main photo

ފޯކައިދޫ ކޮޅަށް 17 ލަނޑު ޖެހި ވާހަކަ އެނގެނީ ކިތައް މީހުންނަށް؟

ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ވަރަށް ގިނަ ރަށްރަށް ކޮންމެވެސް ކަމަކުން ހާއްސައެވެ. ނުވަތަ ކޮންމެވެސް ކަމަކުން މަގުބޫލެވެ. ނުވަތަ ކޮންމެވެސް ސިފައެއްގައި މަޝްހޫރެވެ. މިގޮތުން ށ.އަތޮޅު ފޯކައިދޫއަކީ ފުޓްބޯޅައިގައި ރާއްޖޭގައި އެއްގޮތައްވުރެ ގިނަ ގޮތްގޮތުން މަޝްހޫރު އަދި ފާހަގަ ކޮށްލެވޭ ރަށެކެވެ.

Share:

މުޅި ރާއްޖެ 1 ތަނަކުން ބަލައިލަން...

ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ވަރަށް ގިނަ ރަށްރަށް ކޮންމެވެސް ކަމަކުން ހާއްސައެވެ. ނުވަތަ ކޮންމެވެސް ކަމަކުން މަގުބޫލެވެ. ނުވަތަ ކޮންމެވެސް ސިފައެއްގައި މަޝްހޫރެވެ. މިގޮތުން ށ.އަތޮޅު ފޯކައިދޫއަކީ ފުޓްބޯޅައިގައި ރާއްޖޭގައި އެއްގޮތައްވުރެ ގިނަ ގޮތްގޮތުން މަޝްހޫރު އަދި ފާހަގަ ކޮށްލެވޭ ރަށެކެވެ.

 

ފުޓްބޯޅައިގެ ފަހުރުވެރި ތާރީހެއް އޮތް ފޯކައިދޫ، ގިނަ ދިވެހިންގެ ތެރޭގައި މަޝްހޫރުވެފައި ވަނީ، އެ ރަށް ކޮޅަށް 17 ލަނޑު ޖެހި ފުޓްބޯޅަ މެޗެއްގެ ވާހަކައިންނެވެ. ސަތާރަ ސުމަކުން އެ ރަށް ފުޓްބޯޅަ މެޗަކުން ބަލިވި ވާހަކަ ގިނަ ދިވެހިން ވާނީ އަޑު އަހާފައެވެ. މިސާލުބަހެއްގެ ގޮތުގައި ނުވަތަ މަޖަލަކަށް އެހެން ކިޔާއުޅުނު ނަމަވެސް އެއީ ކޮން ޒަމާނެއްގައި ކިހިނެއް ހިނގާފައި އޮތް ކަމެއްކަން ގިނަބަޔަކަށް އަދިވެސް އެނގިފައި ނެތެވެ.

ފޯކައިދޫ ކޮޅަށް ސަތާރަ ލަނޑު ޖެހި މެޗުގައި ފޯވާޑަށް ކުޅުނު އެ ރަށު މުހައްމަދު ފާއިޒް (57) ވަނީ އެކަން ހިނގާދިޔަގޮތް ވަރަށް ތަފްސީލްކޮށް ކިޔައިދީފައެވެ.

ސަރުކާރުން ރާއްޖެތެރެއަށް ހުޅުވާލައިގެން ފުރަތަމަ ފުޓްބޯޅަ މުބާރާތެއް ބާއްވަން ފެށީ 1986 ވަނަ އަހަރުއެވެ. އެ މުބާރާތް ރާވާލާފައި އޮތީ ކޮންމެ އަތޮޅަކުން މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ މެދުގައި އަތޮޅު ބުރެއް ކުޅުމަށް ފަހު ޗެމްޕިއަންކަން ހޯދާ ޓީމާއި ރަނަރަޕް ޓީމް ޒޯން ބުރަށް ކޮލިފައިވާ ގޮތަށެވެ. ފުރަތަމަ ކުޅުނު އަތޮޅު މުބާރާތުގައި ފޯކައިދޫ ޓީމުން ކަނޑިތީމް ކޮޅަށް އެއް މެޗުގައި 34 ލަނޑު ޖެހިއެވެ. އޭރުވެސް އަތޮޅުތެރޭ ފޯކައިދޫއަކީ ފުޓްބޯޅައިގައި ގަދަބާރެކެވެ.

