COVER PHOTO

ކޮމަންޑޫގެ ހާލަތު ބަދަލުކޮށްލި “ކޮމަންޑޫ މަސްވެރިންގެ ގުޅުން” ޖަމިއްޔާ

ދިވެހިރާއްޖޭގެ ރަށްރަށުގައި ފުރަތަމަ ކަރަންޓުގެ ހިދުމަތް ދޭންފަށާފައި ވަނީ އަމިއްލަ ފަރާތްތަކުންނެވެ. ބައެއް ރަށްރަށުގައި އަވަށު އިންޖީނުގެ ހަދައިގެން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިންއިރު، އަނެއްބައި ރަށްރަށުގައި ރައްޔިތުންގެ އިންޖީނުގެ ހަދައިގެން ވެސް އެ ހިދުމަތް ފޯރުކޮށް ދީފައިވެއެވެ.

Share:

މުޅި ރާއްޖެ 1 ތަނަކުން ބަލައިލަން...

ދިވެހިރާއްޖޭގެ ރަށްރަށުގައި ފުރަތަމަ ކަރަންޓުގެ ހިދުމަތް ދޭންފަށާފައި ވަނީ އަމިއްލަ ފަރާތްތަކުންނެވެ. ބައެއް ރަށްރަށުގައި އަވަށު އިންޖީނުގެ ހަދައިގެން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިންއިރު، އަނެއްބައި ރަށްރަށުގައި ރައްޔިތުންގެ އިންޖީނުގެ ހަދައިގެން ވެސް އެ ހިދުމަތް ފޯރުކޮށް ދީފައިވެއެވެ.

 

ށ.އަތޮޅު ކޮމަންޑޫއަށް ފުރަތަމަ ކަރަންޓްގެ ހިދުމަތް ފޯރުކޮށްދީފައި ވަނީ އަމިއްލަ ދެ ފަރާތަކުންނެވެ. އެއީ އައްޑިހައިގެ މެދުތެރޭ ހިސާބުގައެވެ. ކަރަންޓުގެ ހިދުމަތް އެ ރަށަށް ފުރަތަމަ ދިން ދެފަރާތަކީ އަލްމަރްހޫމް އިސްމާއިލް މުހައްމަދާއި، އަލްމަރްހޫމް ސައީދު އަބްދުﷲއެވެ. މިއީ އެ ދުވަސްވަރު އެ ރަށުގައި ފައިސާގެ ގޮތުން ތަނަވަސް ދެ ބޭފުޅުންނެވެ. އިސްމާއިލް މުހައްމަދު އަތުގައި ދެ މަސްދޯނި އޮތެވެ. ސައީދު އަބްދުﷲ އަކީ ރާއްޖޭގައި މިހާރުވެސް ވިޔަފާރި ކުރަމުން އަންނަ “ކޭޑީއެމް” ގެ ވެރިޔާއެވެ.

އެ ދުވަސްވަރު އެ ދެބޭފުޅުން ކަރަންޓު ދެމުން އައީ ވަރަށް ކުޑަކުޑަ ދެ ޖަނަރޭޓަރުގެ އެހީގައެވެ. ކަރަންޓު ފޯރުކޮށްދެނީ ހަމައެކަނި ރޭގަނޑުގެ ހަތަރު ނުވަތަ ހަ ގަޑިއެއްހާއިރުއެވެ.

ކަރަންޓުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމުގެ ހިޔާލާއި ވިސްނުން ރައްޔިތުންގެތެރޭ ބޮޑުވެގެން ދިޔުމާއިއެކު، އިސްމާއިލް މުހައްމަދާއި، ސައީދު އަބްދުﷲ އިސްކޮށް ހުންނަވައި، އެ ރަށުގެ ކަމުވޮށިގެންވާ މީހުންނާއި ޒުވާނުންނާއި އެކު ކުރެވުނު މަޝްވަރާތަކަށް ފަހު ނިންމީ، ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ރަށުގެ ވީހާވެސް ގިނަބަޔަކު ގުޅިގެން މަސައްކަތް ކުރުމަށްޓަކައި ޖަމިއްޔާއެއް އުފައްދާށެވެ. ޖަމިއްޔާގެ މަގުސަދަކަށް ވެފައި އޮތީ ސީދާގޮތުން އެ ރަށަށް ކުރިއެރުން ހޯދައިދިނުމަށް މަސައްކަތް ކުރުމެވެ.

