މީގެ ފަންސާހަކަށް ނުވަތަ ފަސްދޮޅަހަކަށް އަހަރު ކުރިއަށް ޖެހިލާއިރު މި މުޖުތަމައުގައި ކުއްޖަކާއި ލޯބީގެ ގޮތުން ގުޅުމާއި އެ ގުޅުމުގެ ތެރެއިން ކައިވެންޏާއި ހިސާބަށް ވާސިލްވެވޭ ގޮތުގެ މަރުހަލާތައް އެތުރިފައި އޮންނަ ގޮތަކީ އެހާމެ ތަފާތު ޝަޢުޤުވެރި ވާހަކައެކެވެ.
މީގެ ފަސްދޮޅަހަކަށް އަހަރު ކުރީގައި ށ.ކަނޑިތީމުގެ ކަންކަން އޮންނަ ގޮތް ސިފަކުރަމުން އެ ރަށު އިބްރާހީމް ރަޝާދު (78)، ބުނީ އެ ޒަމާނުގައި އެ ރަށް ފާހަގަ ކުރެވެނީ އާދަޔާ ޚިލާފަށް އަންހެން ކުދިން މަދު ރަށެއްގެ ގޮތުގައި ކަމަށެވެ.
ރަޝާދު ބުނީ އެ މީހުން ކައިވެނިކުރާ އުމުރަށް އެޅިއިރު އެވަރުގެ 35 ފިރިހެން ކުދިން އެ ރަށުގައި ތިބި ކަމަށާއި ނަމަވެސް ރަށުގައި ތިބީ އޭރު އެންމެ ތިން އަންހެން ކުދިންކަމަށެވެ. އެ ތިން ކުދިން ވެސް އޭރު ބާލިގުނުވާ ކަމަށެވެ.

އަންހެން ކުދިން މަދުވެ ގިނަ ފިރިހެނުން އޭރު ކައިވެނި ކުރާނެ އަންހެން ކުދިން ރަށުން ނުލިބުމުން، ކައިވެނި ކޮށްގެން އުޅޭ ބައެއް މީހުންނާއި ދިމާލަށް ބުނާކަމަށް ވެއެވެ. އިނދެގެން އުޅޭތާ މިހާރު މާ ގިނަ ދުވަސް ވެއްޖެ ނޫން ހެއްޔެވެ. ދެން ވަރިކޮށްފައި މަށަށް ދޭންވީނޫން ހެއްޔެވެ. އޭރު އެ އުސޫލުން ކަން ހިނގާކަމަށް ބުނެވެއެވެ. އެ ޒަމާނުގައި މިއީ ހަގީގީ ބުނުމެއް ކަމަށް ވިޔަސް މިއަދު އެ ބަސް އެ ރަށުގައި ބޭނުން ކުރަމުން އަންނަނީ މަޖާޒީ ގޮތުގައެވެ.
އެ ޒަމާނުގައި ކައިވެންޏަށް ޝަރުތު ހަމަވާން ވަކި އުމުރެއް ފުރުން ލާޒިމެއް ނޫނެވެ. އަނެހެން ކުއްޖާ ބާލިގުވާ ހިސާބުން ކައިވެންޏަށް ޝަރުތު ހަމަވީއެވެ. އަންހެން ކުއްޖާ ބާލިގު ވެއްޖެކަން އެނގޭ ހިސާބުން އެ ކުއްޖާއާއި ކައިވެނި ކުރުމަށް ކޮންމެވެސް ފިރިހެން ކުއްޖަކު ފައިނަގާނެއެވެ. އެއީ އޭރު އެކަން އޮތް ގޮތެވެ.
އަންހެނަކާއި ފިރިހެނެއް އެއްވެސް ސިފައެއްގައި އެކަހެރިވެ ވާހަކަ ދައްކަން ތިބުމަކީ އޭރުގެ މުޖުތަމައު ބަލައިގަންނަ ކަމެއް ނޫނެވެ. އެއީ މުޖުތަމަޢުގައި ވަރަށް ލަދުވެތި ކަމަކެވެ. ވުމާއެކު އަންހެން ކުއްޖަކާއި ލޯބީގެ ގޮތުން މުއާމަލާތް ކުރަން ބޭނުން ކުރެވޭ އެއް ވަސީލަތަކަށް ވެފައި އޮތީ ސިޓީއެވެ. ލޯބީގެ ސިޓީއެވެ.

