D AFB B BB CBFBC

އިހުގެ މަސްވެރިކަމުން ދުވަހެއް

މެންދަމުން އަލިވެ ފަތިސްވުމާއިއެކު ދޯނީގެ ކެޔޮޅު މީހާ ފަޅުވެރިން ހޭލެއްވުމަށް ފަޅުވެރިންގެ ގޭގޭދޮށް ގޮސް، ގޭގެ މައި ދޮރުކައިރީ ހުރެ ގޮވާނެއެވެ. "އޭ މަހަށްދާން ތެދުވޭ" ފަޅުވެރިޔާގެ ޖަވާބެއް ލިބެންދެން މިހެން ގޮވައި ތަކުރާރު ކުރަމުން ގެންދާނެއެވެ. މިގޮތަށް ފަހަރަކު ގެއެއްގެ ދޮށަށް ހިނގައި ހުރިހައި ފަޅުވެރިން ހޭލައްވާނެއެވެ. ފަޅުވެރިންނަށް މަހަށްދާން ގޮވުމަކީ ކެޔޮޅުގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެކެވެ.

Share:

މުޅި ރާއްޖެ 1 ތަނަކުން ބަލައިލަން...

މެންދަމުން އަލިވެ ފަތިސްވުމާއިއެކު ދޯނީގެ ކެޔޮޅު މީހާ ފަޅުވެރިން ހޭލެއްވުމަށް ފަޅުވެރިންގެ ގޭގޭދޮށް ގޮސް، ގޭގެ މައި ދޮރުކައިރީ ހުރެ ގޮވާނެއެވެ. “އޭ މަހަށްދާން ތެދުވޭ” ފަޅުވެރިޔާގެ ޖަވާބެއް ލިބެންދެން މިހެން ގޮވައި ތަކުރާރު ކުރަމުން ގެންދާނެއެވެ. މިގޮތަށް ފަހަރަކު ގެއެއްގެ ދޮށަށް ހިނގައި ހުރިހައި ފަޅުވެރިން ހޭލައްވާނެއެވެ. ފަޅުވެރިންނަށް މަހަށްދާން ގޮވުމަކީ ކެޔޮޅުގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެކެވެ.

 

ފަޅުވެރިން ހޭލައި ފަތިސް ނަމާދުކޮށް ތައްޔާރުވާއިރު، އަންހެން ވެރިން ހުންނާނީ މަހަށް ގެންދަން ބޭނުންވާ ކޮށްތު ދުރާލައި ތައްޔާރުކޮށް ބަހައްޓާފައެވެ. މަހަށް ގެންދިޔުމަށް ތައްޔާރުކުރާ ކާތަކެތީގެ ތެރޭގައި އާދައިގެ ފުށުގައި ހަދާފައި ހުންނަ ފޮނި ރޮއްޓާއި ބިންބި ފުށު ރޮށީގެ އިތުރުން ކުދިބަތުގައި ހަދާފައި ހުންނަ ތަފާތު ބާވަތްތަކުގެ ކާނާ ހިމެނެއެވެ.

ދަތުރުމަތީ ބޭނުންވާ ކޮއްތު އެޅުމަށް ފަނުން ވިޔެ ކޮނޑުގައި އަޅުވާލައިގެން ގެންގުޅެވޭގޮތަށް ހަދާފައިއޮންނަ ވަޑިގޮނަށް ހުރިހާތަކެތި އަޅައިގެން ފަޅުވެރިން އިރުއަރައި ދުނިޔެމައްޗަށް އަލިވުމުގެ ކުރިން ފުރަން ދޯނިދޮށަށް އަތިރިއަށް ނުކުންނާނެވެ.

ފަޅުތެރޭ ދޯނި އެޅުމަށް ހާއްސަ ކޮށްފައިވާ ބޯސަލުގައި އަޅާފައި އޮންނަ ދޯނި ގޮނޑުދޮށަށް ގެނެސް ފުރަން ތައްޔާރުކުރުމުގައި އިސްކޮށް އުޅޭނީ ކެޔޮޅު މީހާއެވެ. ފަޅުވެރިން ތައްޔާރުވެގެން ފުރަން އަތިރިއަށް ނުކުންނައިރު ދޯނި އޮންނާނީ މަހަށް ފުރަން ތައްޔާރު ކޮށްފައެވެ.

