މިލަދުންމަޑުލު އުތުރުބުރީ ފޯކައިދޫއަށް ނަން ކިޔުނު ގޮތާއި، އެ ރަށް ދެވަނަ ފަހަރަށް އިސްލާމް ދީނަށް ވައްދަން ޖެހުނު ވާހަކައާއި ހދ.ކޭލަކުނު ތަޅާލި ވިއްސާރާގައި ފޯކައިދޫ ފަޅުވުމާއި، ދެވަނަފަހަރަށް އާބާދުވެގެން ދިޔަ ގޮތަކީ، އެ ރަށުގެ މުހިންމު ތާރީހީ ވާހަކަތެކެވެ.
މި ލިޔުމުގައި ހިމަނާފައިވާ މައުލޫމާތު މައިގަނޑު ގޮތެއްގައި ބިނާކުރެވިފައި ވާނީ ފޯކައިދޫ ކުރީގެ ކަތީބް އަލީ ނިޒާރު (65)، ބަޔާންކުރެވި ދިޔަ މައުޟޫތަކުގައި ހިއްސާކޮށްފައިވާ މައުލޫމާތުގެ މައްޗަށެވެ.
ނިޒާރަކީ އެ އަތޮޅަށާއި ފޯކައިދޫއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. ތައުލީމް ހާސިލް ކުރެއްވުމަށް ފަހު 1980 ވަނަ އަހަރު ވަޒީފާގެ މާހައުލަށް ނުކުންނަވައި އެ އަތޮޅު ކޯޓުގެ ގާޒީކަމާއި ކާތިބުކަމާއި އަތޮޅު އޮފީހުގެ އޮޕަރޭޓަރެއްގެ ވަޒީފާގެ އިތުރުން ފޯކައިދޫގެ ކުޑަ ކަތީބުކަމާއި ބޮޑު ކަތީބުކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވިއެވެ. މިގޮތުން 39 އަހަރު ސަރުކާރަށް ހިދުމަތް ކުރެއްވުމަށް ފަހު ނިޒާރު ރިޓަޔަރ ކުރެއްވީ 2019 ވަނަ އަހަރު ޖުލައި މަހުގެ 31 ވަނަ ދުވަހުއެވެ.

ފޯކައިދޫއަށް ނަން ކިޔުން ގޮތް
ފޯކައިދޫއަކީ އިހުގައި ކާބޯތެކެތި ވަރަށް ތިޔާގި ރަށެކެވެ. ފަލަމަޑީގެ ބާވަތްތައް ފަސޭހައިން ހެދޭ ރަށެކެވެ. ބަނބުކޭލާއި ކަށިކޭލާއި ފަތްކޭލާއި ފަލަމަޑީގެ ބާވަތްތަކުގެ އިތުރުން ތަފާތު ވައްތަރުގެ މޭވާއާއި ތަރުކާރީން އެ ރަށަށް މުއްސަނދިކަން ލިބިފައިވެއެވެ.
ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންކޮށް ބޮޑުތަކުރުފާނުގެ ރަސްކަން ފެށުމުގެ އަހަރުތަކެއް ކުރިން ފެށިގެން އެ ރަށުގައި، އެ އަތޮޅު މަރޮށީ އަބްދުލް ގާދިރު ނަމަކަށް ކިޔާ ވަރަށް ތަނަވަސް އަދި އެހާމެ ނުފޫޒުގަދަ މީހެއް ވަޒަންވެރިވެ އުޅުނެވެ. އޭނާއަށް އާންމުކޮށް މީހުން ކިޔާއުޅެނީ ބޮޑު ކާދިރިޔާއެވެ. އިހުގައި ދިވެހީންގެ ތެރޭގައި ގާފުގެ ބަދަލުގައި ކާފުގެ އަޑު ބޭނުން ކުރާކަން ދިވެހި ތާރީހުން ހެކިދެއެވެ. މިގޮތުން އެ ޒަމާނުގައި ގާސިމް ކިޔާ މީހުންނަށް ކާސިމް ކިޔާ އުޅުނެވެ. ބޮޑު ކާދިރިޔާއަކީ މުސްލިމެއް ނޫނެވެ. އޭނާއަކީ ބުދު ދީނުގެ މީހެކެވެ.

