cover photo

ފިލައިނުދާ އަވަށު ވާދަވެރިކަން!

އިހުޒަމާނުގައި ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ހެން އަވަށު ވާދަވެރިކަން އޮވެއެވެ. މިއީ ކިހިނެއް ފެށިފައިވާ ވާދަވެރިކަމެއް ކަން ބުނަން ނޭނގުނު ނަމަވެސް މި ވާދަވެރި ކަމުގެ ސަބަބުން ބައެއް ރަށްތަކަށް ބޮޑެތި މަންފާތައް ވެސް ކޮށްފައި އެބަހުއްޓެވެ. އެއީ ހެޔޮގޮތުގައި އޮންނަ ވާދަވެރިކަމުގެ ނަތީޖާއޭ ބުނެވިދާނެއެވެ. އަވަށު ވާދައިގެ ތެރެއަށް ޒާތީވުމާއި ގޮތްދޫނުކުރުމުގެ ގޮތްތައް ކުރިއަށް ނެރެވުމުގެ ނަތީޖާއެއްގެ ގޮތުން، ބައެއް ރަށްތަކުގައި ބޮޑެތި ހަމަނުޖެހުން ހިނގައި ގެއްލުންތައްވެފައި ވެސް އެބަހުއްޓެވެ.

Share:

މުޅި ރާއްޖެ 1 ތަނަކުން ބަލައިލަން...

އިހުޒަމާނުގައި ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ހެން އަވަށު ވާދަވެރިކަން އޮވެއެވެ. މިއީ ކިހިނެއް ފެށިފައިވާ ވާދަވެރިކަމެއް ކަން ބުނަން ނޭނގުނު ނަމަވެސް މި ވާދަވެރި ކަމުގެ ސަބަބުން ބައެއް ރަށްތަކަށް ބޮޑެތި މަންފާތައް ވެސް ކޮށްފައި އެބަހުއްޓެވެ. އެއީ ހެޔޮގޮތުގައި އޮންނަ ވާދަވެރިކަމުގެ ނަތީޖާއޭ ބުނެވިދާނެއެވެ. އަވަށު ވާދައިގެ ތެރެއަށް ޒާތީވުމާއި ގޮތްދޫނުކުރުމުގެ ގޮތްތައް ކުރިއަށް ނެރެވުމުގެ ނަތީޖާއެއްގެ ގޮތުން، ބައެއް ރަށްތަކުގައި ބޮޑެތި ހަމަނުޖެހުން ހިނގައި ގެއްލުންތައްވެފައި ވެސް އެބަހުއްޓެވެ.

 

އަޅުގަނޑު ހަސަން ސާޖިން (ޒުވާން މަސްވެރިޔާ) ރާއްޖޭގެ އުތުރުން ދެކުނަށް ކުރަމުން މިދާ ދަތުރުރުގައި އެންމެ އުތުރުގެ ތިން އަތޮޅުގެ ހުރިހާ ރަށަކަށް ދަތުރުކޮށް ގާތްގަނޑަކަށް ނިމުމަކާއި ހިސާބަށް ފޯރާފައިވާއިރު، ބައެއް ރަށްރަށުގައި އަވަށު ވާދަވެރިކަން ނުފިލައި އޮތްކަން ފާހަގަ ކުރެވުނެވެ.

މާކަނޑޫދޫ އަވަށު ވާދަ

އިހުޒަމާނުއްސުރެ ދިވެހީންގެ މެދުގައި އޮތް އަވަށު ވާދައިގެ ވާހަކަތައް ދުވަސްވީ މީހުންގެ/މީހެއްގެ ފުށުން އޮޅުން ފިލުވާލުމުގެ ޝައުގު އޮތުމާއިއެކު ށ.މާކަނޑޫދޫގައި (މާކަނޑޫދޫ މީހުން މިހާރު ވަނީ އެ އަތޮޅު މިލަންދޫގައި އާބާދު ކުރެވިފައި) އަވަށު ވާދަވެރިކަން އޮތްނެތް ގޮތް އޮޅުން ފިލުވާލުމަށްޓަކައި އެ ރަށު އަބްދުލް ހަކީމް (70) އާއި ވާހަކަ ދައްކާލީމެވެ.