އެ ހާލަތު ސިފަކުރަމުން ރަޝާދުބުނީ އޭނާ ލޯބީގެ ގޮތުން ގުޅުނު ކުއްޖާއާއި ވާހަކަ ދައްކަން ލޯބީގެ ސިޓީ ލިޔުނު ކަމަށާއި އެ ސިޓީ ލިޔެފައި އޮޅާލުމަށް ފަހު އަންހެން ކުއްޖާ ގޭގެ ފާރުގެ ލޯވަޅެއްގެ ތެރޭ ފޮރުވާ ކަމަށެވެ. އެކަން އަންހެން ކުއްޖާއަށް ކޮންމެވެސް ގޮތަކުން އެންގުމުން ސިޓީ ނަގައިގެން ކިޔުމަށް ފަހު، އޭގެ ޖަވާބު ލިޔެފައި ހަމަ އެ ލޯވަޅުގެ ތެރެއަށް ލާނެ ކަމަށެވެ. ދެ ފަރާތުން އެ ސިޓީނަގައި ހަދާނީ ވެސް ވަރަށް ސިއްރުން ކަމަށެވެ.
ރަޝާދު އިތުރަށް ބުނީ ލޯބީގެ ސިޓީ އަންހެން ކުއްޖާއާއި ހަވާލުކުރަން ބައެއް ފަހަރު ގާތް އެކުވެރި ފިރިހެން ކުދިންނާއި ވެސް ބައެއް މީހުން ހަވާލުކުރާ ކަމަށާއި، ބައެއްފަހަރު އެ ސިޓީ ހިފައިގެންދާ ފިރިހެން ކުއްޖާ އޭގެ ފައިދާ ނަގައި އެ އަންހެން ކުއްޖާއާއި ކައިވެނި ކުރާ ފަހަރު އަންނަ ކަމަށެވެ.
ކައިވެނި ކުރުމަށް ފަހު ދެމަފިރިން އެކުގައި ފެންވެރުމާއި، ދެމަފިރިން އެކުގައި މަގުމަތިން ހިނގާފައި ދިޔުމާއި، ނުވަތަ އަތިރިމަތީ ފަދަ ތަނެއްގައި ވިޔަސް ދެމަފިރިން އެކަހެރިވެ ތިބުމަކީ އޭރުގެ މުޖުތަމައު ބަލައިގަންނަ ކަންކަމެއް ނޫނެވެ. އެއީ އެ ޒަމާނުގައި ވަރަށް ލަދުވެތި ކަންކަމެވެ. ރަޝާދު ބުނާގޮތުންނަމަ މިއީ އޭރު މުޅި ރާއްޖޭގައި ވެސް މިކަން އޮތް ގޮތެވެ.

ކަނޑިތީމުގައި އަންހެން ކުދިން މަދުނަމަ ވެސް ކައިރި ރަށްރަށުގައި އަންހެން ކުދިންގެ އާބާދީ ހަމަ ފިރިހެން ކުދިންނާއި އެއްވަރުކަމަށް ވެއެވެ. ވުމާއިއެކު އެ ރަށުގެ އެތައް ބަޔަކު އޭރު ކައިރި ރަށްރަށުން ވެސް މީހުންނާއި އިންނަ ކަމުގައި ވެއެވެ.
އެ ޒަމާނުގައި ކަނޑިތީމުގައި އަންހެން ކުދިން މަދު ނަމަވެސް މިހާރު ހާލަތު ތަފާތެވެ. މިހާރު އެ ރަށުގައި ފިރިހެނުންގެ އާބާދީއާއި އަންހެންގެ އާބާދީގެ މާ ބޮޑު ތަފާތެއް ނެތެވެ.