ކާދިރިޔާ ފޯކައިދޫއަށް ދިރިއުޅުން ބަދަލުކުރި މައިގަނޑު ސަބަބެއް ކަމަށްވަނީ އެ ރަށުގައި ކާބޯތަކެތީގެ ތަނަވަސްކަން ލިބެން އޮތުމެވެ. އެނާގެ ނުފޫޒާއި ބާރު އެ ރަށުގައި އޭރު ފެތުރިފައި އޮތީ ވަރަށް ވެސް ބޮޑަށެވެ.
ކާދިރިޔާއަކީ ކުޅިވަރު ކުޅުމަށް ވަރަށް ލޯބިކުރާ މީހެއް ކަމަށް ބުނެވެއެވެ. އެ ޒަމާނުގައި އޭނާ އިސްކޮށް ހުރެ ފޯކައިދޫގެ އަތިރިމަތީ ކުޅުނު މަޝްހޫރު އެއް ކުޅިވަރަކީ “ފޯމާލި” އެވެ. ފޯމާލި އަކީ ކާކުކަން ނޭނގޭގޮތަށް ފަނުން ނުވަތަ ހުއިން ނުވަތަ ފޮތިން މުޅި ހަށިގަނޑު ނިވާކޮށްގެން ކުޅެއުޅުނު ކުޅިވަރެކެވެ. މި ކުޅިވަރު ކުޅޭއިރު އެ ޒަމާނުގައި ބޭނުން ކުރަނީ ވެސް މުޅިން ތަފާތު ބަހުރުވައެއް ކަމަށް ވެއެވެ. އެ ބަހުރުވައިން ވާހަކަ ދެއްކުމުން ކުޅިވަރުގައި ޝާމިލްވާ އެންމެނަށް އެނގޭކަމަށްވެއެވެ. (ކަޑުކާ ލޮޑުލޯ) މިއީ އެ ބަހުރުވައިން ތަންކޮޅެކެވެ. މީގެ މާނައަކީ ކަލޯ އެވެ.

އެ ދުވަސްވަރު ފޯކައިދޫގައި ބަނބުކޭލާއި ކަށިކެޔޮ ނުވަތަ ހިއްތަލަފުށް ފަދަ ބާވަތްތަކުން “ފޯ” ވަރަށް ގިނައިން ހިލާ ކަމަށް ވެއެވެ. “ފޯ” ގެ ތިން މާނައެއް ދިވެހި ރަދީފުގައި ވެއެވެ. އެ މާނަތަކަކީ (ކަށިކޭލުގެ ފުށް ދަމައިގެން ހިލާ ފޮނިކާއެއްޗެއް/ ކަށިކެޔޮ ލިޔެ ގަބުޅި ހުންޏާއި އެއްކޮށްގެން ހިމުން ކޮށްގެން ކައްކާ ފޮނިކާ އެއްޗެއް/ ހަނޑުލުފުށުގައި ދެވައްތަރު ހަކުރާއި ހުންޏާއި އެއްކޮށްގެން ކައްކާ ކާއެއްޗެއް) މިއެވެ.