 

ހއ، ހދ އަދި ށ އަތޮޅު މިއީ ޒޯނެވެ. މިގޮތުން އެ އަހަރު އަތޮޅު މުބާރާތުގެ އިތުރުން ޒޯން އެކެއްގެ ޗެމްޕިއަންކަން ހޯދީ ފޯކައިދޫއެވެ. ޒޯންތަކުން ޗެމްޕިއަންކަން ހޯދާ ޓީމްތައް ދެން ވާދަކުރަން ޖެހެނީ މާލޭގައި އޮންނަ ޒޯންތަކުގެ ޗެމްޕިއަނުންގެ ބުރުގައެވެ.

އެ މުބާރާތުގެ ކަންތައްތައް ދިޔަގޮތް ހިއްސާ ކުރަމުން ފާއިޒް ބުނީ ޗެމްޕިއަން ބުރު ކުޅެން ޓީމް މާލެދިޔައީ ކަނޑު ބޯޓެއްގައި ކަމަށެވެ. އޭރު ބައެއް ކުދިން ރިސޯޓްތަކުގައި ވަޒީފާގައި ތިބިކަމަށާއި އަނެއްބައި ކުދިން ވަޒީފާގައި ތިބީ މާލޭގައި ކަމަށެވެ. ޓީމް މާލެދިޔުމާއިއެކު މުބާރާތުގައި ކުޅުމަށް އެ ކުޅުންތެރިން ވެސް ޓީމާއި ގުޅުނު ކަމަށެވެ.

މާލޭގައި ތިބޭނެތަނެއް ނެތުމުން މުބާރާތް ނިމެންދެން ޓީމްގެ ހުރިހާ ކުޅުންތެރިން ތިބީ ބޯޓުގައެވެ. ހަރަދުތައް ހަމަޖެއްސުމަށް ފައިސާ ހޯދުމަށް ކޮންމެ ދުވަހަކު ޓީމް ދަނީ ސިމެންތި އުފުލާށެވެ. ސިމެންތި އުފުލައިގެން ދުވާލަކަށް މީހަކަށް 50 (ފަންސާސް) ރުފިޔާ ލިބެއެވެ. ހަރަދު ހަމަޖައްސަނީ އެ ފައިސާއިންނެވެ. ކުޅެން ބޭނުންވާ ސާމާނު ހަމަކުރުމަކީ އެ މީހެއްގެ އަމިއްލަ ޒިންމާއެކެވެ. އެ ހަރަދުވެސް ކުރަން އޭރު ޖެހެނީ އަމިއްލައަށެވެ.

cement

ފާއިޒް ބުނީ އެ ހާލުގައި ވެސް މާލޭ ބުރުގައި ވާދަކުރަން ފޯކައިދޫ ޓީމުން ދާން ނިންމި މައިގަނޑު ސަބަބަކީ ނުގޮސްފިނަމަ ހާޒިރުނުވާ ކޮންމެ މެޗަކަށް 9000 (ނުވަހާސް) ރުފިޔާގެ ޖޫރިމަނާއެއް ދައްކަން ޖެހުމެވެ. އެ ފައިސާ ދެއްކޭނެ ގޮތެއް އޭރު ނެތުމެވެ.

ފާއިޒް ބުނީ އަތޮޅު މުބާރާތުގެ މެޗުތަކާއި ޒޯންގެ މެޗުތައް އޭރު އެ މީހުން ކުޅެނީ ހުސްފައިގައި ކަމަށާއި، ނަމަވެސް މާލެއަށް ގޮސް ހުސްފައިގައި ކުޅެން ހުއްދަ ނުލިބުމުން ޓީމްގެ ހުރިހާ ކުދިން “ގޯލްޑްކަޕް” ބޫޓު ގަތްކަމަށެވެ.

ފާއިޒްވަނީ އެ މުބާރާތުގައި ވާދަކުރި ޓީމްތައް އޭނާގެ ހަނދާނުގައި ހުރި މިންވަރަށް ހިއްސާ ކޮށްފައެވެ. އެ އަހަރު ޗެމްޕިއަން ބުރުގައި ވާދަކުރި ޓީމްތަކުގެ ތެރޭގައި ފޯކައިދޫގެ އިތުރުން ވިލުފުށި، ހިންމަފުށި، އައްޑޫ ނެކްސަސް އަދި ޅޮސްއަލަފުށި ހިމެނެއެވެ.