އެ ދެބޭފުޅުން މުއައްސިސުންނަށް ލައްވައި އައްޑިހައިގެ ފަހުކޮޅު “ކޮމަންޑޫ މަސްވެރިންގެ ގުޅުން” ގެ ނަމުގައި ޖަމިއްޔާއެއް ރަޖިސްޓަރީ ކުރިއެވެ. އެ ޖަމިއްޔާ އުފައްދައި އެކުލަވާލި ފުރަތަމަ ރަޖސްޓަރީގައި ވެސް 200 (ދުއިސައްތަ) އަށްވުރެ ގިނަ މެމްބަރުން ތިއްބެވެ. އެ ރަށަކީ އެ ޒަމާނުގައި ވަރަށް މަސްވެރިރަށެކެވެ. މަސްވެރިންގެ ދައުރު ޖަމިއްޔާ އުފެއްދުމުގެ ބޮޑުވުމަކީ އެ ޖަމިއްޔާއަށް މަސްވެރިންގެ ގުޅުން، މި ނަން ދެވުނު އެއް ސަބަބެވެ.

mas dhoani thah

ޖަމިއްޔާ އުފައްދައި އައު އިންޖީނެއް ގަތުމަށް ބޭނުންވާ ފައިސާ ހޯދުމަށް މަސައްކަތް ފެށިއެވެ. ފުރަތަމަ ދިޔައީ ފަރުމަހަށެވެ. އެ ދުވަސްވަރު އެ ރަށުގައި މަސްވެރިކަން ކުރާ ސޯޅަ ނުވަތަ ސަތާރަ ދޯނި އޮތެވެ. އެ ދޯނިތަކުގައި ފަރުމަހަށް ނުކުމެ މަސްބާނައި މަސް ކިރައިގެން ލިބުނު ފައިސާއިން ތެލަށްވާ ހަރަދު ކަނޑާލުމަށް ފަހު ދެން ލިބުނު ހުރިހާ ފައިސާއެއް ހަދިޔާކުރީ ޖަމިއްޔާއަށެވެ.

ކަނޑައެޅޭ ތާރީހުތަކެއްގައި މޫސުމަށް ވެސް ބަލައިގެން ދަތުރުތައް ރާވަމުން ދިޔައީ ޖަމިއްޔާގެ އިސްކޮށްތިބި ފަރާތްތަކުންނެވެ. ދެވަނަ ދަތުރުގައި ދޯނިތައް ދިޔައީ ކަހަނބަށެވެ. އެ ދުވަސްވަރަކީ ކަހަނބު ފަތުގެ އަގު ވަރަށް ބޮޑު ދުވަސްވަރަކަށް ވުމުން އެ މަސައްކަތުން ވެސް ރަނގަޅު އަދަދަކަށް ފައިސާ ހޯދިއެވެ. އަދި ތިންވަނަ ދަތުރުގައި ދޯނިތައް ދިޔައީ އިހިވެރިކަމަށެވެ. ކޮމަންޑޫފަރާއި ކޮމަންޑޫ ކައިރީ ހުރި ފަރުތަކަކީ އިހި ވަރަށް ތިޔާގި ފަރުތަކެކެވެ. އިހިވެރިކަމުން ވެސް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރިއެވެ.

މިގޮތަށް މަސައްކަތް ކުރަމުންގޮސް އެއް އަހަރު ދުވަހުގެ މަސައްކަތުން ޖަނަރޭޓަރު ގަނެ، ހިދުމަތް ފޯރުކޮށްދޭން ބޭނުންވާވަރަށް ފައިސާ އެއްކުރިއެވެ. ޖަމިއްޔާއިން އިސްވެއޮވެ ފުރަތަމަ އެ ރަށަށް ގަނެގެން ގެނެސްފައި ވަނީ 22 ކިލޯ ވޯޓްގެ ޖަނަރޭޓަރެކެވެ.