ހުރިހާ ފަޅުވެރިން ދޯންޏައް ހަމަވުމުން ބޮޑު ފަތިހާ ދޯނި ފުރައިގެން ދަނީ ކައިރި ހިސާބުތަކުން އެ ދުވަސްވަރު އެން ހޯދަން ފަސޭހަ ތަނަކަށް އެން ހިފާށެވެ. މިގޮތުން ހާހަލާއި ގިރިގިރީގެ އިތުރުން ފަރުތަކުގެ ބޭރުން ވެސް އެންހިފާ އުޅެއެވެ.

CEED CAFB F A CDCF

އެ ދުވަހެއްގައި އެންއަޅަން ދާން ކަނޑައަޅާފައިވާ ސަރަހައްދަށް ދެވުމުން ދޯނީގެ ދެފަރާތަށް ފަނާލައި ރަނގަޅަށް ދޯނި ބަނދެލައި، އެންވަތުގެ އުނގުރިތައް ނައްޓައި ވަތަށް ލޮނުއަރުވައި އެން ދިރުވަން ވަތް ތައްޔާރު ކުރުމަށް ފަހު އެންދައު (ބުރެކިދައު) ނަގައި ދަލުގެ ހަތަރު ކަނުގައި ދަނޑިއަށްސައި އެން އަރާފައި ހުރި ގަލުގެ ކައިރިއަށް ފައްތާނީއެވެ. ދައު ފެއްތުމަށް ފަހު އަޑީގައި ރީތިކޮށް ފަރތުރާލައި ހަމަޖައްސާލައި ދަލުގެ މައްޗަށް ފިލިމަސް ޖަހާނެއެވެ. ފިލިމަހަކީ ރޯމަސް ހިމުންކޮށް ކަހައިގެން ހަދާފައި ހުންނަ ފިއްޔެކެވެ.

Utheemu Kalhubila Masverikan

ފިލިމަސް ޖަހާވަރަކަށް ފިލިކަމުން އެންތައް ދައު މައްޗަށް ޖަމާވާނެއެވެ. އެންތައް ރަނގަޅަށް ޖަމާވެ ދަލުގެ މެދަށް ބޮނޑިވުމުން ހަތަރު ކަނުގައި ބައްދާފައިވާ ދަނޑީގައި ހިފައި ދައު އަވަސް ހަރަކާތުގައި ދޯންޏަށް ނަގައި ދަލުތެރޭ ބެދިފައިވާ އެންބޮނޑި ވަތަށް ފުރުޅާލާނީއެވެ. މިގޮތަށް އެންދެމުމުގެ މަސައްކަތް އެ ދުވަހަކަށް ބޭނުންވާވަރަށް އެން ހިފެންދެން ކުރިއަށް ގެންދާނެއެވެ.

ވާވަރަށް އެން ހިފުމުން ފަނާތަށް ނަގައި ދޯނި މިސްރާބު ކޮށްލާނީ މަސް ކަނޑަށެވެ. ވައިޖެހޭނަމަ ރިޔަލުގައެވެ. ވައި ނުޖެހޭނަމަ ފަލީގައެވެ. ކަޅުބިލަމަސް ބޭނުމަށް ނުކުންނަން ޖެހެނީ މާ ކަނޑަށެވެ. އެތެރެވަރީ ލައްޓިއާއި ރާގޮނޑި އުޅުނު ނަމަވެސް ކަޅުބިލަމަހަކީ އާންމު އުސޫލަކުން އެތެރެވަރިއަށް ވަދެއުޅޭ މަހެއް ނޫނެވެ.

