މީގެ އެތައް ޒަމާނެއްގެ ކުރިން ށ.ކަނޑިތީމް ދެކެފައިވާ އާދަޔާ ޚިލާފް ވަރުގަދަ ލީޑަރެއް ކަމަށްވާ، އަލީ މުހައްމަދު (އަލިކަލޭފާނު) ގެ ވާހަކައަކީ މިއަދުވެސް އެ ރަށު މީހުންގެ ތުންތުން މަތިން ކިޔެމުން އަންނަ ވާހަކައެކެވެ.
ދުނިޔެ މީގެ 84 އަހަރު ކުރިން ދެވަނަ ބޮޑު ހަނގުރާމައާއި ކުރިމަތިލައި، މުޅި ދުނިޔެއަށް އައި ބޮޑުތަދު (ދެވަނަ ބޮޑުތަދު) ދުވަސްވަރު ރާއްޖޭގެ ރަސްކަމުގައި ހުންނެވީ ހަސަން ނޫރައްދީނެވެ. ހަ އަހަރު ދުވަހަށް ދެމިގެންދިޔަ ދެވަނަ ބޮޑު ހަނގުރާމަ ނިމި ހަސަން ނޫރައްދީން އަވަހާރަވެ އެ ރަސްކަން ނިމި، މުހައްމަދު އަމީންގެ ވެރިކަން ފެށިފައި ވަނީ މީލާދީ ގޮތުން 1952 ވަނަ އަހަރެވެ.
ކަނޑިތީމުގެ ދުވަސްވީ މީހުންގެ ވާހަކަތަކުން އެނގޭ ގޮތުގައި އަމީންގެ ވެރިކަމުގައި ރާއްޖެ ބޮޑުތަދާއި ކުރިމަތިލީއިރު އެ ރަށުގެ ވެރިއަކަށް ހުންނެވީ އަލިކަލޭފާނެއެވެ. ވުމާއެކު މީގެ ހަތްދިހަ އެތައް އަހަރެއް ކުރީގައި ވެސް ކަނޑިތީމުގެ ވެރިއެއްގެ ގޮތުގައި ހުންނެވީ އެ ކަލޭފާނުކަން އެނގެއެވެ. ޔަގީންކޮށް ބުނަން ނޭނގެނީ ކަނޑިތީމުގެ ވެރިކަމާއި ކަލޭފާނު ހަވާލުވި ތާރީޚާއި އެ ކަލޭފާނު އެ ރަށުގެ ވެރިކަން ކުރެއްވި މުއްދަތެވެ.

އަލިކަލޭފާނުގެ ދިރިއުޅުއްވުމުގެ ކަންކަން ހުންނެވި ގޮތާއި ކަނޑިތީމުގެ ވެރިކަން ކުރެއްވި ދުވަސްވަރުގެ ވާހަކަތައް ތިރީގައި މި ބަޔާންކުރަނީ އެ ކަލޭފާނުގެ ދަރިކަލުންގެ ތެރެއިން މިވަގުތު ދުނިޔޭގައި ހުންނެވި ހަމައެކަނި ދަރިކަލުން، އަބްދުﷲ ރަމީޒު ފަރާތުން ލިބުނު މަޢުލޫމާތުގެ އިތުރުން އެ ރަށު ދުވަސްވީ ބައެއް މީހުންގެ ފަރާތުން އެއްކުރެވުނު މަޢުލޫމާތުގެ މައްޗަށެވެ.
މެންދަމުން އަލިވެ ހަތަރެއްޖެހުމާއިއެކު ހޭފުޅުލައްވާނެއެވެ. ފަތިސްނަމާދަށް ބަންގި ގޮވާނީ އެ ކަލޭފާނު ނަމާދަށް ތައްޔާރުވެ ވަޑައިގެން ހުންނަވަނިކޮށެވެ. ފަތިސް ނަމާދުގެ ބަންގި ދިނުމާއިއެކު ނަމާދަށް އަވަސްވެ ގަންނާނެއެވެ. ނަމާދުކޮށް އަވަދިވެވަޑައިގެން ދުނިޔެމައްޗަށް ރަނގަޅަށް އިރުގެ އަލިކަން ފާޅުވާއިރު އެ ކަލޭފާނު ހުނަވާނީ އަތިރިމަތީގައެވެ. އަތިރިއަށް ނުކުންނަވައި ހުރިހާ އޮޑިހަރުގެއަކަށް ހިންގަވައި އެ ތަންތަން ރަނގަޅަށް ބައްލަވައި ހެއްދެވުމަށް ފަހު ކާޑުގެ ހުޅުވަންވާއިރަށް އެތަނަށް ދުރުވާނެއެވެ. ދުވަހަކު ވެސް ގަނޑިޖެހި ވަޑައި ނުގަންނަވާނެއެވެ.

