ދިވެހިރާއްޖޭގެ އުތުރުން ދެކުނަށް އަޅުގަނޑު ހަސަން ސާޖިން (ޒުވާން މަސްވެރިޔާ) ކުރަމުންމިދާ ދަތުރުގައި. ށ.އަތޮޅު މީހުން ދިރިއުޅޭ އެހެން ރަށްތަކާއި ވަކިން ހުޅަނގު ބިތުގައި އޮންނަ ކޮމަންޑޫއަށް ފޯރީ ފާއިތުވި ޖަނަވަރީ މަސް ތެރޭގައެވެ.
ކޮމަންޑޫގައި ހުއްޓައި ޖަނަވަރީ މަހުގެ 11 ވަނަ ދުވަހުގެ ރޭ، އެ ރަށަށް އުދައަރައިގެން އުޅޭ ހަބަރު ލިބުނެވެ. އެއީ މާބޮޑުކަމެއްގެ ގޮތުގައި އޭރު އިހުސާސް ނުކުރެވުނެވެ. އަޅުގަނޑު އުފަން ރަށަށް ވެސް ބައެއް މޫސުމުގައި ކޮންމެވެސް ވަރަކަށް އުދައިގެ އަސަރުކުރެއެވެ. ނަމަވެސް ގެއްލުމެއް ލިބި އެއާއި މެދު ކަންބޮޑުވާ ދަރަޖައަކަށް ނޫނެވެ. ވުމާއެކު އެކަން އަޅުގަނޑަށް ފުރަތަމަ ސިފަކުރެވުނީ އަދި އިހްސާސް ކުރެވުނީ ވެސް އެގޮތަށެވެ.

އުދައަރައިގެން އުޅޭ ސަރަހައްދަށް ދިއުމުން ލިބުނީ ހައިރާން ކަމެކެވެ. ހީވަނީ ސުނާމީއެއް އަރައިގެން އުޅޭހެނެވެ. ސަރަހައްދުގެ ގިނަ ގެތަކަށް ލޮނުގަނޑުވަނީ ވަދެފައެވެ. ބައެއް ސަރަހައްދުތަކުގައި ކަކުލުން މައްޗަށް ލޮނުގަނޑު ހުއްޓެވެ. ގެތަކުގައި ނިދާފައިތިބި ކުޑަކުދިންނާއި ދުވަސްވީ މީހުން ނުކުމެ މަގުމަތީގައެވެ. ނިދިން މަހުރޫމްވެފައެވެ. ރަށުގެ ޒުވާނުންނާއި ރައްޔިތުންނުކުމެ ވެލިބަސްތާތައް ޖަހައި ގެތަކަށް ލޮނުގަނޑު ވަނުން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަނީއެވެ. ބައެއް ގެތަކުގައި މީހުން ދިރިނޫޅެވޭ ހާކަތަށް ގޮސް އެހެން ތަންތަނަށް ބަދަލުކުރަން ޖެހުނެވެ.

މަންޒަރު ފެނި އަޅުގަނޑަށް ހުރެވުނީ ހުއްޓުން އަރާފައެވެ. އިރުވައި މޫސުމުގައި އުދައަރާ ދުވަސްވަރު އެ ރަށު މީހުން ކޮންމެ އަހަރަކު ވެސް އުޅޭ ހާލަތައީ އެއީކަން އެނގުނީ ބައެއް މީހުންނާއި ވާހަކަ ދައްކާލެވުމުންނެވެ.
ހަގީގީ ކޮމަންޑޫއަކީ ބިމުގެ ގޮތުން ވަރަށް ކުޑަ ރަށެކެވެ. އެ ރަށުގެ ބިމުގެ ބޮޑުމިނުގައި ހުންނަނީ އެންމެ ހަތް ހެކްޓަރެވެ. ރަށުތެރެއަށް އަރައި ހިނގާލުމުން އެ ރަށުގައި ބިމުގެ ދަތިކަން އޮތް މިންވަރު އިހުސާސް ކުރެވުނެވެ. އެ ރަށުގެ މަގުތަކުގެ ފުޅާމިނުގައި ހުންނަނީ ހަތަރު ފަސް ފޫޓެވެ. މަގަށް ޖާގަކުޑަކޮށްފައި ވަނީ ދިރިއުޅުމަށް ބިމުގެ ބޭނުން އިންތިހާއަށް ބޮޑުވުމުން ކަމަށް ވެއެވެ.