ކާދިރިޔާ އިސްކޮށް ހުރެ ފޯމާލި ކުޅެނީ ފޯ ކައްކައިގެން އެ ކުޅޭ މައިދާނަށް ގެންގޮސް އެންމެން އެ ކައިގެން ކަމަށް ބުނެވެއެވެ. އެއީ އެ ދުވަސްވަރު ފޯކައިދޫގައި ވަރަށް މަގުބޫލު ކުޅިވަރެކެވެ. މި ކުޅިވަރު ކުޅުމުގެ ކުރިން ފޯ ކެއުމަށް (ފޯ/ ކައި) އެ ރަށުގެ ނަމުގެ މި ދެބައި ނިސްބަތް ކުރެވޭއިރު، ދިވެހި ބަހަށް އެންމެ ބޮޑަށް ނުފޫޒު ވަދެފައިވާ އެއް ބަސް ކަމަށްވާ ސާންސްކިރިތު ބަހުގެ “ދުވް” (ރަށް) މި ލަފުޒުން ނަގާފައިވާ “ދޫ” ނިސްބަތް ކުރެވެއެވެ. މިއީ އެ ރަށަށް ފޯކައިދޫ ކިޔުނު ގޮތް ކަމަށްވެއެވެ.
ފޯކައިދޫ މީހުން ދެވަނަ ފަހަރަށް އިސްލާމް ދީނަށް ވައްދަން ޖެހުން
ބޮޑުތަކުރުފާނު އިސްކޮށް ހުންނަވައި ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތް ކުރައްވައި، އެ ތަކުރުފާނު ރާއްޖޭގެ ރަސްކަމަށް، ހިޖުރީ ގޮތުން 981 ވަނަ އަހަރު އިސްވެ ވަޑައިގެންނެވިއިރު، ރާއްޖޭގެ އިސްލާމީ ނޫރު ވަނީ ވަރަށް ބޮޑަށް ފަނޑުވެފައެވެ. އިސްލާމްދީން އޮތީ ބަލިކަށިވެފައެވެ. ވުމާއިއެކު ރާއްޖޭގެ ރަށްތަކުގައި އިސްލާމްދީން އާލާކޮށް ފެތުރުއްވުމުގެ ބުރަ އުފުއްލަވަން ޖެހިވަޑައިގަތެވެ. މިގޮތުން ރާއްޖޭގެ ކަންކޮޅުތަކަށް ދަތުރު ކުރައްވައި އިސްލާމް ދީން ފެތުރުއްވެވިއެވެ.
ބޮޑުތަކުރުފާނު ރާއްޖޭގެ ރަސްކަން ކުރެއްވި 11 އަހަރާއި 6 މަސްދުވަހުގެ މުއްދަތުގައި، ރާއްޖޭގެ ބައެއް ރަށްރަށް ދެފަހަރަށް އިސްލާމް ދީނަށް ވައްދަން ޖެހުނުކަމަށް ވެއެވެ. އޭގެތެރޭގައި ފޯކައިދޫއާއި ނ. އަތޮޅު މިލަދޫ ހިމެނެއެވެ.

އެ ދުވަސްވަރަކީ ފޯކައިދޫގައި ކާދިރިޔާގެ ބާރު އޮތް ދުވަސްވަރެވެ. އޭނާއަކީ ބުދުދީނުގެ މީހަކަށް ވުމުން، ބާރާއި ނުފޫޒް ބޭނުން ކޮށްގެން، އެ ދުވަސްވަރު އެ ރަށު މީހުން ތިބީ ބުދު ދީނަށް އަނބުރާލާފައެވެ. ތަކުރުފާނު ފޯކައިދޫއަށް ވަޑައިގަންނަވާ ދުވަސްދުވަހު ކާދިރިޔާ އެ ރަށުން ފައިބާ ކަމަށްވެއެވެ. ފަންތޮށި ފަހަރެއް ބަނދެ އެއަށް އަރައިގެން ރަށްބޭރަށް ނުކުމެ ފިލައެވެ. ފަންތޮށިފަހަރަކީ، ފަންތޮށި ބޭނުން ކޮށްގެން ބަނދެފައި ހުންނަ އަރައިގެން ދަތުރުކުރެވޭ ކަނދުފައްޗެއް ގޮތަށް އޮންނަ އެއްޗަކަށް ކިޔާނަމެކެވެ.