old engine ge nice one

ޖަމިއްޔާއިން އިސްކޮށްއޮވެ ރަށުގެ ރައްޔިތުން ނުކުމެ ވަރަށް ފޯރީގައި ކުރި މަސައްކަތުން އިންޖީނުގެ ރާނާ ނިންމައި ތިން ދުވަހުން އެތަން ބޭނުން ކުރެވޭވަރު ކުރިއެވެ. އެ މަސައްކަތްކުރަމުން ދިޔައިރު ރަށުގެ އަންހެން ވެރިން ނުކުމެ ސައިގަނޑިތަކަށް ސައިގެންދިޔުމާއި ޖޫސް ގަޑިތަކަށް ޖޫސް ގެންދިޔުމުގެ އިތުރުން ހުރިހާ ވަގުތުތަކެއްގެ ކެއުމުގެ އިންތިޒާމްތައް ހަމަޖައްސަމުން ދިޔައީ ވަރަށް ވެސް ޖޯޝާއި އެކުގައެވެ.

ކަރަންޓު ދިނުމަށް ރަށުގައި އަޅަން ބޭނުންވާ ކޭބަލް ގަތުމަށް ހަވާލުކުރީ، ކުރީގެ ދިއްގަރު ދާއިރާގެ މެންބަރު ކަން ވެސް ކުރެއްވި އަހުމަދު ނާޒިމްގެ، ނަމްރާ ކުންފުންޏަށެވެ. އެ ކުންފުނިން ކޮމަންޑޫއަށް ބޭނުންވާ ކޭބަލް ގެނައި ދޯނި ފަރަށް އަރައި ކޭބަލްތަކާއިއެކު އަޑިޔަށް ދިޔުމުގެ ހާދިސާއެއް ހިނގިއެވެ. ނަމަވެސް އެ ކޭބަލްތައް ނަގައިގެން އެ ރަށަށް ގެނައެވެ. މޫދު އަޑިން ނަގައިގެން ގެނަ ކޭބަލްތަކާއިމެދު އެ ރަށުގެ ރައްޔިތުންގެ މެދުގައި ހިޔާލުތަފާތުވުން އުފެދުނު ނަމަވެސް އެ ބޭނުން ކުރަން ނިންމައި ކޭބަލް ވަޅުލުމުގެ މަސައްކަތް ރައްޔިތުން ފެށިއެވެ. ކޮނެ ކޭބަލް ވަޅުލުމުގެ މަސައްކަތުގައި ރަށު ރައްޔިތުން ހަރަކާތްތެރިވީއިރު އަންހެންވެރިން ހުރިހާ ގަޑިތަކެއްގެ ކެއުމުގެ އިންތިޒާމް ހަމަޖައްސަމުން ގެންދިޔައެވެ.

މި މަސައްކަތަށް ބޭނުންވާ ޓެކްނިކަލް އެހީ ހޯދުމަށް ހދ.ކުޅުދުއްފުށިން ދެ މީހުން ގެނައެވެ. ރައްޔިތުން ކޭބަލް ވަޅުލަމުން ގެތަކަށް ކޮޅުތައް ވައްދަމުން ދިޔަވަރަކަށް މީޓަރަށް ގުޅުމުގެ މަސައްކަތް ކުރަމުން ގެންގޮސްފައި ވަނީ އެ ދެފަރާތުން އިސްވެތިބެއެވެ.

ehbaivatntha

ވަރަށް ފޯރީގައި ގޮސް ހުރިހާ މަސައްކަތެއް ނިންމާލުމަށް ފަހު އެ ރަށަށް ކަރަންޓު ދޭން ފަށާފައި ވަނީ 1990 ވަނަ އަހަރުގެ ތެރޭގައެވެ. ހަތަރު ގަޑިއިރު ދެމުން އައި ކަރަންޓު 12 ގަޑި އިރަށް ބަދަލުވީ އެ ހިސާބުން ފެށިގެންނެވެ. އެ ދުވަހުން ފަށައިގެން އެ ރަށަށް ކަރަންޓު ދެމުން އައީ ކޮމަންޑޫ މަސްވެރިންގެ ގުޅުމުންނެވެ.