ރަށުން ބަދަލުނުވީ ކީއްވޭ؟
އުދައެރުމުގެ ނުވަތަ ރާޅުއެރުމުގެ ދިގު މާޒީއެއް އޮތް ކޮމަންޑޫއަށް، 2004 ވަނަ އަހަރު ޑިސެމްބަރ މަހު ރާއްޖެއަށް އެރި ސުނާމީގެ އަސަރުވެސް ވަރަށް ބޮޑަށް ކުރިއެވެ. މުޅިރަށަށް ރާޅުއަރައި ބޮޑެތި ގެއްލުންތައްލިބި އެކަކުގެ ފުރާނަ ގެއްލުނެވެ. އެތައް ބަޔަކަށް ނަފްސާނީ ގޮތުން އަސަރުކުރިއެވެ. މިއަދު އުދައަރާތަން ފެނުމުން ވެސް އެ ނަފްސާނީ އުނދަގުލާއި ކުރިމަތިލާންޖެހި ހަމަނިދި ނުނިދޭ އެތައް ބަޔަކު އެ ރަށުގައި އެބަތިއްބެވެ. އޭގެތެރޭ އުމުރުން ދުވަސްވީ މީހުން ހިމެނެއެވެ. އެ ހާދިސާއަށް ފަހު އެ ރަށުން އެހެން ރަށަކަށް ބަދަލުވުމުގެ ފުރުސަތު ސަރުކާރުން ކޮމަންޑޫގެ ރައްޔިތުންނަށް ދިނެވެ. މިގޮތުން އެ އަތޮޅު މިހާރު ވެރިކަންކުރާ ށ.ފުނަދޫއަށް ބަދަލުވާން ސަރުކާރުން އެދުނެވެ.
ދިރިއުޅުމުގެ ދަތިކަން އިންތިހާއަށް އޮތް އެ ރަށުން މީހުން އެހެން ރަށަކަށް ބަދަލުނުވީ ކީއްވެތޯ؟ މިއީ އަޅުގަނޑު ހިތުގައި ވަރަށް ބޮޑަށް އުފެދުނު ސުވާލެކެވެ. މި ސުވާލުގެ ޖަވާބު ހޯދާލުމަށް ތަފާތު އުމުރުގެ އެކި މީހުންނާއި ސުވާލުކޮށްލެވުނެވެ.
އެކަކުބުނީ ލިބުނު ފުރުސަތުތަކުގައި އެހެން ރަށަކަށް ބަދަލުވާން ރައްޔިތުން ބޭނުން ނުވީ “ކޮސް” ކަމުން ކަމަށާއި، އެ ރަށް ދޫކޮށްލާން ބައެއް މީހުން ހިތް ނޭދުނު ސަބަބުތަކުގެ ތެރޭގައި އެ ރަށާއި މަތިކޮމަންޑޫއާއި ދެމެދުއޮތް ކަޅުއޮށްފުންމި ދަތުރުކުރި ރޮނގާއި، މަތިކޮމަންޑޫއާއި އަދި އެ ރަށްކައިރީގައި ހުރި ފަޅުރަށްތައް ދޫކޮށްލާފައި ދިއުން އެއީ ރަށުގެ ބައެއް މީހުން ހިތަށް ކުޅަދާނަވާވަރުގެ ކަމަކަށް ނުވުން ކަމަށެވެ. އަމިއްލަ ފަސްގަނޑަށް ބައެއް މީހުންގެ ހިތުގައި ޖެހިފައި އިތް ލޯތްބަކީ ވެސް މިކަމަށް ހުރަސް އެޅުނު ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަ ކުރިއެވެ.

