main photo

އެއްބައިވަންތަ ކުޑަކުޑަ ނަރުދޫ

ނަރުދޫގެ ތާރީހުން ފެންނަން އޮތީ އެ ރަށަކީ މަސައްކަތްތެރި ހީވާގި ބަޔަކު ދިރިއުޅެމުން އަންނަ ރަށެއްގެ ގޮތުގައެވެ. ރަށުގެ ކުރިއެރުމަށް ގޮވާލެވުނު ކޮންމެ ދަނޑިވަޅެއްގައި އެނެމް ފުރިހަމަ އެއްބާރުލުމެއް އެ ރަށުގެ ރައްޔިތުންގެ ފަރާތުން ދީފައިވާ މަންޒަރެވެ. މީގެ އިތުރުން އެ ރަށުގެ އަންހެންވެރިންގެ ހީވާގިކަމާއި ކެރުމެވެ.

Share:

މުޅި ރާއްޖެ 1 ތަނަކުން ބަލައިލަން...

ނަރުދޫގެ ތާރީހުން ފެންނަން އޮތީ އެ ރަށަކީ މަސައްކަތްތެރި ހީވާގި ބަޔަކު ދިރިއުޅެމުން އަންނަ ރަށެއްގެ ގޮތުގައެވެ. ރަށުގެ ކުރިއެރުމަށް ގޮވާލެވުނު ކޮންމެ ދަނޑިވަޅެއްގައި އެނެމް ފުރިހަމަ އެއްބާރުލުމެއް އެ ރަށުގެ ރައްޔިތުންގެ ފަރާތުން ދީފައިވާ މަންޒަރެވެ. މީގެ އިތުރުން އެ ރަށުގެ އަންހެންވެރިންގެ ހީވާގިކަމާއި ކެރުމެވެ.

 

ފުރަތަމަ ފަހަރަށް ނަރުދޫއަށް ރައީސް މައުމޫން ވަޑައިގަތުން

ދިވެހިރާއްޖޭގެ ވެރިކަމާއި މައުމޫން އަބްދުލްގައްޔޫމް 1978 ވަނަ އަހަރު ހަވާލުވެ 1980 ވަނަ އަހަރު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަތުމަށް ނިންމަވައި ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ނަރުދޫއަށް ވަޑައިގަތުމަށް ނިންމެވިއެވެ.

ނަރުދޫއަކީ ވަށައިގެން ފަޅެއް ނެތް އަރާފޭބުމުގެ ދަތިކަން އިންތިހާއަށް އޮތް ގާމަތީ ރަށެކެވެ. ވުމާއިއެކު އެ ދުވަސްވަރު އެ ރަށުގެ ކަތީބުކަމުގައި ހުންނެވި ހެސެއިން އާދަމްފުޅު (ހުސެއިންފުޅު) ރައްޔިތުންގެ މަޝްވަރާގެ މަތިން ނިންމެވީ ރައީސްއަށް އެ ރަށަށް ފަސޭހައިން އަރާ ފޭބޭނޭ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ރަށުގެ ގޮނޑުދޮށުގައި ފާލަމެއް އެޅުމަށެވެ.

ރައީސް މައުމޫން ނަރުދޫއަށް ކުޑަ ދޯންޏެއްގައި ފައިބާވަޑައިގަންނަވާ މަންޒަރު

މި ފާލަން އަޅަން ނިންމީ އެ ރަށުގެ ހުޅަނގު ދެކުނު ފަރާތުގައެވެ. ބަނޑަހަމަގުގެ ކޮޅުގައެވެ. އެތަނަކީ އިރުވާ މޫސުމުގައި ރަށަށް އަރާފޭބުމަށް އެންމެ ފަސޭހަ ސަރަހައްދެވެ. ފާލަމުގެ މަސައްކަތް އެތަނުގައި ކުރިއަށް ގެންދަން ނިންމި މައިގަނޑު ސަބަބަކީ އެއީއެވެ.

މަސައްކަތްކުރާނޭ ވަސީލަތެއް ނެތް އެ ޒަމާނުގައި ގާމަތީ ރަށެއްގައި ރަނގަޅު ފެންވަރުގެ ފާލަމެއް އެޅުމަކީ ބޮޑު ގޮންޖެހުމެއްކަން ދަނެ އެ ރަށުގެ ރައްޔިތުން މި މަސައްކަތާއި ކުރިމަތިލީ ނުހަނު ޖޯޝާއި ފޯރީގައެވެ.