ނުވަދިހައިގެ އަހަރުތަކުގެ ކުރީކޮޅު ސަރުކާރުން އެއް އަހަރެއްގެ މަސްވެރިންގެ ދުވަސް ކޮމަންޑޫގައި ފާހަގަ ކުރަން ނިންމިއެވެ. މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކަށް ރައްޔިތުން ނުކުމެ އެ ރަށް ފުރިހަމައަށް ތައްޔާރުކުރިއެވެ. ތައްޔާރީތައް ބައްލަވައިލެއްވުމަށް އޭރުގެ ފިޝަރީޒް މިނިސްޓަރ ހަސަން ސޯބިރު އެ ރަށަށް ވަޑައިގަތެވެ. ބެއްލެވުމަށް ފަހު އެ ރަށުގައި ބޭއްވުމަށް ނިންމާފައިވާ ހަރަކާތައް ބޭނުންވާ ކަރަންޓު އެ ދުވަސްވަރު ހުރި ޖަނަރޭޓަރުން ނުދެވޭނެ ކަމަށްބުނެ، އެއަށްވުރެ ބޮޑު ޖަނަރޭޓަރެއް ހޯދުމަށް ލަފާދިނެވެ. އެ ދުވަސްވަރު ކޫއްޑޫގައި ބޭނުން ކޮށްފައި އެތަނަށް ކުދިވެފައި ހުރި ޖަނަރޭޓަރުތަކުގެ ތެރެއިން އެއް ޖަނަރޭޓަރު ހެޔޮ އަގުގައި ލިބޭނޭ އިންތިޒާމް ހަމަޖެއްސިއެވެ. ކޮމަންޑޫގައި ބޭއްވި މަސްވެރިންގެ ދުވަހަށް ބޭނުންވާ ކަރަންޓު ނެގުމަށް ސަރުކާރުން މަސްކިރާ ބޮޑުބޯޓެއް އެރަށުގެ ބޭރުމައްޗަށް ގެނެސް އެ ބޯޓުން ރަށަށް ކޭބަލް ގުޅާލައި އެ ހަރަކާތައް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނެވެ.

މަގުފަހިވުމާއިއެކު ކޮމަންޑޫ މަސްވެރިންގެ ގުޅުމުން ކޫއްޑޫގައި ހުރި ޖަނަރޭޓަރުތަކުގެ ތެރެއިން 55 ކިލޯ ވޯޓްގެ ޖަނަރޭޓަރެއް ގަނެގެން ގެނައެވެ. އެއީ “ކަމިންސް” ބްރޭންޑްގެ ޖަނަރޭޓަރެކެވެ. އެ ޖަނަރޭޓަރު ގެނެސް ގުޅާލުމަށްފަހު އެ ރަށަށް 24 ގަޑިއިރު ކަރަންޓުގެ ހިދުމަތް ފޯރިކޮށްދޭން ފެށިއެވެ.

ހަތަރު މުވައްޒަފުންލައި ސައުވީސް ގަޑިއިރު އިންޖީނުގެ ހިންގަން ފެށިއެވެ. ޕެނަލް ބަހައްޓައި ޗޭންޖް އޯވަ ސްވިޗް ހަރުކޮށް ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރިއެވެ. އިންޖީނުގެ ހިންގަމުން އައީ ރައްޔިތުން ދައްކާ ފައިސާއިން މުވައްޒަފުންނަށް މުސާރަދީ ތެލައްވާ ހަރަދު ކަނޑައި ކުޑަ ފައިދާއަކާއި އެކުގައެވެ.

masahkaiththerikan

ނުވަދިހައިގެ އަހަރުތައް ފެށުނުއިރު ރާއްޖޭގެ ކަންކޮޅުތަކުގައި ހުރި ބައެއް އިންޖީނުގެތައް ސަރުކާރުން ނަގައިގެން ހިންގަން ވަނީ ފަށާފައެވެ. ނަމަވެސް އޭރުވެސް ރާއްޖޭގެ ގިނަ ރައްތަކަށް ކަރަންޓް ދެމުން އައީ އަމިއްލަ ފަރުދުންނެވެ. ނުވަތަ ރައްޔިތު އިންޖީނުގެތަކުންނެވެ.