މިގޮތުން އަބްދުލް ހަކީމް ވަނީ މީގެ ފަންސާހަކަށް އަހަރު ކުރީގައި އެ ރަށުގައި އަވަށު ވާދަވެރިކަން އޮންނަ ގޮތް ހަނދާނުގައި ހުރި މިންވަރުން ހިއްސާ ކޮށްފައެވެ.

މާކަނޑޫދޫގައި އޮންނަނީ ދެ އަވަށެވެ. އެއީ ޅޮސް އަވަށާއި ތުނޑި އަވަށެވެ. އެ ޒަމާނުގައި މި ދެ އަވަށުގެ މެދުގައި ވަރަށް ބޮޑު ވާދަވެރިކަމެއް އޮވެއެވެ. ހާއްސަކޮށް އަންހެން ކުދިންގެ މައްސަލާގައި އޮންނަ ދެބަސްވުމާއި އަރާރުންވުން ބޮޑެވެ. ޒަމާނަކީ މަގުތަކުގައި އަލިކަމެއް ހުންނަ ދުވަސްވަރަކަށް ނުވުމާއިއެކު ވަގަށް އެއް އަވަށުން އަނެއް އަވަށަށް ޒުވާން ފުރާގެ ފިރިހެން ކުދިން އަންހެން ކުދިން ހޯދަން ގޮސް އުޅުން އޮންނަނީ ފަސޭހަކަމަކަށް ވެފައެވެ. އަންހެން ކުދިން ހޯދަން އަންނަ ފިރިހެން ކުދިން އަތުލައިގަތުމަށް އަނެއް އަވަށު ފިރިހެން ކުދިން ވެސް ފާރަލާ ހަދާނެއެވެ. ވުމާއިއެކު އަންހެން ކުދިން ހޯދުމަށް އަނެއް އަވަށަށް ވަގަށް ވެސް ދާން ކެރޭނީ ހިތްވަރު ހުންނަ ފިރިހެން ކުއްޖަކަށެވެ. މިހެން ވަގަށް އުޅެނިކޮށް އަނެއް އަވަށު ފިރިހެން ކުދިން އަތްދަށު ވެއްޖެނަމަ ބޮލުގައި ޓަކިތަޅައި ބޯ ފަޅައިލުންފަދަ ކަންކަން ކުރާ ފަހަރު ވެސް އާދެއެވެ. އަދި މިނޫން ވެސް ކުދި އަނިޔާތައްދީ އުޅެއެވެ.

maakandoodhoo

ހަކީމް ބުނާގޮތުން ނަމަ އެ ޒަމާނުގައި ރަށުގައި އަންހެން ކުދިން މަދުވުމަކީ، އަންހެން ކުދިންގެ މައްސަލަތައް ފިރިހެން ކުދިންގެ މެދުގައި ޖެހެން ދިމާވާ މައިގަނޑު އެއް ސަބަބެވެ. މީގެއިތުރުން އެއް އަންހެން ކުއްޖަކާއި ދެ ފިރިހެން ކުދިން ހިތާވުންފަދަ މައްސަލަތައް ވެސް ކުރިމަތިވެއެވެ.

ރާއްޖޭގައި ބޮޑުމަސް ދުއްވުމުގެ ކުޅިވަރު އާންމު ގޮތެއްގައި ފެނިގެންދާނީ ބޮޑު އީދުގައެވެ. މާކަނޑޫދޫގައި ބޮޑުމަސް ދުއްވާ އުޅެނީ ކަނދިދުވަހާއި ގުޅުވައިގެންނެވެ. ދިވެހިން އިހުގައި ފާހަގަކޮށް އުޅުނު ކަނދިދުވަހަކީ މުހައްރަމް މަހުގެ ނުވަވަނަ ދުވަހާއި ދިހަވަނަ ދުވަހެވެ. މި ދުވަސްތަކަށް ކަނދިދުވަހޭ ކިޔުނީ ކަނދިކައްކައިގެން ގޭގޭގައި ޞަލަވާތް ކިޔަވައި އަދި އެ ކަންޖާއިއަޅައި ކުދިން ކިރައި ހަދާތީއެވެ.