ދެން ވާހަކަދެއްކި އުމުރުން ދުވަސްވީ އެހެން މީހަކު ހިތްހަމަ ނުޖެހޭފަދަ ރާގެއްގައި ބުނީ، ތިމަންނާމެން އެހެން ރަށަކަށް ބަދަލުވާން ކިތަންމެހާ ވެސް ބޭނުންވި ކަމަށާއި އޭރު އެކަން އަތޮޅުވެރިޔާއާއި ހިއްސާ ކުރެވުނު ކަމަށެވެ. ނަމަވެސް އަތޮޅުވެރިޔާ ދިން ޖަވާބަކީ ” އިންޑިއާއަށް ވެސް ރާޅުއަރައޭ، ފުވައްމުލަކަށް ވެސް ރާޅު އަރައޭ، އެހެންވީމާ މިވަރު ކުދި ރަށްރަށަށް ރާޅުއަރާނޭ، އެހެންވީމައި ކަލޭމެން ބަސް ނާހާނަމަ ލިބޭނީ ރަތް މުންޑެކޭ”
އެ ރަށުން ވާހަކަދެއްކި ގިނަބަޔަކު ބުނިގޮތުގައި، އެހެން ރަށަކަށް ބަދަލުނުވެވި ތިބެން ޖެހުނު އެންމެ މައިގަނޑު ސަބަބަކީ އޭރު ވެރިންނަށް ތިބި މީހުންގެ މަގާމާއި ބާރު ގެއްލިދާނެތީ ވެރިން އެހެން ރަށަކަށް ބަދަލުވާން ބޭނުން ނުވުމެވެ. ކޮމަންޑޫ މީހުންނަކީ އަބަދުވެސް ވެރިންނަށް ވަރަށް ކިޔަމަންތެރި ބައެކެވެ. ވުމާއިއެކު ވެރިން އެ ގޮތް ބޭނުން ނުވުމުން އެކަން ކުރިއަށް ނުގޮސް އޮތީއެވެ.
ނަމަވެސް ހިތާމައަކީ ރަށުގެ ރައްޔިތުން، އެ ހާލުގައި ބައިތިއްބާފައި އޭރު އަތޮޅުވެރިކަން ކުރި ފަރާތްތަކާއި ކަތީބުކަން ކުރިފަރާތްތައް ރައްޔިތުން އެ ހާލަތުގައި ބޭތިއްބުމަށް ފަހު، ތަނަވަސް އަދި ދިރިއުޅެން ފަސޭހަ ތަންތަނަށް ބަދަލުވެފައިވާކަމެވެ.
ބިން ހިއްކުމާއި، ނަތީޖާ
ކޮމަންޑޫގައި ބަނދަރުހަދައި އެ ރަށުގެ ވަށައިގެން ތޮށި ޖެހުމުގެ މަސައްކަތް ފުރަތަމަ ކޮށްފައިވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޒައާމަތުގައެވެ. އެއަށްފަހު އައި ކޮންމެ ވެރިކަމެއްގައި ހެން އެ ރަށުގައި ތޮށިލުމާއި ބިން ހިއްކުމުގެ ހަރަކާތްތައް އެކިސިފަސިފައިގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. ރައީސް ޔާމީންގެ ޒައާމަތުގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބޯމަތިވެފައިވަނިކޮށް އެ ރަށުގެ ދެކުނު ފަރާތުން ފެށިގެން އުތުރާ ހަމައަށް 11 މިލިއަން ރުފިޔާ ހަރަދު ކޮށްގެން 10 ހެކްޓަރު ބިން ހިއްކައި ތޮށި ޖެހިއެވެ.

2022 ވަނަ އަހަރު ކޮމަންޑޫ ދާއިރާގެ ރައްޔިތުން މަޖިލިސް ގޮނޑި ހުސްވެގެން ބައި އިލެކްޝަން ބާއްވަން ޖެހުމާއި ގުޅިގެން، އެ އިންތިހާބާއި ދިމާކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކޮމަންޑޫއާއި އެއްފަޅެއްގައި އޮތް މަތިކޮމަންޑޫއިން 16 ހެކްޓަރުގެ ބިން ހިއްކާފައިވެއެވެ. 200 މީޓަރު ބުރިޖަކުން ކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅާލާގޮތައް ޕްލޭން ކުރެވިފައިވާ އެ މަޝްރޫއަށް ސަރުކާރުން 250 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
ކޮމަންޑޫގެ ހާލަތު ބަދަލުކުރުމަށް ސަރުކާރުތަކުން އެތައް އެތައް މިލިއަން ރުފިޔާއެއް ހަރަދު ކޮށްފިއެވެ. ނަމަވެސް ސުވާލަކީ އެންމެ ބޭނުންވާ ނަތީޖާ ލިބިއްޖެތޯ ކުރެވޭ ސުވާލެވެ.