ސަރުކާރުގެ ދަށަށް ރާއްޖޭގެ ހުރިހާ އިންޖީނުގެތަކެއް ނަގަން ނިންމީ ރާއްޖެއަށް ޑިމޮކްރެސީ ތައާރަފްވެ އުފެދުނު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އެ ވެރިކަމުގައި ޔޫޓިލިޓީގެ ނަމުގައި ކުންފުންޏެއް އުފައްދަވައި ރާއްޖޭގައި ހުރި ހުރިހާ އިންޖީނުގެތައް އެ ކުންފުނީގެ ދަށަށް ގެންނަން ނިންމީ 2008 ވަނަ އަހަރުގެ ތެރޭގައެވެ.

އޭރުއޮތް ކެބިނެޓުން ނިންމީ ޖަމިއްޔާތަކުން ހިންގަމުން އަންނަ އިންޖީނުގެއެއް ނަމަ އެ އިންޖީނުގެ ސަރުކާރަށް ނަގަންވާނީ ފުރިހަމައަށް ބަދަލު ދިނުމަށް ފަހުކަމަށެވެ. ސަބަބަކީ ދިވެހިރާއްޖޭގައި އުފެދިފައިވާ މަދަނީ ޖަމިއްޔާތަކަކީ ގާނޫނެއްގެ ދަށުން އުފެދިފައިވާ ޖަމާއަތްތަކަކަށް ވުމާއިއެކު މުދާ ހޯދުމާއި ދައުވާ ކުރުމުގެ ބާރު އެފަރާތްތަކަށް ގާނޫނީ ގޮތުން ލިބިދީފައި އޮތުމެވެ. ނަމަވެސް ރައްޔިތުން އިސްވެތިބެ ހިންގަމުން އައި އިންޖީނުގެއެއްނަމަ އެއްވެސް ބަދަލު ދިނުމަކާއި ނުލައި ސަރުކާރަށް ނަގަން ނިންމިއެވެ.

ޔޫޓިލިޓީ ނަމުގައި ކުންފުންޏެއް އުފައްދައި އެ ކުންފުންޏަށް ސަރުކާރުން ސަބްސިޑީ ދީގެން، އާންމު ފަރުދުން ފޯރުކޮށްދެމުން އައިވަރަށްވުރެ އަގުހެޔޮކޮށް އެ ހިދުމަތް ރާއްޖޭގައި ދޭން ފެށިއެވެ. އެ ހިސާބުން ކޮމަންޑޫގެ ތެރޭގައި ވެސް ކޮމަންޑޫ މަސްވެރިންގެ ގުޅުމުން ހިންގަމުން އައި އިންޖީނުގޭ ސަރުކާރަށް ބަދަލުކުރުމުގެ ހިޔާލު އެނބުރެން ފަށައި، ޖަމިއްޔާ ތެރެއިން ބަޔަކު ނުކުމެ ސީދާ އެ މަސައްކަތް ކުރަން ފެށިއެވެ. ޖަމިއްޔާގެ 120 މެމްބަރުންގެ ސޮއިކޮށް އެކަމަށް އެދި ޖަމިއްޔާގެ ހިންގާ ކޮމެޓީއަށް ޕެޓިޝަނެއް ހުށަހަޅައި އާންމު މެމްބަރުންގެ ބައްދަލުވުމެއް ބޭއްވުމަށް އެދުނެވެ.

މަސްވެރިންގެ ގުޅުމުގެ ހިންގާ ކޮމެޓީގައި މަސްވަރާކުރުމަށް ފަހު އެ އަހަރުގެ އަހަރީ ރިޕޯޓް އާންމު މެމްބަރުންނާއި ހިއްސާ ކުރުމަށް ބޭއްވި އާންމު ބައްދަލުވުމުގައި އެ ޖަމިއްޔާގެ ގިނަ މެމްބަރުންތަކެއް ބައިވެރިވިއެވެ. އިންޖީނުގެ ބަދަލުކުރުމުގެ މަޝްވަރާ އެ ބައްދަލުވުމުގައި ކުރަން ނިންމާފައި އޮތުމުން ޖަމިއްޔާ މެމްބަރުންގެ އިތުރުން ވެސް ރަށު ތެރެއިން ބައެއް މީހުން އެ ބައްދަލުވުމުގައި ބައިވެރިވިއެވެ.