ކަނދިދުވަހާއި ގުޅުވައިގެން ބޮޑުމަސް ދުއްވުމުގެ ކުޅިވަރަށް، އެ ރަށު ދެ އަވަށުގައި ބޮޑުމަސް ތައްޔާތު ކުރެއެވެ. ދެ އަވަށުގައި ވެސް ބޮޑުމަސް ތައްޔާރުކޮށް އުޅެނީ ރުކުގެ ފަން ބޭނުން ކޮށްގެނެވެ. ހާއްސަކޮށް ގިނައަދަދަކަށް ބޮންތި ފަން ބޭނުން ކޮށްގެންނެވެ. ދެ އަވަށުގެ ބޮޑުމަސް ވެސް ހަދާފައި ހުންނަނީ އޭގެތެރޭ މީހުން ތިބެގެން ދުއްވާ ގޮތަށެވެ. މީހުން އޭގެތެރޭ ތިބޭއިރު ފެންނާނީ ކަކުލުންތިރިއެވެ. ދުރުން ބަލާމީހުންނަށް އޭގެތެރޭ ތިބީ ކޮންބައެއްކަން އެނގުނަ ނުދިނުމަށްޓަކައި މަހުގެ ވަށައިގެން ފަނުން އިރުވާން އެލުވާފައި ހުރެއެވެ.

ކަނދިވިލޭރެއިން ފެށިގެން ތިންރޭ ވަންދެން ކޮންމެ އަވަށެއްގައި ބޮޑުމަސް ދުއްވުން އޮންނާނެއެވެ. މިއީ މާކަނޑޫދޫގައި އިހުގައި އަވަށު ވާދަވެރިކަން ވަރަށް ބޮޑަށް ފެނިގެން ގޮސްފައިވާ ކުޅިވަރެކެވެ. ފަނުންވިޔެ މަސް ތައްޔާރުކުރާއިރު އެއްބަޔަކު މަހަށްވުރެ އަނެއް ބަޔަކު މަސް ފުރިހަމަކޮށް ހެދުމަށް މަސައްކަތް ކުރުން ވެސް އޮންނަނީ ވާދަވެރިކަމަކަށް ވެފައެވެ.

maakandoodhoo eid

ދެ އަވަށުގައި ބޮޑުމަސް ދުއްވުން އޮންނާނީ ރޭގަނޑު އިޝާނަމާދަށް ފަހުއެވެ. މަހުގެ ތެރެއަށް އެއްބަޔަކު އެރިގެން ދުއްވަން ތިބޭއިރު ވަށައިގެން “މަސް ގާޑުން” ގެ ގޮތުގައި ގައިގައި ވަރުހުރި ބޮޑެތި މީހުން ތިބޭނެއެވެ. އަދި ބޮޑުމަހާއިއެކު ތަފާތު ނަންނަން ކިޔާ ފަންމާލިތައް އުޅޭނެއެވެ. އެ މާލިތަކުގެ ތެރޭގައި ފަންމާލި، ފޯމާލި، ކަކުނި ފޮށިގަނޑުގެ ނަމުން ނަންދެވިފައިވާ މާލިތައް ހިމެނެއެވެ. ޕެރޭޑެއްގޮތަށް މަސް މެދުގައި ބާއްވައިގެން ރަށުގެ މަގުތަކުގައި ދުއްވާއިރު، ފުރަތަމަ ރޭ މަސް ދައްކާލުމަށްޓަކައި އެއްއަވަށު މަސް އަނެއް އަވަށުގެ މަގުތަކަށް ގޮސް ދުއްވާނެއެވެ. އަނެއް އަވަށު މަގުތަކުގައި މަސް ދުއްވާނަމަ އެ އަވަށު މީހުން ނުކުމެ މަސް ކަފާލަން ވެސް މަސައްކަތް ކުރާނެއެވެ. ނަމަވެސް މަސް ގާޑުން އަނެއް އަވަށު މީހުން މަހާއި ކައިރިވިޔަނުދީ ހިފަހައްޓާނެއެވެ.