m talk

ޖެހިގެން އައި ދުވަހު ހެނދުނު ރަށުގެ ރައްޔިތުން އެއް ރޫހެއްގައި ނުކުމެ ފާލަމުގެ މަސައްކަތް ފެށިއެވެ. ކަނޑޫފަލަށް ގޮސް ކަނޑޫގަސް ކަނޑައި މޫދުލައިގެން ފާލަން އަޅަން ހަމަޖެހިފައިވާ ދިމާއަށް ގެނައެވެ. ފާލަމުގެ ތަނބުތައް ޖެހުމަށް ބޭނުންވާ ރުއް ރަށުގެ ވަލުތެރެއިން ކަނޑައި، އެ ސަރަހައްދަށްނެރެ ފާލަމުގެ މުޑިއަށް ރުއްގުޅި ޖެހިއެވެ. ފާލަން ވަރުގަދަ ކުރުމަށްޓަކައި ތިން ބަރިއަށް މުޑިޖަހައި ފާލަމުގެ ދިގަށާއި ހުރަހަށް ކަނޑުލުން އަނގުނު އަޅައި ރޯނުން ވަރުގަދައަށް އައްސާލައި ގުޅުވާލިއެވެ. ފާލަމުގެ އެއްސުންތައް އެއްސުމަށް ބޭނުންވާ މިންވަރަށް ރޯނު އެ ރަށުން ނުލިބުމުން، މަސައްކަތަށް ބޭނުންވާ ރޯނު ގެނެސްފައި ވަނީ އެ އަތޮޅު ފުނަދޫއިންނެވެ.

އެ ރަށުގެ ވަލުތެރެއިން ހޮޅު ކަނޑައި، އެ ފެޅުމަށްފަހު ފާލަމުގެ އެއްކޮޅުން އަނެއްކޮޅަށް ހޮޅަކާއިޖެހި ހޮޅެއް އަތުރައި އޭގެމަތީން ސަޓާ އެޅުމަށްފަހު ދޮންވެލި ލިއެވެ. ފާލަން ނިންމާލީ ބޭރުކޮޅުގައި ސިޑިހަދައި ފާލަމަށް ފަސޭހައިން އެރޭނޭ އިންތިޒާމާއި އެކުގައެވެ.

m walk magu

ބުނެވޭ ގޮތުގައި މިފާލަމުގެ މަސައްކަތަށް ދެ މަސްދުވަސް ހޭދަވިއެވެ. މި މުއްދަތުގައި އެ ރަށުގެ އަންހެން ވެރިން ވެސް ވަނީ ނަމޫނާ ދައްކާފައެވެ. ރަށުގެ އަންހެންވެރިން ގްރޫޕްތަކަކަށް ބަހައިގެން ފިރިހެންވެރިން ފާލަމުގެ މަސައްކަތްކުރާ ސަރަހައްދަށް، މަސައްކަތް ކުރި ހުރިހާ ދުވަހެއްގެ ހުރިހާ ވަގުތެއްގެ ކެއުމާއި ސަޔާއި އަދި ޖޫސް ގަޑިތަކަށް ޖޫސް ފޯރުކޮށްދިނެވެ. ނަރުދޫގެ އަންހެން ވެރިންނަކީ ވެސް އެ ރަށުގައި ކުރެވޭ މިފަދަ މަސައްކަތްތަކުގައި ނަމޫނާ ދައްކާ ބައެކެވެ.

ރައީސް މައުމޫނާއިއެކު އެ ދަތުރު ފުޅުގައި ސަރުކާރުގެ ބައެއް އިސް ބޭފުޅުން ވެސް ބައިވެރިވެ ލެއްވިއެވެ. އެ ދުވަސްވަރާއި އަޅާބަލާފައި ނަރުދޫގެ ރައްޔިތުން ފާލަން އެޅުމަށް ކޮފައިވާ ފުރިހަމަ މަސައްކަތް ފެނިފައި އެ ބޭފުޅުންނަސް ވެސް ލިބިލެއްވީ ހައިރާންކަމެވެ. އެ ފާލަން އެތަނުގައި ހަލާކުނުވެ އަހަރަކަށްވުރެ ގިނަދުވަހު ހުރިކަމަށް ބުނެވެއެވެ.

m walk

ނަރުދޫ ބޮޑުރާޅު

މޫސުމީ ބަދަލުތަކާއިއެކު އުދައެރުމުގެ ހާދިސާތައް ނަރުދޫއަށް މިހާރު ވެސް އަންނަނީ ކުރިމަތިވަމުންނެވެ. މިގޮތުން 2021 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ކުރީކޮޅު އެ ރަށަށް އުދައެރުމުގެ ހާދިސާއެއް ހިނގާފައިވެއެވެ. އެ ފަހަރު ރަށުގެ 600 އެއްހާ ފޫޓު އެތެރެއަށް ލޮނުގަނޑު ވަތްއިރު އަށް ގެޔަކަށް ލޮނުގަނޑު ވަދެގެން އެހީތެރިކަން ފޯރުކޮށްދޭން ޖެހުނުކަމަށް ނޫސްތަކުގައި ރިޕޯޓް ކޮށްފައި ވެސް ވެއެވެ. މިކަންކަމުން އެނގެނީ ނަރުދޫއަށް މިހާރު ވެސް ދޭތެރެދޭތެރެއިން އުދައިގެ އަސަރު ކުރަމުން އަންނަކަމެވެ.