ކާޑުގެއަކީ އެ ޒަމާނުގައި ރައްޔިތުންގެ މުދާ ރަށްކާކޮށްފައި ހުންނަ ތަނަށް ކިޔާނަމެކެވެ. ފަހުގެ ގޮތަކަށް ބުނަނީނަމަ އެއީ އޭރުގެ ރަށު އޮފީސް ކަމުގައި ބުނެވިދާނެއެވެ. އޭރުވެސް ކާޑުގެ ކޮންމެ ދުވަހަކު ވެސް ހުޅުވާކަމަށް ވަނީ ހެނދުނު އަށެއް ޖަހާއިރުއެވެ.
ކޮންމެ ދުވަހެއްގެ އިރުއޮއްސެންވާއިރަށް ރަށުގެ ހުރިހާ ގެއަކަށް އެ ކަލޭފާނު ޒިޔާރަތް ކުރައްވާނެއެވެ. ވަކިވަކިން ރަށުގެ ހުރިހާ ގެއަކަށް ވަންނަވައި އެންމެންގެ ހާލު ބައްލަވައި ހައްދަވާނެއެވެ. ގޭގޭގެ ފުރާޅުގައި ޖަހާފައިވާ ފަންތައް ފީވެ ވާރެވެހޭ ވަރުވެފައި ވަނީ ކިތައް ގޭގައިތޯ އަދި ގިފިލީގެ އެތެރެ ފެންނަވަރަށް ބިތް ހަލާކުވެފައި ވަނީ ކިތައް ގޭގައި ތޯ ބައްލަވާނެއެވެ. އެފަދަކަމެއް ފާހަގަވެއްޖެނަމަ އެކަމެއް ހައްލުކުރަން ބޭނުންވާ ސާމާނު ކާޑުގެއިން ނަންގަވައި މީހުންނާއި ސާމާނާއިއެކު ފޮނުއްވައި އަވަސް ގޮތެއްގައި އެކަން ހައްލުކުރައްވާނެއެވެ.
އެ ކަލޭފާނު ގޭގެއަށް ޒިޔާރަތް ކުރައްވާއިރު އެ ދުވަހަކަށް ބޭނުންވާވަރަށް ކާބޯތަކެތި ހުރީ ކިތައް ގޭގައިތޯ ބައްލަވާނެއެވެ. އެ ދުވަހަށް ބޭނުންވާވަރަށް ކާނާ ނެތް ގޭގެއަށް ކާޑުގެއިން ނަންގަވައި ބިންބިއާއި ކުދިބަތާއި ދޮނަޅަފަދަ ތަކެތި ދެއްވާނެއެވެ. އެއްވެސް މީހަކު ބަނޑަށް ޖެހުނަކަ ނުދޭނެއެވެ. ނަމަވެސް ކާޑުގެއިން ނަންގަވާ ތަކެތީގެ އަގު އެ ގެއަކުން ފަހުން އަދާކުރަން ޖެހޭނެއެވެ. ސަބަބަކީ އެއީ ރައްޔިތުންގެ މުދަލުން ނެގޭ އެއްޗަކަށްވުމެވެ.

އެ ދުވަސްވަރު ކަނޑިތީމުގައި މަހަށްފުރާ ބާރަވަރަކަށް މަސްދޯނި އޮންނަ ކަމަށްވެއެވެ. އަލިކަލޭފާނު އެ ދޯނިތައް މަހަށްފުރާތޯ ވެސް ގަވައިދުން ކޮންމެ ދުވަހަކު ބައްލަވާނެއެވެ. އެންމެ ދޯންޏެއް ނުފުރާ އޮތްނަމަ ވެސް އެ ދޯންޏެއް ނުފުރާ އޮތީ ކީއްވެތޯ ބައްލަވައި އެކަމެއް ހައްލު ކުރައްވާނެއެވެ. މީހަކު މަދުވެގެން ނުފުރި އޮތްނަމަ ރަށުތެރެއިން އެކަމަށް އެކަށޭނެ މީހަކު ހޯއްދަވައި އެ ދޯންޏަށް ލައްވައި ދޯނި މަހަށް ފުރޭނޭ އިންތިޒާމް ހަމަޖައްސަވާނެއެވެ.
ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ރާއްޖެ ވެސް ބޮޑުތަދަކާއި ކުރިމަތިލާންޖެހި ކާބޯތަކެއްޗަށް ޖެހި ފަތްޕިލާވެލި ކާން ޖެހުނު ޒަމާނެއް އައެވެ. ރާއްޖޭގެ ކަންކޮޅުތަކުގައި އެ ދުވަސްވަރު ބައެއް މީހުން ބަނޑަށް މަރުވިކަމަށް ވެސް ބުނެވެއެވެ.
