ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ހާލަތު ބަލައި ތަޖުރިބާ ކުރުމުގެ އިތުރުން ރަށްރަށުގެ ދިރިއުޅުމުގެ ވައްޓަފާޅިޔާއި އާދަކާދަތަކާއި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކާއި މުހިންމު ތަރިކައާއި ހާއްސަ މީހުންނާއި ހާއްސަ ކެއުންތައް ހިމެނޭހެން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މަޢުލޫމާތު އެއްކުރުމަށް ޒުވާން މަސްވެރިޔާ ހަސަން ސާޖިން މި އަހަރުގެ ޖަނަވަރީ މަހު ފެށި، “ރާއްޖޭގެ އުތުރުން ދެކުނަށް” ދަތުރުގައި އެންމެ އުތުރުގައި އޮތް ދެ އަތޮޅު ކަމަށްވާ ހއ އަދި ހދ އަތޮޅު ހުރިހާ ރަށަކަށް ދަތުރުކުރުމަށް ފަހު، ދަތުރުގެ މިސްރާބު ށ އަތޮޅަށް ޖަހައިފިއެވެ.
މި ދަތުރު ސާޖިން ފަށާފައި ވަނީ ރާއްޖޭގެ އެންމެ އުތުރުގައި އޮތް ހއ.ތުރާކުނުންނެވެ. އެއަށްފަހު އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަނީ ދަތުރު ކޮށްފައެވެ. މީހުން ދިރިއުޅޭ ރަށްރަށްތަކުގެ އިތުރުން އެ އަތޮޅުގައި ތާރީޚީގޮތުން މަޝްހޫރު މަތީރަށްފުޅަށް ވެސް ސާޖިން ވަނީ ޒިޔާރަތް ކޮށްފައެވެ. ސާޖިން ވަނީ އެ އަތޮޅުގައި ތިން މަހެއްހާ ދުވަސް ހޭދަކޮށްފައެވެ.

މި ދަތުރުގައި ސާޖިން ވަނީ ހދ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދަތުރުކޮށް އަމިއްލަ ތަޖުރިބާކޮށް މަޢުލޫމާތު އެއްކުރުމުގައި ފަސް މަހެއްހާ ދުވަސް ހޭދަކޮށްފައެވެ. އެ އަތޮޅުގެ މީހުން ދިއިރުއޅޭ ރަށްތަކުގެ އިތުރުން އަތޮޅުގައި އެންމެ ގަދީމީ ތާރީޚެއް އޮތް އެއް ރަށްކަމަށްވާ ކޭލަކުނަށް ވެސް ސާޖިން ވަނީ ޒިޔާރަތްކޮށް އެ ރަށާއި ގުޅޭ މަޢުލޫމާތު އެއްކޮށްފައެވެ.
ސާޖިން މި ދަތުރުގައި މިހާތަނަށް އަށް މަސްދުވަސް ހޭދަކޮށްފައިވާއިރު، ވަނީ އެތައް ގޮންޖެހުންތަކާއި ވެސް ކުރިމަތިލާން ޖެހިފައެވެ. ކަނޑުގަދަވެ ދަތުރު ފަތުރުގައި ދިމާވި ދަތިތަކާއި ވިއްސާރަވުމުގެ ސަބަބުން މަޢުލޫމާތު އެއްކުރުމާއި ފޮޓޯ/ވީޑިއޯ ނެގުމުގައި އެތައް ދައްޗެއް ދިމާވެފައިވާއިރު މިއީ މި ބޮޑު ދަތުރު ނިންމުމަށް ހޭދަވާ މުއްދަތަށް އިތުރުވެގެންދާ ދުވަސްތަކެކެވެ.

ރަށްރަށުގެ މަޢުލޫމާތުގެ އިތުރުން އެ ރަށްރަށާއި ގުޅިފައިވާ ފަރުތަކާއި ތިލަތަކާއި ގުޅޭ މަޢުލޫމާތު އެއްކުރުމަށް ސާޖިން ވަނީ އެތަންތަނަށް ފީނައި އަމިއްލަ ތަޖުރިބާ ވެސް ކޮށްފައެވެ.
މި ދެ އަތޮޅުގެ ހުރިހާ ރަށެއްގެ މަޢުލޫމާތު ހިމެނޭ ވީޑިއޯތަށް މިހާރު ޒުވާން މަސްވެރިޔާގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ވަނީ ގެނެސްދީފައެވެ. މީގެއިތުރުން ރަށްރަށުގެ ހުރިހާ ވާހަކައެއްގެ ފޮޓޯތައް އިންސްޓަގްރާމާއި ފޭސްބުކް މެދުވެރިކޮށް ސާޖީން ވަނީ ހިއްސާ ކޮށްފައެވެ. އަދި މުހިންމު އެތައް ހާދިސާއަކާއި އެތައް މީހުންނެއްގެ ވާހަކައާއި މުހިންމު އެތައްކަމެއް ޒުވާން މަސްވެރިޔާ ސައިޓްގައި ލިޔެ ޝާއިޢު ވެސް ވަނީ ކޮށްފައެވެ.

މިއީ މުޅި ރާއްޖޭގެ މަޢުލޫމާތު އެއްކުރުމަށް ކުރެވޭ އެންމެ ފުރިހަމަ އެއް މަސައްކަތަށްވާއިރު، މިއީ އަބަދަށް ދެމިގެންދާނީ މުހިންމު މަސައްކަތަކަށް ވާނެކަން ޔަގީނެވެ.
ދަތުރުގެ ބޮޑުބައި އަދިވެސް އޮތީ ކުރިއަށެވެ. މި ދަތުރު ނިންމުމަށް ރަށްރަށުގެ ކައުންސިލާއި އެންމެހާ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން ބޭނުންވާނެކަމީ ދެބަސްވެވެން ނެތް ހަގީގަތެވެ. މި މަސައްކަތް ނިމޭއިރު މަސްވެރިކަން ހިމެނޭހެން މުޅި ރާއްޖެ ސާޖިން ކިޔައިދޭނެއެވެ.

އެންމެ އުތުރުގެ ދެ އަތޮޅު ނިންމުމަށް ފަހު ށ.އަތޮޅާއި ދިމާލަށް ސާޖިން މިސްރާބު ޖަހާފައިވާއިރު، އެ އަތޮޅުގެ މުހިންމު ހުރިހާ ވާހަކައެށް ސާޖިންގެ ޔޫޓިއުބް ޗެނަލުންނާއި ފޭސްބުކް އިންސްޓަގްރާމް އަދި ޓިކްޓޮކް މެދުވެރިކޮށް ގެނެސްދޭނެއެވެ.




