެންމެންގެ ކުރީގައި ވެސް ހުރެއެވެ. ފޯރީގައި ގޮސް ކޯޑި މެދަށްލައި އެންމެން ވައްކޮށްލާނީ އެ ރަށުގެ ސްކޫލް ކަންމައްޗަށެވެ. އެއީ އެ ރަށުގެ ސަހަރާ ކައިރިއެވެ. އެތަނަށް ކޯޑިއާއިއެކު އެންމެން ޖަމާވާއިރު އެތަނުގައި ދެލިމާއްޔާއި މަށިމާލިތައް ޖަމާވެ ތިބޭނެއެވެ. ދެލިމާލިތައް ތިބޭނީ ކަޅު ކުލައިގައެވެ. މަށިމާލިތައް ތިބޭނީ ހުދުކުލައަކަށެވެ. މި ކޮންމެ މާއްޔެއް ހުންނާނީ ފެންފޯއް ރުކުގެ ފަނުގެ ބުޑުގައި ހުންނަ ފާޅަ ގަނޑުން މާސްކް ހަދައިގެން އަޅައިގެންނެވެ. ފެންނަން ހުންނާނީ ދެ ލޮލާއި ނޭފަތާއި އަނގައެވެ. ކޮންމެ މާއްޔެއްގެ އަތުގައި ފިޔަނަކާއި ދޭފަތެއް އޮންނާނެއެވެ.

ކޯޑި މެދުގައި ބަހައްޓައިގެން އެތަނުގައި ބެރާއި ލަވަޔާއިއެކު މާލިތައް ވެސް ނަށަމުން ދާނެއެވެ. ގިނައިރުވާވަރަކަށް ލަވަތައް އަވަސްކޮށް ފޯރި ގަދަކުރަމުން ގެންދާނެއެވެ. މި ކުޅިވަރު ނިމެންވާއިރަށް ރަށުގެ ހުއްސަރިބައި ހުރިހާ އަންހެން ކުދިން އެކިތަންތަނަށް ވަދެ ފިލާނެއެވެ. ކުޅިވަރު ނިންމާލުމާއިއެކު ޒުވާން ހުއްސަރިބައި ފިރިހެން ކުދިންތައް ފިލި އަންހެން ކުދިންތައް ހޯދަން މުޅި ރަށުގައި ހަރަކާތްތެރިވާން ފަށާނެއެވެ. ކޮޅުކޮޅު މައްޗަށް ދުވެ ހަދާނެއެވެ. މުޅި ރަށަށް ހީވާނީ ހަމަ ހަގީގަތުގައި ވެސް އީދު ލައިގަނެގެން އުޅޭހެނެވެ. ފެންނަ ކޮންމެ އަންހެން ކުއްޖެއް ގަދަކަމުން ގެންގޮސް މޫދަށް އެއްލައިލާނެއެވެ. މިގޮތަށް ގޮސް ހުރިހައި އަންހެން ކުދިން ހޯދައި މޫދަށް އެއްލައިލެވެންދެން މި މަސައްކަތް ވަރަށް ފޯރީގައި ކުރިއަށް ގެންދާނެއެވެ.
މޫދަށް އެއްލައިލާ އެއްވެސް އަންހެން ކުއްޖަކަށް މޫދުން އެރިޔަ ނުދިނުމަށް އަތިރިމަތީ ފިރިހެން ކުދިންތައް އެތުރި ތިބޭނެއެވެ. މިގޮތަށް ދެ ގަޑިއެއްހާއިރު އެ ކުދިން މޫދުގައި ބައިތިއްބާނެއެވެ. މި ކުޅިވަރު ނިމޭނީ ކޯޑީގައި އެލުވާފައި އިންނަ އުއްދަނޑުފަތި ނަގައިގެން ގެނެސް ކޯޑި ހަރަކާތުގެ ލީޑަރުގެ ކަރުގައި އަޅުވާ ހިސާބުންނެވެ. އެ ހިސާބުން މޫދަށް އެއްލައިލި އަންހެން ކުދިންތައް އަރައިގެން ގެއަށް ދިޔުމުން ކޯޑީގެ ކުޅިވަރު ނިމުނީއެވެ. ބުނެވޭ ގޮތުގައި އެ އުއްދަނޑި ފައްޗަކީ ވަރަށް ބަރު އެއްޗެކެވެ. އެފަތި ކަރުގައި އަޅުވާލުމުން ކޮޅަށް ވަރުގަދަ މީހަކަށް ނޫނީ ކޮޅަށް ހުންނަން ވެސް އުނގަދޫވާނެއެވެ.
ނޯޓް: މި ލިޔުން ލިޔެފައި މިވަނީ މާކަނޑޫދޫގެ ދުވަސްވީ ބައެއް މީހުންނާއި އިންޓަވިއު ކޮށްގެންނާއި އަދި އެހެނިހެން ގޮތްގޮތުން ހޯދުނު މައުލޫމާތުގެ މައްޗަށެވެ. ގިނަ މައުލޫމާތުތަކެއް އެ ރަށު އަބްދުލް ހަކީމް (70) ފަރާތުން ހޯދިފައިވެއެވެ.