ތަފާތު ހިޔާލުތަކާއިއެކު މައްސަލަ ބޮޑުވި އެ ބައްދަލުވުމުގައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ހިނގާދިޔަ ނަމަވެސް އެއްވެސް މީހަކަށް އަނިޔާވެފައި ނުވެއެވެ.

އެ ބައްދަލުވުމުގައި ޖަމިއްޔާއިން ނިންމީ، ކޮމަންޑޫއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް މަސްވެރިންގެ ގުޅުމުގެ ފަރާތުން ހޯދާފައިވާ ހުރިހާ ތަކެއްޗެއް އަގުމަގު ކުރުމަށް ފަހު ސަރުކާރުން އެތަކެތީގެ ބަދަލު ދިނުމުން ސަރުކާރާއި އިންޖީނުގެ ހަވާލު ކުރުމަށެވެ. އެ ޖަމިއްޔާއިން އެ ރަށަށް ކަރަންޓް ދިނުމަށް ބޭނުންކުރި ތަކެތި އަގުކޮށްލުމުން 6.52 މިލިއަން ރުފިޔާ އަރައެވެ.

old engine house now

ނަމަވެސް ކަންވެގެން ދިޔައީ ބައްދަލުވުމުގައި އެއްބަސް ވެވުނު ގޮތަކަށް ނޫނެވެ. ބައްދަލުވުން ބޭއްވިތާ ދެތިން ދުވަސްފަހުން ޔޫޓިލިޓީގެ ފަރާތުން އިންޖީނުގެ އެ ކުންފުނީގެ ދަށަށް/ސަރުކާރަށް ބަދަލު ކުރުމުގެ ލިޔެކިޔުންތަކުގައި ސޮއި ކުރަން އެ ރަށަށް އައެއްވެ. ޖަމިއްޔާއަށް އަންގާވެސްނުލައި ކައުންސިލުން ލިޔުންތައް ތައްޔާރުކުރުމަށް ފަހު ޖަމިއްޔާގެ އަމިއްލަ މުދާ ސަރުކާރަށް ބަދަލުކުރުމަށް ކައުންސިލުން ލިޔުން ހަދައި ސޮއިކޮށް، ޖަމިއްޔާ އެ އިންޖީނުގެއިން ނެރެ އެއްލާލިއެވެ. އެއީ 2011 ވަނަ އަހަރުއެވެ.

ކޮމަންޑޫ މަސްވެރިންގެ ގުޅުމުގެ ފަރާތުން އެ ރަށަށް ބޭނުންވާ ކަރަންޓު 21 އަހަރު ދުވަސް ވަންދެން މެދުކެނޑުމެއް ނެތި ފޯރުކޮށްދިނެވެ. އެ ޖަމިއްޔާގެ އިންޖީނުގެ މިއަދުވެސް އެ ރަށުގައި ފެންނަން އެބަހުއްޓެވެ. އަދި މިއަދު އެ ރަށުގައި ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންކުރަމުންދާ ގިނަ މައި ކޭބަލްތަކަކީ ވެސް އެ ޖަމިއްޔާއިން ގަނެގެން މެމްބަރުންނާއި ރަށުގެ ރައްޔިތުންގެ އެހީތެރިކަމާއިއެކު ކޮނެގެން އަޅާފައިވާ ކޭބަލްތަކެވެ.

old engine house inside

އެ ޖަމިއްޔާގެ މުދަލަށްވާ ފައިސާ ނުވަތަ ބަދަލު ހޯދުމަށް އެ ދުވަސްވަރު ޖަމިއްޔާގެ އިސްކޮށް ތިބިފަރާތްތަކުން ކައުންސިލުގެ މައްޗަށް ދައުވާވެސް އުފުލިއެވެ. ދައުވާގައި ހަތަރު ފަސް އަހަރު ފާއިތުވެ ހުކުމާއި ހިސާބަށް ދިޔައިރު ލިޔެކިޔުމުގައި ހުރި ބައެއް މައްސަލަތަކާއި ގުޅިގެން ކޯޓުން އެ މައްސަލަ ބޭރުކޮށްލީއެވެ.