އެ ދުވަސްވަރު ވެސް އަލިކަލޭގެފާނުގެ ހިކުމަތްތެރިކަމާއި މަސައްކަތްތެރިކަމުގެ ނަތީޖާއެއްގެ ގޮތުން ކަނޑިތީމުގެ ރައްޔިތުން ބަނޑުފުރާނަމުއްތި ކުރާނޭ ތަކެތި ހޯއްދަވައި ދެއްވުމުގައި އެ ކަލޭފާނު އިސްދައުރެއް އަދާކުރެއްވިއެވެ. ބަނޑަށް މަރުވުމުން ސަލާމަތް ކުރެއްވިއެވެ. އެ ކަލޭފާނު އިސްވެ ހުންނަވައި ރޮދު އަޅުއްވައި، މަސްބާނައި ލޮނުއެޅުއްވުން ފަދަ މަސައްކަތްތައް ކުރެއްވިއެވެ.
އަލިކަލޭފާނަކީ ވަރަށް ގިނަ މަސައްކަތް ދަންނަ ބޭފުޅެކެވެ. އެ ކަލޭފާނު އިސްކޮށް ހުންނަވައި އެ ރަށުގައި އޮޑިދޯނި ފަހަރު ބެންނެވިއެވެ. ވަދުއޮޑިއާއި މަސްދޯނިން ފެށިގެން ގޮސް މާލެދަތުރުކުރާ ބައްތެލި ފަހަރު ވެސް ބެންނެވިއެވެ.

ރަށުން ހިކިމަސްފަދަ ތަކެތި ވިއްކަން މާލެ ގެންދިޔުމަށާއި ރަށަށް ބޭނުންވާ ކާޑުގެ ބާވަތްތައް މާލެއިން ރަށަށް ގެނައުމަށް ބައްތެލީގައި މާލެ ދަތުރުތައް ކުރެއްވިއެވެ. މިގޮތަށް ބޭނުންކުރި ބައްތެއްޔެއް އެހެލުމަށް ފަހު ބާވީހަކަށް އަހަރުވަންދެން ހިޔާކޮށްފައި އޮޑިހަރުގޭގައި ހުއްޓައި، އެ ބައްތެލި ރާއްޖެއިން ބޭރަށް ދަތުރުކުރާ ބޯޓަކަށް ބަދަލުކުރައްވައި ބޭރު ދަތުރުތައް ފެއްޓެވީ ވެސް އަލިކަލޭފާނުގެ މޭސްތިރިކަމުގައެވެ.
“ނާއިންފަރު” ނަމުން ނަން ދީފައިވާ މި ބޯޓުގެ ބޭރު ދަތުރުތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މިވަގުތު ދުނިޔޭގައި ހުންނެވި އަލިކަލޭފާނުގެ ހަމައެކަނި ދަރިކަލުން އަބްދުﷲ ރަމީޒު ވިދާޅުވީ ބޯޓުގެ ފުރަތަމަ ދަތުރުގައި ބައްޕާފުޅާއިއެކު އޭނާ ވެސް ބައިވެރިވިވެލެއްވި ކަމަށާއި، ފުރަތަމަ ދަތުރު ކުރެއްވީ ލަންކާއަށް ކަމަށެވެ. ލަންކާއަށް ދެވުނީ ފަސްރޭ ފަސްދުވާއިން ކަމަށެވެ.
ރަމީޒް އިތުރަށް ވިދާޅުވީ އެއީ ރިޔަލުގައި ދަތުރުކޮށް އުޅުއްވި ޒަމާނަށް ވުމުން ބޭރަށް ދަތުރު ފަށްޓަވަނީ ހުޅަނގު މޫސުމުގައި ކަމަށާއި އެނބުރި ރާއްޖެ އަންނަނީ އިރުވާވެ ވައިބަދަލުވުމުން ކަމަށެވެ. ބޯޓުގެ ދެވަނަ ދަތުރު ކުރެއްވީ އިންޑިއާއަށެވެ. އެ ދަތުރުގައި ވެސް ރަމީޒް ބައިވެރިވެ ލެއްވިއެވެ. އެ ދަތުރުގެ ހަނދާން އާކުރަމުން ރަމީޒް ވިދާޅުވީ ދަތުރުގެ ވަކި ހިސާބަކުން ވައި ނުލިބިގެން ކަނޑުމަތީ ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހުނުކަމަށެވެ. ވައި ލިބިގެން އިންޑިއާއަށް ފޯރީ ދަތުރު ފެށިތާ 29 ދުވަސް ފަހުން ކަމަށެވެ.