ފުރަތަމަ މެޗަށް ފޯކައިދޫ ނުކުތީ ހިންމަފުއްޓާއި ދެކޮޅަށެވެ. މުބާރާތަށް ނުކުތް ފޯކައިދޫ ޓީމްގައި ތިބީ ޖުމްލަ އެގާރަ ކުޅުންތެރިންނެވެ. އެއީ ވެސް ސްކޫލް ކުއްޖަކު ޓީމްގައި ހިމަނައިގެންނެވެ. ބަދަލު ކޮށްލާނެ އެންމެ ކުޅުންތެރިއަކު ވެސް ބެންޗްގައި ނެތެވެ. ބޫޓަށް އަރައިގެން ކުޅެން ޖެހުމުން މެޗަށް އަރައި ދުއްވައިގަތްތަނުން ހުރިހާ ކުޅުންތެރިންގެ ފައިގައި ފޮޅު ނެގިއެވެ. އެއީވެސް ޓީމަށް ނުކުޅެވެން ދިމާވި އެއް ސަބަބެވެ. ހިންމަފުށިން އެ މެޗުގައި ފޯކައިދޫ ކޮޅަށް 17 ލަނޑު ޖެހިއެވެ. ފޯކައިދޫއަށް އެންމެ ލަނޑެއް ވެސް ޖެހޭގޮތް ނުވިއެވެ. އެއީ މިޔަދާ ހިސާބަށް ވެސް ފޯކައިދޫއަށް ދެވިފައިވާ ސަތާރާ ސުމެއްގެ ލަގަބު ލިބުނު މެޗެވެ.

އެ މުބާރާތުގައި ސްކޫލް ކުއްޖެއްގެ ގޮތުގައި ފޯކައިދޫ ޓީމަށް ކުޅުނު މުހައްމަދު ނަޖީބް (53) ރަށް ތަމްސީލްކުރަން ދަނޑަށް ކުޅެން ނުކުތީ އޭނާގެ އުމުރުން އެންމެ 15 އަހަރުގައެވެ. އެ މުބާރާތުގެ ހަނދާންތައް ހިއްސާކުރަމުން އޭނާ ބުނީ ފޯކައިދޫ ޓީމް މާލޭގައި އުޅެން ޖެހުނު ދަތިހާލާއި ބަލާފައި ސަތާރަ ލަނޑަކީ މާ ގިނަ އަދަދެއް ގޮތުގައި އޭނާ ނުދެކޭކަމަށެވެ.

ނަޖީބް އިތުރަށް ބުނީ މުބާރާތުގައި އޭނާ ލީ ހަތަރު ނަމްބަރު ޖޯޒީ ކަމަށާއި، އޭރު އޭނާއަކީ ވަރަށް ކުޑަކޮށް ހުންނަ ކުއްޖަކަށް ވުމުން މުބާރާތުގައި ކުޅެން ލާން ޖެހުނު ޖޯޒީ ބޮޑުކަން މިހާރުވެސް ހަނދާންވާ ކަމަށެވެ.

އެ ދުވަސްވަރު އެ އުމުރުފުރާގައި ނަޖީބްއަކީ މުޅި ފޯކައިދޫގައި ވެސް އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔާއެވެ. އެ މުބާރާތުގައި ރަށު ޓީމުން ދަށް ނަތީޖާތަކެއް ނެރުނު ނަމަވެސް ފަސްޓް ޑިވިސަންގެ ޓީމްތަކުގެ ލޯ އޭނާއަށް އަމާޒުވިއެވެ. ބައެއް ޓީމްތަކުން ހުށަހެޅުން ލިބުނެވެ. ނަމަވެސް އޭރު ރަށުގައި އުޅެން ބޭނުންވާތީ އެ ފުރުޞަތު ދޫކޮށްލީއެވެ.

މުބާރާތުގައި ފޯކައިދޫ އައްޑޫ ނެކްސަސް އަތުން ބަލިވީ 11-1 ގެ ނަތީޖާއިންނެވެ. އަދި ޅޮސްއަލަފުށި އަތުން ބަލިވީ 5-1 ގެ ނަތީޖާއިންނެވެ. މުޅި މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ފޯކައިދޫ މޮޅުވެފައި ނުވެއެވެ. ޖެހިގެންއައި 1987 ވަނަ އަހަރު ވެސް ޒޯން ޗެމްޕިއަން ބުރުގައި ފޯކައިދޫ ޓީމް މާލޭގައި ވާދަކުރިއެވެ. މާ އެދެވޭ ނަތީޖާއެއް ނުހޯދުނެވެ.