ތަކުރުފާނު ފޯކައިދޫ ވަޑައިގެން އެ ރަށު މީހުން އިސްލާމް ދީނަށް އަނބުރާލުމަށް ފަހު އެނބުރި ވަޑައިގަންނަވާތަނުން ކާދިރިޔާ އެނބުރި އެ ރަށަށް އަރައި އަނެއްކާ ވެސް އެ ރަށު މީހުން ބުދު ދީނަށް އަނބުރާލައެވެ. ދެވަނަ ފަހަރު ބޮޑުތަކުރު ފާނު ފޯކައިދޫއަށް ވަޑައިގެންނެވި އިރު މީހުން އިސްލާމް ދީނުން ބޭރުވެފައިވާ މަންޒަރު ފެނިވަޑައިގެން އެކަމާއި ސުވާލު ކުރައްވައި ކަންތައް ހިނގާގޮތް އޮޅުން ފިލުއްވިއެވެ. އެއަށްފަހު ފަންތޮށިފަހަރުގައި ކާދިރިޔާ ކަނޑުވުމަށް ދުޢާ ކުރެއްވައި ދެވަނަ ފަހަރަށް އެ ރަށް އިސްލާމް ކުރެއްވިއެވެ. އޭގެ ފަހުން ކާދިރިޔާގެ ހިލަމެއް އެ ރަށަށް ނުވާކަމަށް ވެއެވެ. ބުނެވޭ ގޮތުގައި ތަކުރުފާނުފެ ދުޢާއިއެކު އޭނާ ކަނޑުވެ މަރުވީއެވެ. އޭގެ ފަހުން މިއަދާ ހިސާބަށް ވެސް އެ ރަށް އޮތީ އިސްލާމް ކަން މަތީގައެވެ.

މީގެ ފަނަރަ ވަރަކަށް އަހަރު ކުރިން އެ ރުގެ ބަނދަރު ސަރަހައްދު އަތިރިމަތި ކޮނުމުގެ ތެރޭ (މިހާރު ޔޫތު ސެންޓަރުގެ ހުޅަނގު ފަރާތް) ސޮލީބް ކުރަހާފައިވާ މަހާނަ ގައު ތަކެއް ފެނިފައިވެއެވެ. އެއީވެސް ފޯކައިދޫގައި ގައިރު ދީނުގެ ބަޔަކު ކޮންމެވެސް ޒަމާނެއްގައި އުޅުނު ކަމަށް ބާރު ލިއްބައިދޭ ނިސާންތަކެކެވެ.
ކޭލަކުނު ތަޅާލި ވިއްސާރާގައި ފޯކައިދޫ ފަޅުވުން
ހދ.ކޭލަކުނު ތަޅާލި ވިއްސާރައަކީ ކައިރި އެތަށް ރަށަކަށް އޭގެ އަސަރު ސީދާގޮތުންނާއި ނުސީދާގޮތުން ކުރުވި މޫސުމީ ކާރިސާއެކެވެ. އެ ވިއްސާރާގައި ކޭލަކުނު ފަޅުވީ މީލާދީ ގޮތުން 1821 ވަނަ އަހަރު ޑިސެމްބަރ މަހުގެ 8 ވަނަ ދުވަހުއެވެ. އެއީ ހިޖުރީ ގޮތުން 1237 ވަނަ އަހަރު ރަބީއުލްއައްވަލު 13 ވީ އާދީއްތަ ވިލޭ ރެއެވެ. މިއީ މި ހާދިސާ ހިނގިކަމަށް ދިވެހި ފަތްފުށްތަކުން ފެންނަން އޮތް ތާރީހެވެ.