އެ ރަށުން ވާހަކަދެއްކި ބައެއް މީހުން ބުނީ މިލިއަނުން މިލިއަނުން ހަރަދުކޮށްގެން ބިން ހިއްކުމަށްވުރެ، އެ ފައިސާއަށް ހިދުމަތްތައް ރަނގަޅަށް ލިބެންހުރި، ބިމުގެ ގޮތުން ތަނަވަސް ރަށަކަށް، ގެ އަޅައިދީފައި އެ މީހުން ބަދަލުކުރުން މާރަނގަޅު ކަމަށެވެ. ސަބަބަކީ މިހާރު ހިއްކާފައިވާ ބިންތަކުގައި އިމާރާތްކޮށް ބަދަލުވާން އަނެއްކާވެސް ދިގު މުއްދަތެއް ހޭދަވާނެ ކަމަށާއި، މިހާރުން މިހާރަށް ވެސް ރަނގަޅު ހިސާބުތަކަށް ބަދަލުކުރަން ޖެހޭ އެއްތައް ގެއެއް އެބަހުރި ކަމަށެވެ.
އެތައް ސަރުކާރަކުން އެ ރަށުގައި ތޮށި ޖެހިނަމަވެސް އުދައެރުމުން ލިބޭ ގެއްލުނަތަކުން މިވަނީ އަރައި ނުގަނެވިއެވެ. އެކިހާލަތާއި ގުޅިގެން ރަށުގެ މަގުތަކަށް އެކިފަހަރުމަތިން ވެލި އެޅައި ހެދުމުގެ ސަބަބުން ގިނަ ގެތަކަށްވުރެ މިހާރު ވެސް މަގުތައް އުހެވެ. ބޯކޮށް ވާރޭ ވެހިއްޖެނަމަ ރަށުގެ ގިނަ ހިސާބުތަކުގެ ގެތަކަށް ފެންވަނުންފަދަ އުނދަގޫތައް މިހާރު ވެސް އަންނަނީ ތަހަންމަލް ކުރަމުންނެވެ.
އިހު ކޮމަންޑޫގެ ބައެއް ވާހަކަ
އިހުގެ ކޮމަންޑޫގެ ހާލަތު ކިޔައިދެމުން އެ ރަށު އަބްދުﷲ ހަސަން (68) ބުނީ މީގެ ބައިގަރުނެއްހާ ދުވަސް ކުރިން ވެސް އެ ރަށުގައި އައީ ބިމުގެ ދަތިކަން ތަހަންމަލް ކުރަމުން ކަމަށެވެ. އެ މީހުން މީހުންނާއި އިނދެ ގެ އަޅަން ލިބުނު ގެވަޅު ލިބުނީ ވެސް މޫދުން ކަމަށެވެ. ރަށުގައި މީހުން ދިރިއުޅުމަށް އޮތް ބިން ހުސްވުމުގެ ސަބަބުން އެ ޒަމާނުގައި ގެވަޅު ދެމުން އައީ ފަޅުތެރެއިންނެވެ. އެ ރަށުގެ ހުޅަނގުފަރާތުގައި މަތިކޮމަންޑޫއާއި ގުޅިފައިވާ ފަޅެއް އޮތްނަމަވެސް ދެން އެ ރަށުގެ ވަށައިގެންވާ ފަޅަކީ ވެސް ނިސްބަތުން ވަރަށް ކުޑަ ޖާގައެކެވެ.
“ގެވަޅު ލިބޭ މީހުންނަށް އިން ވަކޮކޮށްދޭނީ ރަށު އޮފީހުން، އެ މީހުން އައިސް ފަޅުތެރޭން ދޫކުރާ ގެވަޅުގެ ހަތަރު ކަނަށް ކަޑަޖަހައި އިން ވަކިކޮށްދިނީމާ، ދެން އެތަން ހިއްކައިގެން ގެ އެޅުމަކީ ގެވަޅު ލިބޭ މީހާގެ ޒިންމާއެއް” އޭރުގެ ހާލަތު ސިފަކުރަމުން އަބްދުﷲ ބުންޏެވެ.