ސަތާރަ ސުމެއްގެ ލަގަބު ބޮލު އަޅައިގެން ފޯކައިދޫ ދެހާހުގެ އަހަރު ތަކުގައި ދަނޑަށް ނުކުމެ ތަފާތު ދައްކަން ފެށިއެވެ. 2001، 2002، 2003 މި ތިން އަހަރު ޒޯން މުބާރާތުގައި ކުޅުނެވެ.

އެއަށްފަހު 2005 ވަނަ އަހަރު ޒޯން-2، ގެ ޗެމްޕިއަންކަން ހޯދައި މާލޭގައި ޒޯން ޗެމްޕިއަންސް ބުރުގައި ވާދަކޮށް ބަލިވީ ފައިނަލް މެޗުންނެވެ. ނަމަވެސް އެ އަހަރު އެ ޓީމް ދިވެހި ލީގަށް ފުރަތަމަ ފަހަރަށް ކޮލިފައިވިއެވެ.

ޖެހިގެން އައި 2006 ވަނަ އަހަރު ފޯކައިދޫއިން ޒޯން ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރު ކުރިއެވެ. ނަމަވެސް އެ އަހަރު ވެސް ބަލިވީ ފައިނަލް މެޗުންނެވެ. އެ އަހަރު ވެސް އެ ޓީމަށް ދިވެހި ލީގުން ފުރުޞަތު ލިބުނެވެ.

2007 ވަނަ އަހަރަކީ ފޯކައިދޫއަށް ފުޓްބޯޅައިގައި ވަރަށް ކާމިޔާބު އަހަރެކެވެ. އެ ޓީމުން ޒޯން ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދައި ދިވެހި ލީގަށް ކޮލިފައިވެ، ލީގުގެ ދެވަނަ ބުރުން ފުރަތަމަ ފަހަރަށް ޖާގަ ހޯދިއެވެ.

latest

އަހަރުތަކެއްގެ މެދެ ކެނޑުމަކަށް ފަހު 2015 ވަނަ އަހަރު ފޯކައިދޫން ވަނީ ފުޓްބޯޅާގައި ރަނގަޅު ކާމިޔާބީތަކެއް ހޯދާފައެވެ. އެ އަހަރު މިނިވަން 50، ފުޓްބޯޅަ މުބާރާތުގެ އަތޮޅު ޗެމްޕިއަންކަން ހޯދުމުގެ އިތުރުން ޒޯންގެ ޗެމްޕިއަންކަން ވެސް ހޯދިއެވެ. އަދި ޗެމްޕިއަން ބުރުގައި ކުޅެ ގަދަ ހަތަރު ޓީމް ތެރޭ ހިމެނި ދިވެހި ލީގުން ޖާގަ ހޯދިއެވެ.

ޖެހިގެންއައި 2016 ވަނަ އަހަރު މިނިވަން ޗެމްޕިއަންޝިޕްގައި ވާދަކޮށް ބަލިވީ ފައިނަލް މެޗުންނެވެ. ނަމަވެސް މިނިވަން ޗެމްޕިއަންޝިޕް 2018 ވަނަ އަހަރުގެ މުބާރާތުގެ ޒޯން 1-4، ގެ ޗެމްޕިއަންކަން ހޯދިއެވެ. އަދި ޗެމްޕިއަންސް ބުރުގެ ފައިނަލުގައި ކުޅުނެވެ.

ތާރީހުގައި ދަށް ނަތީޖާތަކެއް ލިބުނު ނަމަވެސް ފާއިތުވި ތިރީހަކަށް އަހަރުތެރޭ އެ ރަށުން ވަނީ ހިތްވަރާއިއެކު މަސައްކަތްކޮށް ފުޓްބޯޅާގައި ބޮޑެތި ކާމިޔާބީތަކެއް ތަކުރާރު ކޮށްފައެވެ. މިވަގުތު މުޅި ބޮޑުތިލަދުންމަތީ އޮތް ފުޓްބޯޅައިގެ އެންމެ ކާމިޔާބު ރަށަކީ ފޯކައިދޫއެވެ. ރަށަށް ލިބުނު ސަތާރަ ސުމެއްގެ ލަގަބަކީ މިއަދު އެ ރަށުގެ ފުޓްބޯޅައިގެ ހިތްވަރެވެ. އަދި ފަހުރެވެ.

Scroll to Top