ފޯކައިދޫއަކީ ކޭލަކުނު ތަޅާލި ވިއްސާރާގައި ފަޅުވި އެއް ރަށެވެ. ވިއްސާރާގައި އެ ރަށުގެ ގެތަކުގެ ފުރާޅުތައް އެއްލައިލައި ބޮޑެތި ގެއްލުންތަކެއް ލިބި ދިރިނޫޅެވޭ ވަރަށް ގެއްލުންވިއެވެ. އެ ހާދިސާގައި ފޯކައިދޫގައި އޭރު ދިރިއުޅުނު މީހުންތައް ބެހިގެން ކައިރި ރަށްތަކަށް ދިޔަކަމަށް ބުނެވެއެވެ. ބޮޑުތަކުރުފާނު ދެވަނަ ފަހަރަށް ފޯކައިދޫ އިސްލާމް ކުރެއްވުމާއި ކޭލަކުނުތަޅާލި ވިއްސާރާގައި އެ ރަށް ފަޅުވުމާއި ދެމެދު ފާއިތުވި 256 އަހަރު އެ ރަށުގައި ފާގަތިކަމާއި ހަމަޖެހިމުގައި މީހުން ދިރިއުޅުނެވެ.
ދެވަނަ ފަހަރަށް އާބާދުވުން
ކޭލަކުނުތަޅާލި ވިއްސާރާގައި ފޯކައިދޫ ފަޅުވެފައި އޮތް ދުވަސްވަރު ކައިރި ރަށްރަށުގެ މީހުން ބަނބުކޭލާއި ކަށިކޭލާއި ފަލަމަޑީގެ ބާވަތްތަކާއި އަދި މި ނޫންވެސް ކެއުމަށް ބޭނުންކުރާ ތަކެތި ގެނައުމަށް އެ ރަށަށް ދަތުރުކޮށް އުޅުނު ކަމަށްވެއެވެ.
ފޯކައިދޫ ފަޅުވެފައި އޮތީ ކިތައް އަހަރުކަމެއް ތާރީހީ ގޮތުން އެނގޭކަށް ނެތެވެ. އެ ރަށަށް ދެވަނަ ފަހަރަށް އާބާދުވެފައި ވަނީ ކޭލަކުނު ތަޅާލި ވިއްސާރާގައި ފޯކައިދޫއިން ކައިރި ރަށްރަށަށް ބެހިގެންދިޔަ މީހުންގެ ތެރެއިން ހައެއްކަ މީހުން އެއްބަސް ކިޔާފައި އެ ރަށުގައި ދިރިއުޅެން އައުމުންނެވެ. މިގޮތުން ފުރަތަމަ އެ ރަށަށް ދިރިއުޅުން ބަދަލުކުރީ އިބްރާހީމް ތަކުރުފާނު ނަމަކަށް ކިޔާ މީހެއް ކަމަށް ބުނެވެއެވެ. އޭނާއަށް އެ ރަށު މީހުން ކިޔާއުޅެނީ ކަޅު އިބްރާހީމް ތަކުރުފާނެވެ. އެ ތަކުރުފާނުގެ މަހާނަ މިހާރު ވެސް އެ ރަށުގައި ފެންނަން އެބަހުއްޓެވެ.

ދެވަނައަށް ފޯކައިދޫއަށް ދިރިއުޅުން ބަދަލުކުރީ ކާސިން ތަކުރުފާނު ކިޔާ މީހެކެވެ. އިރުވާ މޫސުމުގައި އެ ރަށުގެ ހުޅަނގު ދެކުނު ފަރާތުގައި އުފެދޭ ރީތި ދޮންވެލިގަނޑުގެ މައްޗަށް ކާސިންތަކުރުފާނު އައި ދޯނި ބީއްސާލުމަށް ފަހު ރަށަށް ފުންމާލާފައި އޭނާ ބުނިކަމަށް ވެއެވެ. މި ރަށުގެ ވެރިއަކީ ތިމަންނައެވެ. ދެން އެ އަޑު އަހާފައި އިބްރާހީމް ތަކުރުފާނު ބުނިކަމަށްވެއެވެ. މި ރަށުގެ “ގޮއި” ވެރިއަކީ ތިމަންނައެވެ. ދިވެހި ރަދީފުގައި ގޮއިވެރިންގެ މާނައެއްގެ ގޮތުގައި ލިޔެފައިވަނީ ރަށްރަށުގެ ގޮއި ލިޔުއްވައިގެން އުޅޭ މީހުން، މިހެންނެވެ. ދެން އިބްރާހީމް ތަކުރުފާނާއި ކާސިން ތަކުރުފާނު އެގޮތަށް އެއްބަސްވެ އެ ރަށުގައި ދިރިއުޅެން ފެށިއެވެ.