IMG

މަސްކަނޑަށް ނުކުމެ އައިން ފެނުމާއިއެކު އެން ކެޔޮޅު ތެދުވެ އެންވަށި ނަގައި ދޯނީގެ ދެފަރާތަށް އެން އުކަމުން ގެންދާނެއެވެ. އެން ކައި މަސްތައް ދޯނީގެ ފަހަތަށް ދޮށި ފޯރާވަރަށް ތިލަވުމުން މަސްބޭނުމަށް ތައްޔާރު ކޮށްފައިވާ ދޮށިތައް ނަގައި ފަޅުވެރިން މަސްބާނަމުން ގެންދާނެއެވެ. މަސް ދަހި ދުވަހެއްނަމަ އެންއޮޑި ހުސްވުމުގެ ކުރިން ދޯނި ބަރުވެގެން މަސް ބޭނުން ހުއްޓާލަން ޖެހެއެވެ.

މަސްބާނައި ނިންމާލުމަށް ފަހު ދޯނި މިސްރާބު ކޮށްލާނީ ރަށަށް އައުމަށެވެ. ވައިޖެހޭނަމަ ރިޔަލުގައެވެ. ވައި ނުޖެހޭނަމަ ފަލީގައެވެ. ފަލީގައި ދަތުރު ކުރުމަކީ ދޯނީގެ ފަޅުވެރިންގެ ގަދަ ހިތްވަރު ދައްކުވައިދޭ ކަމެކެވެ.

މަސްބާނައިގެން ރަށަށް ލެފުމަށް ފަހު ދޯނި ގޮނޑުދޮށަށް ކައިރިކޮށް ބޭނި މަސްތައް ފުރަތަމަ އަޅާލާނީ މޫދަށެވެ. މޫދަށް އަޅާލުމުން ދޯނި ސާފުކޮށް ބޯސަލުގައި އެޅުމަށް އެއްބަޔަކު ހަރަކާތްތެރިވާއިރު، އަނެއްބަޔަކު މޫދަށް ފައިބާ މަސްތައް އެއްގަން ކޮށް ގޮނޑުދޮށު ދޮންވެލިގަނޑުމަތީ ފުންޏަކަށްވާގޮތަށް ބަހައްޓަމުން ގެންދާނެއެވެ.

ދިވެހިންގެ ތެރޭ މަސް ބެހުމުގެ އުސޫލެއް އެ ޒަމާނުގައި ވެސް އޮވެއެވެ. ބާނާ މަސްތައް ދެބައިކޮށްލުމަށް ފަހު އެއްބައި އޮންނާނީ އޮޑިގެއަށެވެ. ނުވަތަ އޮޑީގެ ވެރިމީހާއަށެވެ. ފަޅުވެރިންނަށް ބަހާ ބައިގެ ތެރެއިން ކެޔޮޅަށް ދެބައި އަދި އެން ކެޔޮޅަށް ދޮޅުބައި ލިބޭނެއެވެ. ނަމަވެސް ފަޅުވެރިއަކަށް ލިބޭނީ އެއްބައެވެ.

އެ މީހަކަށް ލިބޭ މަސްތައް ކަރުއަޅައި ގެއަށް ގެންދަނީ ވެސް އެ މީހާއެވެ. މަސްތައް ހިފައިގެން އަންނައިރު ގޭ ބަދިގެ ދޮރުމަތީ އަންހެންވެރިން ނުކުމެ ފަނުން ވިޔެފައި އޮންނަ މަސްކަނޑާ ތޮށަލި ފަތުރާފައި އޮންނާނެއެވެ. މަސްތައް ގެނެސް ބަހައްޓާނީ އޭގެ މަތީގައެވެ.

mas kendun

މަސްކަނޑާނީ ފިރިހެނުންނެވެ. މަސްކަނޑާ ނިންމައި ފެންވަރައިގެން ނުކުންނައިރު ކާން ހަދާފައި ހުންނާނެއެވެ. ކައިގެން ދެން އޮންނާނީ އަރާމު ކުރުމުގެ ގޮތުން ނިދުމެވެ.