ފުރަތަމަ ދެރޭ އެ ގޮތަށް ކުޅިވަރު ނިމިގެންދިޔަ ނަމަވެސް ތިންވަނަރޭ އާންމުކޮށް އެއްއަވަށު މަސް އަނެއް އަވަށު މަހާއި ޖެއްސުން އޮންނާނެއެވެ. އެ ރޭ މަސް ދުއްވާއިރު އެއްމަސް އަނެއް މަހުގެ ފަހަތު އަޅުވާނެއެވެ. އެރޭ މަސްދުއްވާއިރު އެއްމަސް އަނެއް މަހުގައި ޖައްސައި، މަސް ހަލާކުކޮށްލަން މަސައްކަތްކުރާނެއެވެ. އެ އަވަށެއްގެ މަސް ސަލާމަތުން ބާއްވައި އަނެއް އަވަށު މަސް ހަލާކުކޮށްލަން މަސައްކަތްކުރާނެއެވެ. އެބައެއްގެ މަސް ދިފާއުކުރަން އެބަޔަކު މަސައްކަތް ކުރާއިރު، އަނެއް އަވަށު މަސް ހަލާކުކޮށްލެވުމަކީ ޝަރަފެއްކަމުގައި އޭރު އައީ ދެކެމުންނެވެ.

ބާރަށުގެ އަވަށު ވާދަވެރިކަން

އަޅުގަނޑު އުތުރުން ދެކުނަށް ކުރަމުންމިދާ ދަތުރުގައި މިހާތަނަށް ދެވުނު ރަށްތަކުގެ ތެރެއިން އަވަށު ވާދަވެރިން ނުފިލައި އޮތް ރަށެއް ގޮތުގައި ފާހަގަ ކުރެވުނު އެއް ރަށަކީ ހއ.ބާރަށެވެ. ވުމާއިއެކު އަވަށު ވާދަވެރިކަން އެ ރަށުގައި އޮތްގޮތް އޮޅުން ފިލުވާލުމަށް އެކި އުމުރުގެ މީހުންނާއި ސުވާލުކޮށްލީމެވެ.

baarah

އިހުގައި ބާރަށު އެއްއަވަށު މީހުން އަނެއްއަވަށު މީހުންނާއި ކައިވެނި ކުރުމަކީ ދުރުކަމެއްކަމަށް ވެއެވެ. އުތުރު އަވަށު ބަޔަކު ދެކުނު އަވަށަށް، ދެކުނުއަވަށު ބަޔަކު އުތުރުއަވަށަށް އަރައިފިނަމަ ގާއުކުންފަދަ ކަންކަމާއި ކުރިމަތިލާން ޖެހެއެވެ. ނަމަވެސް މިއަދު މި އަމަލުތައް އެ ރަށުން ވެސް ވަނީ ފިލައި ގޮސްފައެވެ. ރަށުގެ ކޮންމެ ބަޔަކަށް ވެސް އެބަޔަކު ބޭނުންތަނަކަށް ގޮސް ހެދުމުގައި އެއްވެސް ގޮނެޖެހުމެއް ނެތެވެ. ކައިވެނިތައް ކުރުމުގައި ވެސް މި ހުރަސްތައް ވަނީ ނެތިގޮސްފައެވެ.

ނުވަދިހައިގެ އަހަރުތަކުގައި އެ ރަށުގެ ދެ އަވަށުގައި، އެ އަވަށަކުން އިސް ނަގައިގެން މަކުތަބު ހަދާފައި ހުރެއެވެ. އެ އަވަށެއްގެ ކުދިން ކިޔަވަންދާނީ އެ އަވަށެއްގެ މަކުތަބަށެވެ. ނަމަވެސް މިއަދު އެ ރަށުގައި ވަކި އަވަށަކަށް ނިސްބަތްވާ ސްކޫލެއް ނެތެވެ. ހުރީ ސަރުކާރު ސްކޫލެކެވެ.

އެއްބަޔަކަށްވުރެ އަނެއް ބަޔަކު ފުރިހަމަކޮށް އަދި ވަރަގަދަކޮށް ރަށަށް އަރާ ފޭބުމަށް ފާލަން ހެދުމާއި، އަވަށު ވާދައަށް އެ އަވަށަކަށް ނިސްބަތްވާ ދިމާގެ އަތިރިމަތީ  އަނެއް އަވަށުން އަޅާފައިވާ ހޮޅުއަށްޓަށްވުރެ ފުރިހަމައަށް ހޮޅުއަށި އެޅުންފަދަ ކަންކަމަކީ ޕޮޒިޓިވްކޮށް ވިސްނާނަމަ އަވަށު ވާދައިގެ ސަބަބުން އެ ރަށަށް ލިބުނު ކުރިއެރުމެއް ކަމުގައި ބެލިދާނެއެވެ.

