އާއިލާއާއިއެކު ނުވަތަ ރައްޓެހިންނާއިއެކު މޫދަށް އެރިލައި ޕިކްނިކް ހަދާލަން ބީޗަށްދާނަމަ ދިވެހިން އެންމެ ގިނައިން ކޮށް އުޅޭ އެއް ކަމަކީ ބާބަކިއު ހެދުމެވެ. ޒަމާނާއި ގުޅިގެން މިކަން ކުރެވޭ ގޮތަށް ވެސް އަންނަނީ އެކިކަހަލަ ބަދަލުތައް އަންނަމުންނެވެ. މިގޮތުން މިފަހަރު އަޅުގަނޑު ކިޔުންތެރިންނަށް ހިއްސާ ކޮށްލަން މި އުޅެނީ ށ.އަތޮޅު ކަނޑިތީމްގައި ތައްޔާރުކުރާ “ޑީސެންޓް” ބާބަކިއު އެއްގެ ވާހަކައެވެ.
ކަނޑިތީމް މީހުންގެ މެދުގައި މަޝްހޫރު ޓްރޭ ބާބަކިއުއަކީ މިހާރު އެ ރަށުގައި އެންމެ މަގުބޫލް ބާބަކިއުގެ ވައްތަރެވެ. “ޓްރޭއެއް ހަދާލަން” މިހެން ބުނެފިނަމަ މިހާރު އެ ބުނަނީ ކޮން ވާހަކައެއްކަން އެ ރަށު އެންމެންނަށް ވެސް އެނގެއެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭ މި ބާބަކިއު އެ ރަށުގައި ވަނީ އެހާބޮޑަށް ވައިގައި ހިފާފައެވެ.

ބާބަކިއު ހެދުމަށް ބޭނުންވާ ތަކެތި
ކުކުޅު، ފިޔާ، ލޮނުމެދު، އަލުވި، ކޯން، ލުނބޯ، ކާށިކިރު ޕެކެޓް، ތަންދޫރީ ހަވާދު، ލޮނުމިރުސް، ސޯޔާސޯސް، ޓޮމާޓޯ ޕޭސްޓް، ލޮނު، އެލްމެނިއަމް ޓްރޭ.
ކުކުޅު ފިނި ކެނޑުވުމަށް ފަހު ހަންނޮޅައި ރީތިކޮށް ސާފް ކޮށްލައި ބޮޑެތިކޮށް ކޮށާލާށެވެ. އެއަށްފަހު ކޮށި ކުކުޅަށް ބޭނުންވާ މިންވަރަށް މިރުސްގަނޑު ތައްޔާރު ކުރުމަށް ތައްޓަކަށް ތަންދޫރީ ހަވާދާއި ލޮނުމިރުހާއި ރަހަލާވަރަށް ސޯޔާސޯސް އަދި ޓޮމާޓޯ ޕޭސްޓްއަޅައި ލޮނުޖަހައި ލުނބޯ ހުތް ޖެހުމަށް ފަހު ރަނގަޅަށް މޮޑެލާށެވެ. އެއަށްފަހު ކޮށައި ތައްޔާރު ކޮށްފައިވާ ކުކުޅުގެ ތެރެއަށް މިރުސްގަނޑު އޮއްސާލައި ރަނގަޅަށް މޮޑެލާށެވެ. (ކުކުޅު މަހުގެ ބަދަލުގައި ބީފް، ކަނޑު މަސް، ނުވަތަ ފަރުމަސް ވެސް ބޭނުން ކުރެވިދާނެއެވެ. މި ލިޔުމުގައި ކުޅުކުޅުގެ ވާހަކަ ބޮޑަށް ހިމަނާފައި އެ ވަނީ ކަނޑިތީމުގައި މި ބާބަކިއު ހެދުމަށް އާންމުކޮށް ބޭނުން ކުރަނީ ކުކުޅު ކަމަށްވާތީއެވެ.)

ދެން ފިޔާއާއި ލޮނުމެދާއި އަލުވި އަދި ކޯން އާއި ކެރެޓް ބޮޑެތިކޮށް ކޮށުމަށް ފަހު އެލްމެނިއަމް ތަށީގެ ތެރެއަށް އަޅައި އޭގެ މައްޗަށް ލޮނބޯ ހުތް ޖެހުމަށް ފަހު ކާށިކިރު ޕެކެޓުން މިންވަރެއް އަޅައި، ބާބަކިއުއަށް ތައްޔާކުރި އަލިފާންގަނޑެ ތެރޭގައި ތަށިތައް އަތުރާލާށެވެ. އަލިފާންގަނޑު ތައްޔާރު ކުރާނީ އާންމުކޮށް ބާބަކިއު ހަދަން މި ތައްޔާރުކުރާ އުސޫލުން ނާށިފަދަ އެއްޗެއް އަންދައިގެންނެވެ. އެލްމެނިއަމް ތަށީގެ ގޮތުގައި މި ބާބަކިއު ހެދުމަށް ބޭނުން ކުރަމުން އަންނަނީ މިހާރު ހޮޓާ ރެސްޓޯރެންޓްތަކުގައި ޑެލިވަރީ ހިދުމަތް ދިނުމަށް ބޭނުންކުރާ އެލްމެނިއަމް ތައްޓެވެ.

އަލިފާންގަނޑުގެ ތެރޭގައި ތަށިތައް އަތިރާލާތާ ވިހި ނުވަތަ ފަންސަވީހަކަށް މިނެޓްފަހުން ހުންނާނީ ރޯފިލައި ކެވޭވަރުވެފައެވެ. މިއާއިއެކު ކަނޑިތީމްގައި އެންމެ ގިނައިން ކެއުމަށް ބޭނުން ކުރަނީ ރޮއްޓެވެ. ރޮށީގެ ބަދަލު ފަރާޓާވެސް ނުވަތަ ޕާންވެސް ބޭނުން ކުރެވިދާނެއެވެ.

މި ބާބެކިއުގައި ފާހަގަ ކޮށްލެވޭ ކަންތައްތަކުގެ ތެރޭގައި ކޮންމެ މީހަކަށް ވަކި ތައްޓެއް ތައްޔާރު ކުރުމުން އެ މީހަކަށް ބޭނުން އެއްޗެއް އެއަށް އިތުރުކޮށް މަދުކޮށް ހެދުމުގެ ފުރުޞަތު ލިބުން ހިމެނެއެވެ. ކުޅި ގަދަކޮށް ކާން ބޭނުންވާ މީހާގެ ތައްޓަށް މިރުސް އިތުރު ކޮށްލެވުމާއި ތަރުކާރީ ގިނައިން އަޅަން ބޭނުންވާ މީހާއަށް އެ މީހާގެ ތައްޓަށް ތަރުކާރީ އިތުރު ކޮށްލުމުގެ ފުރުސަތު ލިބެއެވެ.

މި ތަށިތައް އަލިފާނުގެ ތެރެއަށް ލުމަށް ފަހު ކައިރީގައި ބަލަން ތިބޭކަށް ނުޖެހޭނެއެވެ. މޫދަށް އެރެން ކުޅިވަރު ކުޅެން ބޭނުންވާނަމަ އެކަމުގައި ޝާމިލްވެ ތިބުމަށް ފަހު ވިހި ނުވަތަ ފަންސަވީސް މިނެޓްފަހުން އައިސް ނަގައިގެން ކާންވީއެވެ. މި ބާބަކިއު މާ ބޮޑު ހަޑިވުމަކާއި ނުލައި ތައްޔާރު ކޮށްލެވެއެވެ.