މަސް ކެއްކުމުގެ އެންމެހާ ކަންކަން ކުރިއަށް ގެންދާނީ ގޭގެ އަންހެން ވެރިންނެވެ. މަސްކެކޭ ވަރަކުން ނަގައި ދުމަށި މަތީ އަތުރަމުން ގެންދާނެއެވެ. ދުމައްޓަކީ ހަތަރު ކަނުގައި މުޑިޖަހައި މަސް ކައްކާ އުނދުންމަތީ ހުރަހަށް އޮށި އަތުރައިގެން ހަދާފައި ހުންނަ އައްޓެކެވެ. ގެނެސް ހުރި ހުރިހާ މަހެއް ކެކެންދެން މިގޮތަށް މި މަސައްކަތް ކުރިއަށް ގެންދާނެއެވެ.

mas kekkun

އަނެއް ދުވަހު އުނދުނަށް އަލިފާންލައި ދުމަށި މަތީ އަތުރާފައި ހުރި މަސްތަކަށް ދުންއަރުވައި/ ދިލަ ޖައްސާނެއެވެ. މަސްތަކަށް ރަނގަޅަށް ދިލައެރުމުން ނެރެ އަވީލާނެއެވެ. ދެތިން ދުވަހު އަވީލުމަށް ފަހު މަސްތައް ރަނގަޅަށް ހިކުމުން ގޭގައި ކާތަކެތި ރައްކާކުރުމަށް ހަދާފައި ހުންނަ ފައްލަވައިގެ ތެރެއަށް އަޅައި ރައްކާކުރާނެއެވެ. މި މަސައްކަތުގައި އިސްވެ އުޅޭނީ އަންހެން ވެރިންނެވެ.

Dhidhdhoo Mas Hikkun

އެ ދުވަސްވަރު އާންމުދަނީ ހޯދުމަށް ހިކިމަސް ވިއްކާ އުޅެއެވެ. މާލެ ދަތުރުކުރާ ބޯޓް މާލެފުރާ ދުވަހަށް ފައްލަވައިގެ ތެރެއިން މަސްތައް ނަގައި ގޯނިގޯނީގައި ބަންދުކޮށް މާލެ ފޮނުވައި އެ ވިއްކައިގެން އާންމުދަނީ ހޯދައެވެ. އެ އާންމުދަނީން ދިރިއުޅުމުގެ ހަރަދުތައް ބަލަހައްޓައެވެ.

ބައެއް ލަފުޒުތަކުގެ މާނެ

ވަޑިގޮނު – ކާއެއްޗެހި އަޅަން ފަނުން ވިޔެފައި ހުންނަ ގޮނު

ބޯސާ – އޮޑިދޯނިފަހަރު އަޅަން ދެކޮޅަށް އަޅައި އެއްކޮށް ބަނދެފައި އޮންނަ ވައު

ފަނާ – އޮޑިދޯނިފަހަރު އެޅުމަށް ނަގިލީގެ ބަދަލުގައި ބޭނުންކުރާ ގަލެއް، މި ގައު އޮންނާނީ ވަށްކޮށް، ފަތާކޮށް، މެދުގައި ލޯވަޅެއް ތޮރުފައި އެތަނަށް ދަނޑިއެއް މަހާފައެވެ.

ފައްލަވަ – އެތެރެއަށް އެއްޗެހި އެޅޭގޮތަށް ވަށައިގެން ބައްދާފައި ހުންނަތަން

ދުމަށި – މަސްފަދަތަކެތި ހިއްކުމަށް ނުވަތަ ދިލަޖެއްސުމަށް އުނދުނާއި ދިމާލުގައި ހަދާފައި ހުންނަ އަށިގަނޑު

އެން – މަސްބާނަން އައިނަށް އުކާ ކުދިމަސް

ނޯޓް: މިއީ ދިވެހިރާއްޖޭގައި ދޯނިފަހަރުގައި އިންޖީނު އެޅުމުގެ ކުރިން މަސްބާނަން ނުކުންނަ ދުވަސްދުވަހުގެ ކަންކަން ހުންނަ ގޮތާއި ގުޅޭގޮތުން ހދ.ފިނޭ އިރުމަތީގެ، އަބްދުﷲ އަލީ (90) ހިއްސާކުރެއްވި މަޢުލޫމާތުގެ މައްޗަށް ލިޔެފައިވާ ލިޔުމެކެވެ.

 

Scroll to Top