ފަޅު ހިއްކައިގެން ތަރައްގީގެ ޕްރޮޖެކްޓްތައް ހިންގުމަކީ މި ކުޑަކުޑަ ރާއްޖޭގައި ވެސް މިހާރު ވަރަށް އާންމުކަމެކެވެ. އެ ޕްރޮޖެކްޓްތައް ހިންގުމުގައި ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށް ރިޕޯޓްތަކެއް އެކުލަވާލި ނަމަވެސް ޕްރޮޖެކްޓްތައް ނިމޭއިރު ލިބޭ ގެއްލުން ފެންނަން އޮންނަނީ އިންތިހާއަށް ބޮޑުކޮށެވެ. ބިން ހިއްކައިގެން ޕްރޮޖެކްޓްތައް ހިންގުން، މިއީ ރާއްޖެއަށް އެންމެ ރަނގަޅު ގޮތްބާއެވެ. މިއީ ހާއްސަކޮށް ރާއްޖޭގެ ތިމާވެއްޓަށް ލޯބިކުރާ ގިނަބަޔަކު އުފައްދާ ސުވާލެކެވެ. ބަހުސްކުރާ މައުޟޫއެކެވެ.
މި ފަހަކަށް އައިސް ރާއްޖޭގެ އެނެމެ އުތުރުގައި ތަރައްގީ ކޮށްފައިވާ އަދި ތަރައްގީ ކުރަމުން އަންނަ ގިނަ އެއާޕޯޓް ތަކަކީ ފަޅު ހިއްކައިގެން ހަދާ އެއާޕޯޓްތަކެވެ. ހއ.ހޯރަފުށީ އެއާޕޯޓަކީ ސަތޭކަ އިންސައްތަ ފަޅު ހިއްކައިގެން ހަދާފައިވާ އެއާޕޯޓެކެވެ. މިހާރު މަސައްކަތް ފަށާފައިވާ ހދ.މަކުނުދޫ އެއާޕޯޓާއި ށ.ބިލެތްފަހީ އެއާޕޯޓަކީ ވެސް ސަތޭކަ އިންސައްތަ ފަޅު ހިއްކައިގެން ހަދާ އެއާޕޯޓްތަކެވެ.

އަޅުގަނޑު ހަސަން ސާޖިން (ޒުވާން މަސްވެރިޔާ) ރާއްޖޭގެ އުތުރުން ދެކުނަށް ކުރަމުން މިދާ ދަތުރުގައި އެންމެ އުތުރުގެ ދެ އަތޮޅު ނިންމައި ށ.އަތޮޅު ބިލެތްފައްސަށް އާދެވުމާއިއެކު، ފެނުނު އެއް މަންޒަރަކީ ބިލެތްފަހީ އެއާޕޯޓް އެޅުމަށްޓަކައި އެ ރަށުގެ ރީތި ފަޅު ހިއްކަމުންދާ މަންޒަރެވެ. ތިމާވެއްޓަށް ލޯބިކުރާ މީހެއްގެ ހައިސިއްޔަތުން އެކަމާއި ކަންބޮޑުވީ ސަބަބުތަކެއް ވެސް އޭގެ ފަހަތުގައި ހުރުމުންނެވެ.

ބިލެތްފައްސަކީ ގުދުރަތީ ގޮތުން ވަރަށް ރީތި ގޮނޑުދޮށަކާއި އެހާމެ ރީތި ބޮޑު ފަޅެއް ލިބިގެންވާ ރަށެކެވެ. މުޅި ށ.އަތޮޅަށް ބަލާއިރު ވެސް އެންމެ ރީތި ފަޅެއް ލިބިގެންވާ އެއް ރަށެވެ. އެ ރަށުގެ ފަޅުތެރޭ އެކި މޫސުމަށް އެކިދިމާއަށް ބަދަލުވާ ދޮންވެލި ހަތަރު ފިނޮޅު އޮވެއެވެ. އެކި މޫސުމަށް ބަދަލުވާ ވެލިގަނޑުގެ ސަބަބުން އެއްވެސް ވަރަކަށް އެތަނުގައި މުރަކަ ނުހުރެއެވެ. ސާފު ދޮންވެލި އޮންނަ އެ ފަޅަކީ އަޖައިބެއްފަދަ ރީތި ތަނެކެވެ.