އީދު ކުޅިވަރު ކުޅުމާއި މުނާސަބާ ފާހަގަ ކުރުމުގައި އިހުގައި ދެއަވަށުގެ މެދުގައި ވަރަށް ބޮޑު ވާދަވެރިކަމެއް އޮތެވެ. މިއަދު އެ ވާދަވެރިކަން ކޮންމެވެސް ވަރަކަށް ދަށަށް ގޮސްފައި ވީނަމަވެސް ފާހަގަ ކޮށްލެވޭވަރަށް މި ވާދަވެރިކަން އަދި ވެސް އެ މުޖުތަމައުގައި އެބައޮތެވެ. ކުޅިވަރު މުބާރާތްތައް ބޭއްވުމާއި މުބާރާތްތަކުގައި ބައިވެރިވުމުގައި އެ ރަށު ޒުވާނުންގެ ތެރޭ ވެސް އަވަށު ވާދަ ފިލައި ނުގޮސް އޮތްކަން ފާހަގަ ކުރެވުނެވެ.

ކުޑަ އީދަށް މަރުހަބާ ކިޔުމުގެ ގޮތުން ރޯދަ މަހުގެ އެންމެ ފަހު ދުވަހު ބާރަށުގައި ކައްކާ ދިގު ބަތްޕެނެއްގެ ވާހަކަ އަޑުއަހާފައިވާނެއެވެ. މި ބަތްޕެން ކެއްކުމުގައި ވެސް އަވަށު ވާދަ ފެނިގެންދެއެވެ. އެއް ދުވަހެއްގައި މި ބަތްޕެން ދެ އަވަށުގައި ކައްކައެވެ.

dhigu baippen

އެ ރަށުން ދިރިއުޅުމަށް ގެވަޅު ދޫކުރާނަމަ ދެ އަވަށުން ގެވަޅު ދޫކުރަން ޖެހުމާއި، ދެކުނު އަވަށުން އުތުރު އަވަށު މީހަކަށް ގެވަޅު ލިބިއްޖެނަމަ އެ ގެވަޅު ކޮންމެ ގޮތަކުން ވިޔަސް އޭނާ ބޭނުންވާ އަވަށަށް ނިސްބަތްވާ ސަރަހައްދަށް ބަދަލުކުރުމުގެ ވިސްނުމަކީ މިއަދު ވެސް އެ ރަށުގައި އަވަށު ވާދަ ފެންނަނަ ހުރި ކަންކަމެވެ.

އެ ރަށު ބައެއް މީހުން ބުނާގޮތުގައި ޒަމާނަށް އައި ބަދަލުތަކާއިއެކު އަވަށު ވާދަވެރިކަމުގައި މިހާރު އޮތީ އަނެއްކާ ވެސް ތަފާތު ބާބެއް ފެށިފައެވެ. ސިޔާސީ ކުޅިގަނޑު ރާއްޖޭގައި ފެށުނު ހިސާބުން އެ ރަށުގައި އަވަށު ވާދަވެރިކަން ވަނީ އެކަމުގެ ތެރެއަށް ވަދެފައެވެ. އިންތިހާބަކާއި ކުރިމަތިލާނަމަ އުތުރު އަވަށުން ނުކުންނަ ކެނޑިޑޭޓަށް ދެކުނުއަވަށު މީހުން ވޯޓްނުލުމާއި، ދެކުނުއަވަށުން ނުކުންނަ ކެނޑިޑޭޓަށް އުތުރުއަވަށު މީހުން ވޯޓްނުލުމުގެ ވިސްނުން މިހާރު ވެސް އޮތީ ހަމަ އެގޮތުގައެވެ.

eid

ސަރުކާރުން އެ ރަށުގައި އަޅާ ފުޓްބޯޅަ ދަނޑާއި ބަހައްޓާ އޭޓީއެމްއާއި ހަދާ ބަނދަރުފަދަ ތަންތަން ކޮންމެ އަވަށަކުން ވެސް އެ އަވަށެއްގައި އަޅަން ބޭނުންވެ އެކަން އެގޮތަށް ވުން އެއީ ޝަރަފެއްކަމުގައި ވިސްނުންފަދަ ހާލަތްތައް އަވަށު ވާދައިގެ ސަބަބުން މިހާރުވެސް އެ ރަށުގައި އަންނަނީ ކުރިމަތިވަމުންނެވެ.

Scroll to Top