އެ ދަތުރުގައި 650 ހަންދަރު ކުފްރާ އިންޑިއާއަށް ވިއްކުމަށް ކަނޑިތީމުން ގެންދެވިއެވެ. ކުފްރާއަކީ ނާށިން ވަކިކޮށް ހިއްކާފައި ހުންނަ ކާއްޓަށް ނުވަތަ ނާށިން ވަކިކޮށްފައި ހުންނަ ކުރޮޅިއަށް ކިޔާނަމެކެވެ. ކުރޮޅިއެއް ގޮތަށް ފުރިހަމައަށް އޮވެއްޖެނަމަ އެ ރަށު މީހުން އެއަށް ކިޔަނީ ބޯޅަ ކުފްރާއެވެ. ފަޅިކޮށްފައި އޮވެއްޖެނަމަ އެއީ އާދައިގެ ކުފްރާއެވެ.
އެ ވިއްކުމަށް ފަހު ލިބޭ ފައިސާއިން ބޯޓުގައި އެ ރަށަށް އެންމެ ގިނައިން ގެންނަކަމަށް ވަނީ ފުރާޅުގައި ޖަހާ އީޓާއި އަންނައުނު ފަދަތަކެއެޗެވެ. ބޯޓުގައި ގެންނަ އަންނައުނުގެ ތެރެއިން ރަށުގެ ކޮންމެ ފިރިހެނަކަށް މުންޑެއް ކޮންމެ އަންހެނަކަށް ކަނޑިއްކެއް ހިލޭ ބައްސަވާކަމަށްވެއެވެ.
އެ ޒަމާނުގައި ކަނޑިތީމް ރައްޔިތުން ލައްވައި މަސައްކަތް ކުރުވަނީ އެ ކަލޭފާނު އިސްކޮށް ހުންނަވައިގެންނެވެ. މަސައްކަތުން ލިބޭ ނަފާގެ އެއްބައި ކާޑުގެއަށް ނަންގަވާނެއެވެ. އެއީ ރައްޔިތުންގެ މުހުތާދުތައް ފިއްލެވުމުގައި ބޭނުން ކުރެއްވުމަށެވެ. އެ ކަލޭފާނު އިސްކޮށް ހުންނަވައި އެ ރަށުގައި އާދަޔާ ހިލާފް ހީވާގި މަސައްކަތްތެރި އަހުލާގު ރަނގަޅު އެއްބައިވަންތަ މުޖުތަމައެއް ގާއިމް ކުރެއްވިއެވެ.
ދަރިކަލުން އަބްދުﷲ ރަމީޒް ސިފަކުރައްވާ ގޮތުގައި ބައްޕާފުޅަކީ ހުރިހާ ދަރިންނަށް ވަރަށް ހެޔޮ، އެއްވެސް ވަރަކަށް ދަރިންގެ މެދުގައި ތަފާތު ކުރުމެއް ނުގެންގުޅުއްވާ ހަރުދަނާ ބޭފުޅެކެވެ.

އަލިކަލޭފާނުގެ މުސްކުޅިވެ ބަލިހާލަތު ބޮޑުވެ ލޮލުގެ ފެނުން ގެއްލުމާއި ގުޅިގެން ރައްޔިތުން ހަރަދުގައި އިންޑިއާއަށް ގެންދަވައި ބޭސްފަރުވާ ކުރެއްވިކަމަށްވެއެވެ. އަލިކަލޭފާނު އަވަހާރަވީ އެ ކަލޭފާނުގެ އުމުރުފުޅުން 63 އަހަރުގައެވެ.
އަލިކަލޭފާނަކީ ޒިންމާތަށް ނެންގެވުމުގައި އެފަދަ ދެވަނައެއް ނުވާ ބޭފުޅެކެވެ. އެ ކަލޭފާނުގެ ވެރިކަމުގައި ކަނޑިތީމް ދެކެފައިވަނީ ހިތްހަމަޖެހުމާއި އުފާވެރިކަމުގެ ޒަމާނެކެވެ. ތަނަވަސްކަމާއި ފުދުންތެރިކަމުގެ ޒަމާނެކެވެ. އެކުވެރިކަމާއި އެއްބައިވަންތަކަމާއި މަސައްކަތްތެރިކަމުގެ ޒަމާނެކެވެ. ކަނޑިތީމުގެ ދުވަސްވީ މީހުން މިއަދުވެސް ބުނަމުން އަންނަނީ އެފަދަ ދެވަނަ ލީޑަރެއް ނުދެކޭ ކަމަށެވެ.