ޖަމިއްޔާގެ އަތުން އިންޖީނުގެ ގެއްލި ދިޔުމާއިއެކު ފައިސާ ލިބޭނެ ކޮޅުތައް ބަންދުވެ ޖަމިއްޔާގެ ހަރަކާތްތައް ހުއްޓިފައި އޮތުމާއި ގުޅިގެން ދައުވާގެ މުއްދަތުގައި ހިންގާ ކޮމެޓީ ގަވައިދުން އެކުލަވާލުންފަދަ ކަންކަން ކުރެވިފައި ނެތުމުން މައްސަލަ އަލުން ކޯޓައް ނުވެއްދި ހުއްޓިގެންގޮސް ޖަމިއްޔާ އުވުމާއި ހިސާބަށް ދިޔައިރު، އެ ޖަމިއްޔާގައި 532 މެމްބަރުން ތިއްބެވެ. ޖަމިއްޔާ ހުއްޓުނުއިރު ޖަމިއްޔާގެ އެކައުންޓުގައި ވެސް ލައްކައަކަށްވުރެ ގިނަ ރުފިޔާ ހުއްޓެވެ.

އިންޖީނުގެއާއި ހިސާބުން ކޮމަންޑޫ މަސްވެރިންގެ ގުޅުމުގެ ވާހަކަ ނުނިމެއެވެ. އެ ރަށަކީ ރާއްޖެތެރޭ ރަށްތަކުގެ ތެރެއިން އެންމެ ފުރަތަމަ ނަރުދަމާގެ ނިޒާމް ގާއިމްކުރި އެއް ރަށެވެ. 1996 ވަނަ އަހަރު އެ ރަށުގައި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގައި ވެސް އެންމެ އިސް ރޯލެއް އަދާކުރި އެއްބަޔަކީ އެ ޖަމިއްޔާއެވެ.

ސަރުކާރުގެ އެހީތެރިކަމާއިއެކު ހެޔޮއެދޭ ފަރާތްތަކުގެ ބައިވެރިވުމާއިއެކު ކޮމަންޑޫގައި ފެނުގެ ނިޒާމް ގާއިމް ކޮށްފައި ވަނީ 2003 ވަނަ އަހަރުއެވެ. މި މަސައްކަތުގައި ވެސް އެ ޖަމިއްޔާގެ ބައިވެރިވުން ބޮޑެވެ. އެ އަހަރުން ފަށައިގެން އެ ރަށަށް 24 ގަޑިއިރު ފެނުގެ ހިދުމަތް އައީ ލިބެމުންނެވެ.

fen plant

1990 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރާއި ހިސާބަށް މުޅި ކޮމަންޑޫގެ ހާލަތަށް އެންމެ ބޮޑު ހެޔޮބަދަލެއް ގެނައުމަށް އެންމެ ބުރަކޮށް މަސައްކަތް ކޮށްފައިވަނީ، އެ ރަށުގެ ގިނަބަޔަކު ޝާމިލްވާ ކޮމަންޑޫ މަސްވެރިންގެ ގުޅުމުންނެވެ. އިހުލާސްތެރިކަމާއިއެކު ކޮމަންޑޫއަށް ހިދުމަތް ކުރައްވަމުން އައި އަލްމަރްހޫމް އިސްމާއިލް މުހައްމަދާއި، އަލްމަރްހޫމް ސައީދު އަބްދުﷲ ގެ އިސްނަންގަވައި އުފެއްދެވި ޖަމިއްޔާއިން ރަށުގެ ހާލަތު ބަދަލުކޮށްލިއެވެ. އިހުލާސްތެރިކަމާއިއެކު ކުރެވޭ މަސައްކަތުގެ ނަތީޖާއިން މުޖުތަމައަށް ކިތަންމެ ބޮޑު ހެޔޮ ބަދަލެއް ވެސް ގެނެވިދާނެއެވެ.

Scroll to Top