ކާސިން ތަކުރުފާނުގެ މަހާނަ މިހާރުވެސް އެ ރަށުގައި ފެންނަން ހުރިއިރު، އެ މަހާނާގައި ޖަހާފައިވާ ތާރީހަކީ 1295 (ހ) އެވެ. ދިވެހިންގެ އާދަކާދަ ހެކިދޭގޮތުން މަހާނަ ގަލުގައި ޖަހާފައި ހުންނަ ތާރީހަކީ އެ މަހާނައެއް ނިސްބަތްވާ މީހާ މަރުވި ތަރީހެވެ. މިކަމުން އެނގެނީ ކާސިންތަކުރުފާނު މި ދުނިޔެ ދޫކުރިތާ މިހާތަނަށް 150 އަހަރު ފާއިތުވެގެން ގޮސްފައިވާކަމެވެ. ބުނެވޭ ގޮތުގައި މިވަގުތު ފޯކައިދޫގައި ފެންނަން ހުރި އެންމެ ދުވަސްވީ މަހާނައަކީ އެއީއެވެ.

ކޭލަކުނު ކުޑަހަސަނު
ފޯކައިދޫގެ ތާރީހީ ވާހަކަތަކުގެ ތެރެއިން ކޭލަކުނު ކުޑަހަސަނުގެ ވާހަކަ މުހިންމުވާ ސަބަބަކީ، އެ ރަށުގެ އާބާދީއާއި ކޭލަކުނު ކުޑަހަސަނާއި އޮތް ގުޅުން ބޮޑުވުމެވެ.
ކޭލަކުނު ތަޅާލި ވިއްސާރާގައި އޭރު ކޭލަކުނުގައި ދިރިއުޅުނު އެންމެން ވެސް ކައިރި ރަށްތަކަށް ބެހިގެން ދިޔައެވެ. މިގޮތުން ކުޑަ ހަސަނު ބެހިގެން ކައިރި ރަށަކަށް ލައްވިއިރު އޭނާއަކީ ކުޑަކުއްޖެކެވެ. އެއްރަށުން އަނެއް ރަށަށް ދިރިއުޅުން ބަދަލުކުރަމުން ދިޔަ ކުޑަހަސަނު ފުރާވަރަށް އެރުމުގެ ކުރިން ށ.އަތޮޅުގެ އަތޮޅުވެރިޔާގެ ހިމާޔަތުގައި އޭނާ އެ އަތޮޅު ޅައިމަގަށް ގެންދިޔައެވެ. އެ ދުވަސްވަރު ށ އަތޮޅުގެ ވެރިކަން ކުރަމުން އައީ ޅައިމަގުގައެވެ.