މޫދުން ލިބުނު ގެވަޅު ހިއްކާގޮތް ކިޔައިދެމުން އޭނާ ބުނީ ގެވަޅުގެ އިންފާރަށްވާގޮތަށް ފުރަތަމަ ވަށައިގެން ބާޑި ޖަހަނީ ކަމަށެވެ. އެ ރަށު މީހުން ބާޑި ޖެހުން ކިޔާއުޅެނީ ލޮނުގަނޑު ހިފެހެއްޓުމަށް ގައު ބޭނުންކޮށްގެން ހަދާ ހުރަހަށެވެ. ދިވެހި ބަސްފޮތުގައި ބާޑި ޖެހުމުގެ މާނައެއްގެ ގޮތުގައި ލިޔެފައި އޮންނަނީ ބަޑީގެ އުންޑައާއި ރަށް ދިފާއުކުރުމަށް އަތިރިމަތީގައި އުސް ފަސްފަސްގަނޑު ޖެހުމެވެ. އެ ދުވަސްވަރު އެ ރަށު މީހުން ގެވަޅުގައި ބާޑިޖެހުމަށް ބޭނުންވާ ގައު ނަގާ އުޅެނީ ރަށުގެ ފަރުންނާއި އެ ރަށާ ކައިރީގައިވާ ރަށްތަކާއި ފަޅުތަކުގެ ފަރުންނެވެ.

އެ ޒަމާނަކީ އިޖުތިމާއީ ގުޅުމާއި ދޭދޭ ގުޅުންތައް ބަދަހިކަން އިންތިހާއަށް އޮތް ދުވަސްވަރެވެ. ބާޑި ޖެހުމުގެ މަސައްކަތަށް ރަށުގެ ހަމަ ކޮންމެ މީހަކަށް ގޮވާލި ނަމަވެސް ފުރިހަމަ އެއްބާރުލުން ދެނީ އެއްވެސް އަގަކާނުލައެވެ. ހިލޭ ސާބަހަށެވެ. މަސައްކަތްކުރަނީ އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެންނެވެ. ވުމާއިއެކު އެ މަސައްކަތް ވެފައި އޮންނަނީ ރަށުގެ އިޖުތިމާއީ ގުޅުން ބަދަހިވެގެންދާ މަސައްކަތަކަށެވެ.
ބާޑި ޖެހުމަށް ފަހު އެތަނުގެ އެތެރެއަށް ރަށުގައި އުފެދޭ ހުރިހާ ކުންޏެއް އަޅަމުން ގެންދެއެވެ. ތަންތަން ތަޅާލާފައި ނަގާ ގަލާއި، ފުނޑު ގައު ވެސް އަޅަނީ އެތަނަށެވެ. މިގޮތަށް ގޮސް އެތަން ހިކުމުން ގެއަޅަން ފަށައެވެ. މިއީ ކޮމަންޑޫގައި އޭރު ގެއަޅާއުޅުނު ގޮތެވެ. މިގޮތަށް ހިއްކައިގެން އެޅި އެތައް ގެޔެށް މިއަދު ވެސް އެރަށުގައި ފެންނަން އެބަހުއްޓެވެ.
މޫދާއި އިންވެގެން މީހުން ދިރިއުޅޭ ގެތައް ހުންނައިރު، އިރުވާ މޫސުމުގައި އުދައެރައި ގެތަކަށް ރާޅުވަނުމުގެ ހާދިސާތައް ހަމަ ކޮންމެ އަހަރަކު ވެސް ތަޖުރިބާކުރަން ޖެހެއެވެ. މޫދާއި ކައިރީގައި ހުންނަ ގެތަކަށް ލޮނުގެ އަސަރުކުރާ މިންވަރު އިތުރުވުމުގެ ސަބަބުން ފުރާޅުގައި ޖަހާފައި ހުންނަ ޓިނުތައް ހަލާކުވުމާއި ހިފާގެންގުޅޭ ތަކެއްޗަށް ވެސް ލޮނުގެ އަސަރުކޮށް އަވަހަށް ހަލާކުވުންފަދަ ދަތިތައް ފޯރައެވެ.
ރަށަށް އަންނަ ރާޅާއި އުދައިން އެ ގެތައް ސަލާމަތް ކުރުމަށް ގެތަކުގެ ވެރިން އިސްވެތިބެ ވެސް އެ ދިމާތަކުގައި ތޮށި ނުވަތަ ބާޑި ޖެހުމުގެ ހަރަކާތް ކުރިއަށް ގެންދެއެވެ. މީގެއިތުރުން އެއީ ރައްޔިތުންގެ ކަމެއްގެ ގޮތުގައި ދެކިގެން ވެސް އެ މަސައްކަތްކޮށް އުޅުނެވެ. މިގޮތުން އެންމެ ފުރަތަމަ އެ ރަށުގެ ވަށައިގެން ބާޑި ޖަހާފައި އޮތީ ގަލުންނެވެ. ބާޑި ހަލާކުވާނަމަ މަރާމާތު ކުރާނީ ވެސް ރައްޔިތުން ނުކުމެއެވެ. ރަށުގެ ވަށައިގެން ޖަހާފައި އޮންނަ ބާޑީގެ ސަބަބުން ގެއްލުން ކުޑަކުރެވުނު ނަމަވެސް ލިބޭ ގެއްލުމަށް ދާއިމީ ހައްލެއް ލިބޭނޭ މަގެއް އޭރު އޮތީ ނުފެނިއެވެ.