އެ ފަޅުގެ ބޮޑުބައެއް ހިއްކައިގެން އެއާޕޯޓް ތަރައްގީ ކުރުމާއިއެކު އެ ރަށަށް ލިބިފައިވާ ދޮންވެލި ފިނޮޅުތަކާއި ނޫކުލައިގެ ތިލަ ފަޅު މުޅީން ހެން ގެއްލިގެން ދާނެއެވެ.
މިފަދަ ގުދުރަތީ މުއްސަނދި ކަމަށްވުރެ އުމްރާނީ ތަރައްގީ ބޭނުންވެ، އެކަމަށް ވަކާލާތު ކުރާ މިންވަރު މިހާރު ދިވެހިންގެ ތެރޭ އިތުރުވެފައި ވީނަމަވެސް، ތިމާވެށި ހަލާކުވާތީ ނުވަތަ ހަލާކުކުރާތީ ކަންބޮޑުވާ މީހުން ރާއްޖޭގައި ނެތެކޭ ބުނެވޭނެ ޖާގައެއް ނެތެވެ. މިކަން ކުޅުދުއްފުށީ އެއާޕޯޓް އެޅި ދުވަސްވަރު ވެސް ވަނީ ފެނިފައެވެ. ރާއްޖޭގައި އޮތް ހަމައެކަނި މަށިކުޅި ކަމަށްވާ ކުޅުދުއްފުށީ ކުޅިން ނުވަ ހެކްޓަރު ބިން ހިއްކައިގެން އެ ރަށު އެއާޕޯޓް އަޅަން މަސައްކަތް ފެށުމާއިއެކު، ތިމާވެއްޓަށް ލޯބިކުރާ އެތައްބަޔަކު އެކަމާއި ދެކޮޅަށް އަޑު އުފުލިއެވެ.

ބިލެތްފަހީގެ ރީތި ފަޅު ހަލާކުވީ ނަމަވެސް އެ ރަށުގެ ނުވަދިހަނުވަ އިންސައްތަ މީހުން ބޭނުންވަނީ އެއާޕޯޓް އަޅާށެވެ. އެކަން ޔަގީންވީ މި މައުޟޫގައި އެ ރަށުގެ ގިނަބަޔަކާއި ވާހަކަ ދައްކާލުމުންނެވެ. ރަށަށް ލިބިގެންވާ ގުދުރަތީ މުއްސަނދިކަން ހަލާކުކޮށްލައިގެން އެކަން ކުރަން ދެކޮޅު މީހަކާއި ދިމާވީ ވަރަށް މަދުންނެވެ.
ފަޅު ހިއްކައިގެން އެއާޕޯޓް އެޅުމާއި ދެކޮޅަށް އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ ރަށަށް ލިބިފައިވާ ގުދުރަތީ މުއްސަނދިކަން ހަލާކު ކޮށްލާފައި އެއާޕޯޓެއް އެޅުމަކީ އޭނާ ގަބޫލް ކަމެއް ނޫންކަމަށެވެ. އެ ބަޔަކަށް ލިބިފައިވާ ނޭޗާ ހަލާކުނުވާ ގޮތަށް ޕްރޮޖެކްޓްތައް ހިންގަން ސަރުކާރުތަކުން އިސްކަންދޭން ޖެހޭ ކަމަށެވެ.

އޭނާ އިތުރަށް ބުނީ ފަޅުކޮނެގެން ރަށުގައި ބަނދަރު ހެދުމާއިއެކު ރަށަށް ދިމާވި ރަށްގިރުމުގެ މައްސަލަ ވެސް އެންމެންގެ ލޮލަށް ފެންނާނެ ކަމަށާއި، އެއާޕޯޓެއް އަޅަން ފަޅުން ބޮޑުބައެއް ހިއްކާލުމުން ލިބޭ މިފަދަ ގެއްލުނަ މާ ބޮޑުވާނެ ކަމަށެވެ.
މިހާރު އަމަލުކުރަމުން އަންނަ ގޮތުން ރަށުގެ ގުދުރަތީ މުއްސަނދިކަން އަންނަން އޮތް ޖީލުތަކަށް ނުފޯރާނެ ކަމަށެވެ. މިހާރު މުޅި ދުނިޔޭގައި ވެސް އިސްކަން ދެނީ ނޭޗާ ހަލާކު ނުކޮށްލައި ޕްރޮޖެކްޓްތައް ހިންގަން ކަމަށާއި ދިވެހިންގެ ވިސްނުން ވެސް އެގޮތަށް ބަދަލުވާން ޖެހޭ ކަމަށް އޭނާ ދެކެއެވެ.