އަތޮޅުވެރިންގެ ހިމާޔަތުގައި ކުޑަހަސަނު ތައުލީމާއި ރިވެތި ހައުލާގު ދަސްކުރިއެވެ. މިހެންގޮސް އޭނާ ފުރާވަރަށް އަރައި ކައިވެނިކުރާ އުމުރަށް އެޅުމުން އަތޮޅުވެރިޔާ ބުނިކަމަށްވެއެވެ. ހަސަނު މިހާރު ތި ހުރީ ބޮޑުވެ ކައިވެނިކޮށް ދިރިއުޅުމެއް ފަށާވަރު ވެފައެވެ. ހަސަނު ހިތާވާ ރަށަކުން މީހަކާއި ކައިވެނިކޮށްގެން ހަސަނު ހިތް ރުހޭ ރަށެއްގައި ދިރިއުޅެން ދާށެވެ. ދެން ހަސަނު ޅައިމަގުން ކުއްޖަކާއި ކައިވެނި ކުރުމަށް ފަހު، އަތޮޅުވެރިޔާގެ އަރިހުގައި ދެންނެވިއެވެ. ތިމަންނަ ދިރިއުޅެން ބޭނުންވަނީ ފޯކައިދޫގައެވެ. ހަސަނު ފޯކައިދޫގައި ދިރިއުޅެން ނިންމި ސަބަބެއް ކަމަށް ބުނެވެނީ އެ ރަށުގައި ކާބޯތަކެތި ތިޔާގިވުމެވެ.

ހަސަނުގެ ދިރިއުޅުން ފޯކައިދޫއަށް ބަދަލު ކުރުމަށް އަތޮޅުވެރިން އިސްކޮށް ހުންނަވައި ފޯކައިދޫއާއި އަދި އެރަށާއި ކައިރި ރަށްރަށުގެ އެހީތެރިކަމާއިއެކު ފޯކައިދޫ އަތިރިމަތީ ސަރަހައްދުގައި ގެއެއް ބިނާކުރިއެވެ. އެ ގެ ހެދުމަށް ކައިރި ރަށްރަށުން ރުކާއި މޮޅެތި ލަކުޑީގެ ބާވަތްތައް ޖަމާކުރިއެވެ. އެ ގޭ ބިނާކޮށްފައި ވަނީ އެ ޒަމާނަށް ބަލާނަމަ ވަރަށް ފެންވަރު ރަނގަޅުކޮށެވެ. ގޭގެ ބިތްތައް ހަދާފައި ވަނީ ލަކުޑިންނެވެ. ގޭތެރޭ ބަހައްޓާފައި ހުރި ބޮޑު އައްޓާއި ކުޑަ އައްޓާއި ދިމާއެނދު ވެސް ހުރީ މޮޅު ލަކުޑި ބޭނުންކޮށް ވަރަށް ފުރިހަމައަށް ހަދާފައެވެ. އެ ގެ ރޫޅާލިކަމަށް ބުނެވެނީ މީގެ ތިރީހަކަށް އަހަރު ކުރިންނެވެ. އެ ރަށު ބަނދަރުމަތީ މިހާރު ފެންނަން އެ ހުރި މިސްކިތް ބިނާކޮށްފައި ވަނީ އެ ގެ ހުރި ބިމުގައެވެ.
ކޭލަކުނު ކުޑަހަސަނު ފޯކައިދޫގައި ދިރިއުޅެން ފަށައި ޒަމާންތައް ފާއިތުވީއިރު އޭނާއަށް ގިނަ ދަރިންތަކެއް ލިބުނުކަމަށް ވެއެވެ. އޭނާގެ ދަރިއެއް ކަމަށްވާ އަލީއަށް ވެސް 19 ކުދިން ލިބުނުކަމަށްވެއެވެ. މިގޮތަށް ގޮސް އޭނާގެ އާއިލާއަކީ ވަރަށް ބޮޑު އާއިލާއަކަށްވިއެވެ. ބުނެވޭ ގޮތުގައި ފޯކައިދޫގެ މިއަދުގެ ޖީލުގެ ބޮޑުބައެއް ވެސް ކޭލަކުނު ކުޑަހަސަނުގެ އާއިލާ ހިއްސާ ކުރެއެވެ. އަދި ރާއްޖޭގެ ބައެއް ރަށްރަށުގައި ވެސް އެ އާއިލާއަށް ނިސްބަތްވާ މީހުން ދިރިއުޅެއެވެ.