ކޮމަންޑޫގައި ބަނދަރެއް ހެދުމުގެ ކުރިން އެ ރަށުގައި އަރާފޭބުމުގެ ހާލަތު އޮތީ ވަރަށް ދަތިގޮތަކަށެވެ. އިރުމަތީ ފަރާތުން ނެރުކަނޑައި އޮޑިވަޅުކޮނެ ހަދާފައި ވަނީ ރައްޔިތުން ނުކުމެއެވެ. އޮޑިވަޅު ކޮންނަނީ ދަގަނޑު ތައްޓާއި އުދެލިފަދަ އާލާތްތައް ބޭނުން ކޮށްގެންނެވެ. މަސައްކަތް ކުރަނީ ދިޔަވަރު ހިކި ވަގުތު ތަކުގައެވެ. އޮޑިވަޅުތަކުގައި އަޅާފައި އޮންނަ ދޯނި ހިކިދިޔާގައި އޮންނަނީ ބީހިފައެވެ. އެ ނެރާއި އޮޑިވަޅުގައިވާ އޮޑިތައް އެތަނަށް ވަދެނުކުމެ ވެވޭނީ ހަމައެކަނި ބޮޑު ދިޔާގައެވެ.
އެހެން ރަށަކަށް ބަދަލުވުމުގެ ހިޔާލު، ވަރަށް ކުރިން
ބިމުގެ ޖާގަ ކުޑަވެ ދިރިއުޅުމުގައި ދިމާވާ އެތަކެއް ދަތިތަކެއްގެ ސަބަބުން ސަރުކާރުގައި އެދިގެން އެ ރަށު މީހުން އެހެން ރަށަކަށް ބަދަލުވުމުގެ ހިޔާލާއި ވިސްނުމަކީ މީގެ އެތައް އަހަރެއް ކުރިންސުރެ އެ ރަށު މީހުންގެ ތެރޭގައި އޮތް ހިޔާލެކެވެ. އެކަމަށް އެކި ސިފައިގާ އެ ރަށު މީހުން ވަނީ މަސައްކަތް ވެސް ކޮށްފައެވެ.
އަބްދުﷲ ބުނީ އެ މީހުން ޒުވާން ދުވަސްވަރި، ޒުވާނުންގެ މެދުގައި އެހެން ރަށަކަށް ބަދަލުވުމުގެ ވިސްނުން ބޮޑުވުމުގެ ނަތީޖާއެއްގެ ގޮތުން 340 މީހުންގެ ސޮޔާއިއެކު ރަށު އޮފީހަށް ޕެޓިޝަނެއް ހުށަހެޅި ކަމަށެވެ. ނަމަވެސް އެކަމަކީ އޭރު ރަށުގެ ވެރިންނަށް ތިބި ފަރާތްތަކަށް މާ ކަމުދާ ވިސްނުމަކަށް ނުވުމުން އެކަން ކުރިއަށް ނުދިޔަކަމަށެވެ.
އޭނާ އިތުރަށް ބުނީ ސަރުކާރުން ވެސް އެ ރަށު މީހުން އެހެން ރަށަކަށް ބަދަލުކުރުމަށް ދެފަހަރެއްގެ މަތީން މަސައްކަތް ކޮށްފައިވާ ކަމަށާއި، މިހާރު ނ.އަތޮޅުގައި ހިންގާ ވެލާ އައިލެންޑް މޯލްޑިވްސް ރިސޯޓް، ހިންގާ ރަށަށް ބަދަލުވުމުގެ ފުރުސަތާއި، ށ.އަތޮޅުގެ ވެރިކަންކުރާ ފުނަދޫއަށް ބަދަލުވުމުގެ ފުރުސަތު ވެސް ލިބުނު ކަމަށެވެ.