1967 ވަނަ އަހަރު ނަރުދޫއަށް ބޮޑު ރާޅެއް އެރިވާހަކައަކީ އެ ރަށުގެ ތާރީހާއި ގުޅިފައިވާ ހާދިސާއެކެވެ. ބުނެބޭގޮތުގައި އެ ރާޅުގެ އަސަރު އެ ރަށުގެ ބޮޑު ބަޔަކަށް ކުރިއެވެ. އެ ރާޅުގެ ސަބަބުން މީހަކަށް އަދި ގެޔަކަށް ބޮޑު ގެއްލުމެއް ނުލިބުނު ނަމަވެސް ރާޅުގެ އަސަރުކުރި ހުރިހާ ހިސާބެއްގައި ހުރި ގަސްތަކުގެ ފަތްތައް ދޮންވެ ފައިބައިގެން ގޮސް ގަސްތައް މަރުވެގެން ދިޔަކަމުގައި ބުނެވެއެވެ. މަރުވެގެން ދިޔަ ގަސްތަކުގެ ތެރޭގައި ރުކާއި ބަނބުކެޔޮ ގަސްތައްފަދަ ގަސް ހިމެނެއެވެ.

gas indhun

ނަރުދޫގެ ބޮޑުބަޔަކުން ގަސްތައް މަރުވެ ކޮންމެވެސް ވަރަކަށް ކާނާގެ ދަތިކަމާއި ކުރިމަތިލާން ޖެހުނުކަމަށް ވެއެވެ. އެ ހާލަތުން އަރައިގަތުމަށް އެ ރަށުގެ ކުދިބޮޑު އެންމެން ނުކުމެ އަލުން ގަސް އިންދައި ރަށް ކުރީގެ ހާލަތަށް ބަދަލުކުރި ކަމަށްވެއެވެ.

ނަރުދޫ ކަތީބް، ހެސެއިން އާދަމްފުޅު (ހުސެއިންފުޅު)

ނަރުދޫގައި ފާލަން އެޅި ދުވަސްވަރާއި، އެ ރަށަށް ރާޅު އެރި ދުވަސްވަރު، އެ ރަށުގެ ކަތީބު ކަމުގައި ހުންނެވީ ކަތީބް ހުސެއިންފުޅެވެ. އެ ބޭފުޅާ އެ ރަށުގެ ކަތީބްކަން 34 އަހަރު ކުރެއްވިއެވެ. މިހާރުގެ އުމުރުފުޅަކީ 83 އަހަރެވެ.

ކަތީބް ހުސެއިންފުޅު ތައުލީމް ހާސިލް ކުރެއްވުމަށް ފަހު ފުރަތަމަ މަސައްކަތް ކުރެއްވީ މަޖީދިއްޔާ ސްކޫލުގައި މުދައްރިސެއްގެ ގޮތުގައެވެ. އެއަށްފަހު ރަށަށް ވަޑައިގެން ރަށުގައި 8 އަހަރު ވަންދެން ތައުލީމް ފޯރުކޮށް ދިނުމަށް މަދަރުސާ ހިންގިއެވެ. މީގެ އިތުރުން އެ އަތޮޅު ކޮމަންޑޫގައި ތިން އަހަރު ވަންދެން މަދަރުސާ ހިންގަވައި ތައުލީމް ފޯރުކޮށް ދެއްވިއެވެ. ނަރުދޫގެ ކަތީބްކަމާއި ހަވާލުވުމުގެ ކުރިން ޚަތީބް ކަމުގެ ސަނަދާއި ކަށުކަމާއިކެމީގެ ސަނަދު ހާސިލްކުރެއްވިއެވެ. އަދި ކުޑަކަތީބުގެ މަގާމް ފުރުއްވިއެވެ.

katheeb

ނަރުދޫ ކަތީބް ހުސެއިންފުޅަކީ އެ ރަށުގެ ކުރިއެރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައިވާ ސަހްސިއްޔަތެކެވެ. އެ ރަށުގެ އަލަށް އިންޖީނުގެ އިމާރާތްކޮށް ކަރަންޓް ހިދުމަތް ފޯރުކޮށްދިނުމާއި ހެލްތު ޕޯސްޓެއް ގާއިމްކޮށް ސިއްހީ ހިދުމަތް ފޯރުކޮށްދެއްވަން ފެއްޓެވުމާއި މަގުތައް ވެސް މީހުން ހިނގާބިނގާވެ އުޅުމަށް ފަސޭހަވާނޭހެން ފަރުމާ ކުރެއްވުމުގެ މަސައްކަތް ފުރަތަމަ ކުރައްވާފައި ވަނީ އެ ބޭފުޅާގެ ކަތީބުކަމުގައެވެ.

ނަރުދޫގެ ތާރީހީ ކަންކަމުން ލިބޭ އެންމެ މުހިންމު މެސެޖަކީ މީހުން މަދުނަމަވެސް އެއްބައެއްގެ ގޮތުގައި މަސައްކަތް ކޮށްފިނަމަ ނަތީޖާ ނެރެވިދާނެ ކަމެވެ. ރަށުގެ ކުރިއެރުމަށް ގޮވާލެވޭ ކޮންމެ ކަމެއްގައި ރަށުގެ އަންހެން ވެރިން ވެސް ދީފައިވާ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމެވެ. މީސްކޮޅު މަދު ނަރުދޫއަކީ ނަމޫނާ ބަޔަކު ދިރިއުޅެމުން އަންނަ ރަށެކެވެ.

Scroll to Top