ރޮއްޓެއްހެން ތުނިތުނިކޮށް، ވަށްކޮށް އޮންނަ މަޑުމަޑު ފޮނި ރަހައެއްލާ ހާލު ފޮޅިއަކީ ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި ސިޓީގެ ފަހުރެކެވެ. ޒަމާނުއްސުރެ ތައްޔާރުކުރަމުން އަންނަ ސަތޭކަ އިންސައްތަ އެ ރަށުގެ އުފެއްދުމެކެވެ. މިއީ މުޅި ރާއްޖެއަށް ވެސް އެހާމެ މަޝްހޫރި ކެއުމުގެ ބާވަތެކެވެ.
ކުޅުދުއްފުއްޓަށް އަންނަ ހަމަ ކޮންމެ މީހަކު ރަހަބަލައިލަން ޝައުޤުވެރިވާ ހާލުފޮޅި ތައްޔާރު ކުރާނެ ގޮތް ތިރީގައި މި ހިމަނާލަނީ އެ ރަށު ފުނަމާގެ، ސަމްސުއްނިސާ މުޙައްމަދު ހިއްސާކުރެއްވި މަޢުލޫމާތުގެ މައްޗަށެވެ. ހާލުފޮޅި ފިހަން ބޭނުންވާ ކޮންމެ މީހަކަށް މި ލިޔުމުން ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ލިބޭނެ ކަމަށް އުންމީދުކުރަމެވެ.

ބޭނުންވާ ތަކެތި
ދެ ލާހި ހަނޑޫ
ބައިޖޯޑު ހަކުރު
އެއް ބިސް
އަށް ޖޯޑު ފެން
ތައްޔާރު ކުރާނެ ގޮތް
ކުރިއަށް އޮތް ދުވަހު ހާލުފޮޅި ތައްޔާރުކުރަން ބޭނުންވާނަމަ އެ ރޭ ހަނޑޫ ފެނުލާންވާނެއެވެ. އޭރުން ދުވާލުވާއިރު ހަނޑޫ ހުންނާނީ މަޑުވެފައެވެ. މަޑުވެފައިވާ ހަނޑޫތައް ދައި ބޭނުން ކޮށްގެން ވީހާވެސް ހިމުންކޮށް ފުނޑާށެވެ. ހަނޑޫ ފުނޑާ ނިމުމުން އޭގެތެރެއަށް، އަށް ޖޯޑު ފެން އަޅައި ރަނގަޅަށް އެއްކޮށްލުމަށް ފަހު ފުރާނާލާށެވެ.

ބިހާއި ހަކުރު ވަކިން ތެއްޔެއް ނުވަތަ ތައްޓެއްގައި ރަނގަޅަށް އެއްކޮލާށެވެ. އެއަށްފަހު ފުރާނާ ތައްޔާރު ކޮށްފައިވާ ހަނޑޫފުށު ފެންތައް އެއްކޮށްފައިވާ ހަކުރާއި ބިހުގެތެރެއަށް އަޅައި ރަނގަޅަށް ގިރާލާށެވެ. އޭރުން އެ ހުރީ ހާލުފޮޅި ފިހުމަށް ތައްޔާރުވެފައެވެ.
އެއަށްފަހު ތަތްނުލަވާ ތަވައަށް ފޮޅި ފިހަން ބޭނުންވާވަރަށް އެކަމަށް ތައްޔާރު ކޮށްފައިވާ ދިޔާ ފުށްގަނޑުން އެތިކޮޅެއް އަޅައި ތަވާތެރޭ ތުނިކޮށް ފަތުރާލާށެވެ. ހާލުފޮޅި ފިހަންވާނީ ވަރަށް މަޑު ގިނީގައެވެ. މިގޮތުން ފޮޅި ފިހެވުމުން ތަވައިން ނަގައި އަވީލައި ރަނގަޅަށް ހިއްކާލަން ވާނެއެވެ. އޭރުން އެ ހުރީ ހާލުފޮޅި ތައްޔާރު ކުރެވިފައެވެ.

ނޯޓް: ހާލުފޮޅީގައި ރަހަ މީރު ކުރުމަށް ފެނުގެ ގޮތުގައި ހުވަނދުމާ ފެން ބޭނުން ކުރެއެވެ. ޒަމާނަށް އައި ބަދަލާއިއެކު ތަންނުލަވާ ތަވާ ބޭނުން ކުރި ނަމަވެސް އިހުގައި ބޭނުން ކޮށްފައި ވަނީ އާދައިގެ ތަވައެވެ. އިހުގައި ހިލަ ދައިމަތީ ހަނޑޫ ފުނޑިނަމަވެސް މިހާރު ހަނޑޫ ފުނޑުމަށް ކަރަންޓް ދައި ބޭނުންކުރެއެވެ. ޒަމާނާއި ގުޅިގެން މިކަން ކުރާ ގޮތަށް ބަދަލުތަކެއް އައިސްފައިވީ ނަމަވެސް މީގެ ރަހައަށް އަދިވެސް އެއްވެސް ބަދަލެއް އައިސްފައި ނުވެއެވެ.