ރާއްޖޭގައި ދުއިސައްތައެއްހާ ރަށުގައި މީހުން ދިރިއުޅެމުން އަންނައިރު އޭގެތެރޭގައި ދޮންވެލި އަތިރިމައްޗާއި މޫދަށް އެރިލާނެ ރީތި ފަޅެއް ނެތް އެތައް ބައިވަރު ރަށެއް އެބައޮތެވެ. ރާއްޖެއަކީ ރީތިފަޅުތަކާއި ދޮންވެލި ފިނޮޅުތަކުން މަޝްހޫރުވެފައިވާ ގައުމެއް ނަމަވެސް ރާއްޖޭގެ ގިނަބަޔަކަށް މި ނިއުމަތް ލިބިފައި ނެތްކަން، އަދި އެކަމުގެ މުހިންމުކަން މި ނިއުމަތް ލިބެމުން އަންނަ ބަޔަކަށް އިހުސާސް ނުވާނެއެވެ.
ށ.އަތޮޅުގައި ވެސް ގިނަ އަދަދަކަށް ގާމަތީ ރަށްތައް އޮތްއިރު، އެންމެ އުތުރުގެ ދެ އަތޮޅުގައި ވެސް މޫދަށް އެރިލައި ޕިކްނިކް ހަދާލާނެ ތަނެއް ނެތިގެން އެފަދަ ތަނެއް ތަރައްގީ ކޮށްދިނުމަށް ސަރުކާރުގައި އާދޭސް ދަންނަވާ ކިތަންމެ ރަށެއް އެބައޮތެވެ.

ހާހެއްވެސް ހަމަނުވާ އާބާދީތަކުގައި ޑޮމެސްޓިކް ވައިގެ ބަނދަރެއް ތަރައްޤީ ކުރެވިގެން ދިޔަނަމަވެސް އެކަމާއި ގުޅިގެން ރަށަށް އެންމެ ބޭނުންވާ ކުރިއެރުން އަންނާނެތޯ މިއީ އުފެއްދިދާނެ ސުވާލެކެވެ. ސަބަބަކީ ކުދި މުސާރަ ތަކުގައި އުފެދޭ މަދު ވަޒީފާއިން ދިރިއުޅުމުގެ ހާލަތަށް ބޭނުންވާ އެންމެ ހެޔޮ ބަދަލު އަންނާނެތޯ ކުރެވޭ ސުވާލެވެ.
ރާއްޖޭގެ އާބާދީއާއި ރަށްތައް އެތުރިފައިވާ ގޮތުން ވައިގެ މަގުން ހުރިހާ އެއާޕޯޓަކަށް ކޮންމެ ދުވަހަކު ފްލައިޓް އޮޕަރޭޓް ކުރުމަކީ އަދި ކުލަވާ މަންޒަރެއް ނޫނެވެ. ވުމާއެކު އެއާޕޯޓެއް އޮތް ނަމަވެސް ކޮންމެ ދުވަހަކު އެ އެއާޕޯޓުން ވައިގެ މަގުން ދަތުރު ކުރުމުގެ ހުވަފެން އަދި ހަގީގަތަކަށް ވުން އޮތީ ވަރަށް ދުރުގައެވެ.
ރާއްޖޭގައި ހެދިފައިވާ ފިނޮޅުތަކާއި މިފަދަ ގުދުރަތީ މުއްސަނދިކަމަކީ ގާނޫނުތަކުން ވެސް ހާއްސަކަން ލިބިފައިވާ ތަންތަނަށް ވީނަމަވެސް ސަރުކާރުން ބޭނުންވާ ޕްރޮޖެކްޓްތައް ހިންގުމުގައި މިނިސްޓްރީތަކުން އެކަމަށް އެންމެ އެދެވޭ ގޮތުގައި ބަލައި ދިރާސާ ކުރޭތޯއެވެ؟




